ވޯލްޑް ކަޕްގައި އިރާނާ ދެކޮޅަށް ކުޅެންޖެހޭ މެޗު، އެމެރިކާ ނޫން އެހެން ގައުމެއްގައި ކުޅެން ޖެހުނަސް އެކަމަށް ތައްޔާރަށް ތިބިކަމަށް ނިއު ޒިލެންޑްގެ ގައުމީ ޓީމުގެ ކުޅުންތެރިން ބުނެފި އެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ވޯލްޑް ކަޕްގައި އިރާނުން ބައިވެރިވެދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އިރާނަކީ މުބާރާތަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިރާން ކުޅޭ ހުރިހާ މެޗެއް ކުޅެން ހަމަޖައްސާފައި ވަނީ އެމެރިކާގެ ފަސްގަނޑުގަ އެވެ. ޖޫން، ޖުލައިގައި ބާއްވާ މުބާރާތް، އެމެރިކާއާ ހިއްސާވެ މެކްސްިކޯ އާއި ކެނަޑާ ގައި ވެސް ބާއްވާނެ އެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި އެއްފަހަރާ ތިން ގައުމެއްގައ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. 

އިރާންގެ މެޗުތައް މެކްސިކޯ އަށް ބަދަލުކޮށް ދިނުމަށް އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން އެދުނެވެ. އެކަމަކު ފީފާއިން އެ އެދުން ބޮލާލައި ޖަހައި އިރާނުގެ މެޗުތައް އެހެން ތަނަކަށް ބަދަލު ނުކުރެވޭނެކަން އެންގި އެވެ.

އިރާނުގެ ކުޅުންތެރިންނަށް އެމެރިކާގެ ފަސްގަނޑުގައި ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ނުވާނެކަމަށް ދޭހަވާ އިބާރާތަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވާހަކަ ދެއްކި އެވެ. އެއާ އެކު އިރާނުން ވަނީ ވޯލްޑް ކަޕުން ވަކިވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ވޯލްޑް ކަޕްގައި އިރާނާ އެއް ގުރޫޕެއްގައި ލައްވާލި ނިއު ޒިލެންޑްގެ މިޑްފީލްޑަރު ރަޔާން ތޯމަސް ބުނީ އިރާނަކީ ކޮލިފައިވެގެން މުބާރާތުގައި ވާދަކުރާ ގައުމެއް ކަމަށެވެ. އިރާނާ ދެކޮޅަށް ނިއު ޒިލެންޑުން ކުޅޭ މެޗު އެމެރިކާ ނޫން ތަނެއްގައި ކުޅެން ޖެހުނަސް މައްސަލައެއް ނެތް ކަމަށް އޭނާ ބުންޏެވެ. 

 "އެމީހުންނަކީ ކޮލިފައިވެގެން އެތަނަށް އައުމުގެ ހައްގު ހޯދި ޓީމެއް. މެކްސިކޯ ނުވަތަ ކެނެޑާގައި އެމީހުންނާ ދެކޮޅަށް ކުޅެން ޖެހުނަސް އަހަރެމެން އެ ތަނަކަށް ގޮސްގެން ކުޅޭނަން. އެއީ އަހަންނަށް މާ ބޮޑު ކަމެއް ނޫން،" ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ތޯމަސް ބުންޏެވެ.

ނިއުޒީލެންޑްގެ ފޯވާޑް ކޮސްޓާ ބާބަރޫސަސް ބުނި ގޮތުގައި  އިރާނާ ދެކޮޅަށް އޭނާ ޓީމު ކުޅޭ މެޗު އެހެން ތަނަކަށް ބަދަލުކުރުމަކީ ނިއު ޒިލެންޑްގެ ތައްޔާރީތަކަށް ބުރޫއަރާނެ ކަމެއް ނޫނެވެ.

"އަހަރެން ނުދެކެން އެކަމުގެ ސަބަބުން އަހަރެމެންގެ ތައްޔާރީތަކަށް އެއްވެސް އަސަރެއް ކުރާނެ ކަމަކަށް. ފުރަތަމަ މެޗުގެ ކުރިންވެސް އަހަރެމެން ބޭސްއެއްގައި ތިބޭނެ. އެހެންވީމާ، އެކަން ނުކުރެވެންވީ ސަބަބެއް އަހަންނަކަށް ނުފެނޭ،" އޭނާ ބުންޏެވެ. 

ޖޫން 15 ވަނަ ދުވަހު ނިއު ޒިލެންޑާއި އިރާނު ބައްދަލުކުރާ މެޗު އޮންނާނީ އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. ލޮސް އެންޖެލިސްގައި މެޗު ކުޅޭނަމަ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށްވެސް އޭނާ ބުންޏެވެ.

އެ ގުރޫޕްގައި އިރާނާއި ނިއު ޒިލެންޑްގެ  އިތުރުން ދެން ހިމެނެނީ ބެލްޖިއަމް އާއި މިސްރެވެ.