ހުޅުމާލޭ އެކެއްގައި ހަދާ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް އިމާރާތްކުރަން ޗައިނާ އާއި ސައުދީ އަރަބިއްޔާގެ ހިލޭ އެހީ ހޯދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އަންނަ އަހަރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެކަމުގެ އުއްމީދު ބޮޑުކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރާފިއު ވިދާޅުވީ ފުޓްބޯޅަ ސްޓޭޑިއަމެއް އިމާރާތްކުރުމަކީ ބޮޑު ހަރަދުތަކެއް ހިނގާނެ ކަމެއް ކަމަށެވެ. އެކަމަށް ލޯނެއް ނަގައިގެން ކުރާނަމަ އެކަން ވާނީ ވަރަށް ބޮޑު ގެންޖެހުމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލޯނެއް ނަގައިގެން އެކަން ކުރަންވެއްޖެއްޔާ އެއީ، ވަރަށް ބޮޑު ބާޑެން އަކަށް ވާނީ،" ރާފިއު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ހިލޭ އެހީ ހޯދައިގެން ފުޓްބޯޅަ ސްޓޭޑިއަމް އިމާރާތްކުރުމުގެ މަސައްކަތް ކުރުން ކަމަށް ރާފިއު ވިދާޅުވި އެވެ. 

"އަޅުގަނޑު މީގެ ކުރިން ވެސް ދަންނަވާލާފަ އޮންނާނެ ދެ ގައުމަކާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން ކުރިއަށްދާ ވާހަކަ. އެއީ ޗައިނާ އާއި ސައުދީ އަރަބިއާ،" ރާފިއު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެ މަޝްރޫއަށް ކުރަން ޖެހޭ ސާވޭ އާއި އެސެސްމެންޓް މި އަހަރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ވަނީ އެތަނަށް ހަދަން ޖެހޭ ސާވޭ އާއި (އެސެސްމެންޓް) މި އަހަރު ކުރެވޭނެ ގޮތް ނިމިފަ،" މިނިސްޓަރު ވިދާޅުވި އެވެ. 

ޗައިނާ އާއި ސައުދީ އަރަބިއްޔާއާ އެކު ކުރިއަށްދާ މަޝްވަރާތައް ނިމުނުހާ އަވަހަކަށް އެ މަޝްރޫއު ރަސްމީކޮށް ލޯންޗުކުރާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.

"މިހާރު އިރާދަފުޅު ކުރެއްވިއްޔާ ވަރަށް ހޯޕްފުލްކޮށް އަޅުގަނޑުމެން މި ތިބީ އެ މަސައްކަތުގެ ޕޭޕޭ ވޯކް  މި އަހަރު ތެރޭގައި ނިމި އަންނަ އަހަރުތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ. 

ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމްގެ ގޮތުގައި މިހާރު ބޭނުން ކުރަނީ ގަލޮޅު ދަނޑެވެ. އެކަމަކު އެތަން އުވާލައި ރަސްމީ ދަނޑުގެ ގޮތުގައި ނޫން އެހެން ބޭނުމަކަށް އެތަން ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށް ކުޅިވަރު ވަޒީރު ވިދާޅުވި އެވެ. 

ދަނޑުގެ އިރުމަތި ފަރާތާއި ދެކުނު ފަރާތުގެ ސިޑިބަރި މިހާރު ވެސް ހުރީ ވީރާނާ ވެފަ އެވެ. މިނިސްޓަރު ވިދާޅުވީ ވީރާނާ ވެފައި ވާ ސަރަހައްދު ތަޅާލުމުގެ މަސައްކަތް ވެމްކޯއިން ކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.