މަންދޫބުންނަށް ގައުމުތަކުން ދިނީ ފުރަގަސް: އިދިކޮޅު

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މައުލޫމާތު ދޭން ތިން ގައުމަކަށް ސަރުކާރުން ފޮނުވި މަންދޫބުންނަށް އެ ގައުމުތަކުން ފުރަގަސް ދީފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.


ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ މައުލޫމާތު ދޭން ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާ އާއި ޕާކިސްތާން އަދި ޗައިނާއަށް މަންދޫބުން ފޮނުވާފަ އެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި އިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހުންނެވީ ޗައިނާގަ އެވެ. އަދި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަޑައިގަތީ ޕާކިސްތާނަށެވެ.

މ. ކުނޫޒުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ވިދާޅުވީ ސައުދީއަށް ވަޑައިގެން މަންދޫބަށް އެ ގައުމުގެ އެއްވެސް އިސް ބޭފުޅަކާ ބައްދަލެއް ނުވެ އެވެ. އެހެންކަމުން މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ އޭގެ ބަދަލުގައި ސައުދީގެ ރައްޔިތުން ރާއްޖެއަށް ދަތުރު ކުރުމުގައި ރައްކާތެރިވުމަށް އެދި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭން ގާތް ގުޅުމެއް ބޭއްވި ސައުދީ ސަރުކާރުން ވެސް މިހާރު ދިވެހި ސަރުކާރާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީއަށް ކުރެއްވި ދަތުރު ކާމިޔާބު ކަމަށާއި އެކަން ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. ދަތުރުގެ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

ޕާކިސްތާނުން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅުކަމަށް ބުނެފަ އެވެ. އެކަމަކު ރާއްޖޭގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް އެ ގައުމުން ނުވަންނާނެ ކަމަށް އާސިމަށް އެންގި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.

އަހުމަދު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ކަންތައްތަކުގެ ތެރެއަށް އެ ގައުމުން ވަންނަން ބޭނުން ނުވާ ކަމަށް ބުނުމަކީ ވެސް ސަރުކާރަށް ފުރަގަސް ދިނުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ޗައިނާއަށް ވަޑައިގެންނެވި ސައީދަށް ވެސް ކުރިމަތިވެވަޑައިގަތީ ހަމަ އެ މައްސަލަ ކަމަށް އަހުމަދު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ސަރުކާރުގެ އަމަލުތަކަށް ތާއިދުކޮށް ޗައިނާއިން މިހާތަނަށް އެއްޗެއް ބުނެފައި ނުވުމަކީ އެ ގައުމުގެ އެއްބާރުލުން ވެސް ސަރުކާރަށް ނެތްކަން އަންގައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި ވިސްނާލަން ޖެހޭ ތަންކޮޅަކީ އަޅުގަނޑުމެންގެ ލީޑަރުންގެ ބޮލުގައި ތަފާތު ދޮގު ބަދުނާމުތައް އަޅުވައި، މުޅި ހާލަތު އެހެން ގޮތަކަށް ދައްކަން މަސައްކަތް ކުރިކަމުގައި ވިޔަސް، މިއަދު ދުނިޔޭގެ ގައުމުތަކުން އޮތީ [ރައީސް] ޔާމީންގެ އަމަލުތައް ގަބޫލުނުކުރާ ގޮތަށްކަން. އެހެންވެ، މި ދަންނަވަނީ ސަރުކާރު އޮތީ ގާނޫނީ ހައިސިއްޔަތު ގެއްލި ބަލިވެފައޭ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ދައްކާ ވާހަކަ އަހާނެ އެއްވެސް ޖަމާއަތެއް، ގައުމެއް ނެތް ކަމަށާއި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީއްސުރެ ބައިނަލްއަގްވާމީ މުޖުތަމައުން ދަނީ ސަރުކާރަށް ފާޑުކިޔަމުން ކަމަށެވެ. އެހެންވެ މިއަދު ހުރިހާ ރައްޔިތުން ވެސް، އިސްލާހަށްޓަކައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ދޭން އޭނާ އެދިވަޑައިގެންނެވި އެވެ.

ހުކުމުގައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންކުރަން މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު، ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ވަނީ އިއުލާން ކޮށްފަ އެވެ.

މީގެ އިތުރުން ރިޝްވަތު ހިފުމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ހައްޔަރު ކުރުމާ އެކު، ސުޕްރީމް ކޯޓުން ވަނީ ބަންދުގައި ތިއްބެވި ބޭފުޅުން ދޫކުރުމުގެ ބައި އެ އަމުރުން އުނިކޮށްފަ އެވެ.

އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ދޮރުތައް ހަލާކުކޮށްލައިގެން ސިފައިން ވަދެ އެވެ.