ޖޫން، ޖުލައިގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ޒިޔާރަތްކުރާ ބައެއް ގައުމުތަކުގެ ސަޕޯޓަރުން، އެމެރިކާގެ ޓޫރިސްޓް ވިސާ ހޯދުމަށް 15،000 ޑޮލަރު (ގާތްގަނޑަކަށް 231,000 ދިވެހި ރުފިޔާ) ދައްކަން ޖެހިދާނެކަމަށް ބެލެވިއްޖެ އެވެ.

ޓްރަމްޕް ސަރުކާރުން އަލަށް ތައާރަފް ކުރި "ވިސާ ބޮންޑް ޕައިލެޓް ޕްރޮގްރާމް" ގެ ދަށުން ޖުމްލަ 50 ގައުމެއް މި ލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ފަސް ގައުމެއް ހިމެނެއެވެ. އެއީ އަލްޖީރިއާ، ކޭޕް ވާޑޭ، ސެނެގާލް، އައިވަރީ ކޯސްޓް އަދި ޓިއުނީޝިއާ އެވެ. މީގެ ތެރެއިން ކޭޕް ވާޑޭ އަކީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ގައުމެކެވެ.

މި އުސޫލުގެ ދަށުން އެމެރިކާއަށް އެތެރެވާ ކޮންމެ މީހަކު، އެމީހެއްގެ އުމުރަށް ބެލުމެއް ނެތި، 5،000 ޑޮލަރާއި 15،000 ޑޮލަރާ ދެމެދުގެ އަދަދެއް ބޮންޑުގެ ގޮތުގައި ބަހައްޓަން ޖެހެ އެވެ. މިއީ އެނބުރި ގައުމަށް ދާނެކަމުގެ ޔަގީންކަމެއްގެ ގޮތުން ނަގާ ފައިސާ އެވެ. ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން އެމެރިކާއިން ފުރައިފިނަމަ މި ފައިސާ އަނބުރާ ލިބޭނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެ އެވެ.

ނަމަވެސް މިއީ އާދައިގެ ސަޕޯޓަރުންނަށް އުފުލަން ޖެހޭނެ، ވަރަށް ބޮޑު މާލީ ބުރައެކެވެ.

ދި އެތުލެޓިކުން ބުނީ މި މައްސަލައިގައި ފީފާއިން ސިއްރިއްޔާތުގައި ޓްރަމްޕްގެ ސަރުކާރާ މަޝްވަރާ ކުރަމުންދާކަން އެ ނޫހަށް އެނގިފައިވާ ކަމަށެވެ. ފީފާގެ މަސައްކަތް ކުރަނީ އެ ގައުމުތަކުގެ ކުޅުންތެރިންނާއި، ކޯޗުން އަދި އޮފިޝަލުން މި ބޮންޑުން އިސްތިސްނާ ކުރުން ކަމަށް ދި އެތުލެޓިކުން ބުންޏެވެ. ނަމަވެސް  ސަޕޯޓަރުންނަށް އެފަދަ ލުޔެއް ލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއް އެމެރިކާ ސަރުކާރުން އަދި މިހާތަނަށް ދީފަ އެއް ނުވެ އެވެ.

އެމެރިކާގެ ލިސްޓްގައި ހިމެނޭ ގައުމުތަކުގެ ޓީމުތަކަށް އެހެން ގޮންޖެހުމެއްވެސް އެބައޮތެވެ. ވޯލްޑް ކަޕް ތިން ގައުމެއްގައި ބާއްވާތީ، ބައެއް ޓީމުތަކުން އެމެރިކާއިން ފުރައިގެން ކެނެޑާ ނުވަތަ މެކްސިކޯއަށް ގޮސްފައި އަލުން އެމެރިކާއަށް އެތެރެވާން ޖެހެ އެވެ. ނަމަވެސް މިހާރު ދޫކުރާ ގިނަ ވިސާތަކަކީ ސިންގަލް އެންޓްރީ ނުވަތަ އެއް ފަހަރު އެތެރެވެވޭ ވިސާ އެވެ. އެެހެންވެ މުބާރާތުގެ ތެރެއިން ދަތުރުފަތުރު ކުރުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކުރިން ވިދާޅުވެފައި ވަނީ ވޯލްޑް ކަޕަކީ އެންމެން ބައިވެރިވާ "އިންކްލޫސިވް" މުބާރާތަކަށް ހަދާނެ ކަމަށެވެ. ނަމަވެސް މި އާ ގަވާއިދުތަކުގެ ސަބަބުން އޭނާގެ ވައުދު ފުއްދޭ ގޮތެއް ނުވާނެ އެވެ. ފަގީރު ގައުމުތަކުގެ ސަޕޯޓަރުންނަށް މުބާރާތް ބަލަން ދިއުމުގެ ފުރުސަތު، ޓްރަމްޕްގެ މި ސިޔާސަތުގެ ސަބަބުން ވަރަށް ބޮޑަށް ހަނި ވާނެ އެވެ.