އާސެނަލްގެ މުހިންމު 10 ކުޅުންތެރިއަކަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެ، އެ ކުޅުންތެރިން ނިސްބަތްވާ ގައުމީ ޓީމުތަކުގެ ކޭމްޕްތައް ދޫކޮށްފި އެވެ.

މިހާރު ކުރިއަށްދަނީ މި އަހަރުގެ ފުރަތަމަ އިންޓަނޭޝަނަލް ބްރޭކެވެ. ގައުމީ ޓީމުތަކަށް ކުޅުންތެރިން ހާއްސަވެގެން ތިބި މި ދަނޑިވަޅުގައި އެންމެ ބޮޑު ހާސްކަމެއް އޮތީ އާސެނަލަށެވެ. ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ޓީމުގެ 10 ކުޅުންތެރިޔަކު މިހާރު މިވަނީ ގައުމީ ޓީމުން ވަކިވެ ކްލަބަށް ރިޕޯޓްކޮށްފަ އެވެ.

މި ލިސްޓަށް އެންމެ ފަހުން އިތުރުވި ކުޅުންތެރިއަކީ ސްޕެއިންގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އެވެ. އޭނާގެ ކަނާތު ކަކުލަށް ތަދެއް އެރުމުން، ރިސްކެއް ނުނެގުމުގެ ގޮތުން ސްޕެއިންގެ ގައުމީ ޓީމުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. މިއީ އާސެނަލްގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާ އެވެ. 

މިއީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާއަށް ކުރިމަތިވާނެ ކަންބޮޑުވުމެކެވެ.

ޒުބިމެންޑީގެ އިތުރުން އިނގިރޭސި ގައުމީ ޓީމުގެ މުހިންމު ދެ ތަރިން ކަމަށްވާ ޑެކްލަން ރައިސް އާއި ބުކާޔޯ ސަކާ ވެސް ވަނީ މެޑިކަލް އެސެސްމަންޓްތަކަށް ފަހު އަނބުރާ ލަންޑަނަށް ގޮސްފަ އެވެ. އަދި ތިން ޑިފެންޑަރުން ކަމަށްވާ ވިލިއަމް ސަލީބާ، ގެބްރިއަލް މަގާލިއަސް އަދި ޔޫރިއަން ޓިމްބާ ވެސް ވަނީ  އަނިޔާތަކާ ހުރެ ގައުމީ ޓީމުތަކުން ވަކިވެފައެވެ. މީގެ އިތުރުން ލެއަންޑްރޯ ޓްރޮސާޑް، އެބެރެޗީ އެޒޭ، ނޯނީ މަޑުއޭކޭ އަދި ޕިއޭރޯ ހިންކަޕީ ވެސް ވަނީ އަނިޔާގެ ސަބަބުން ކޭމްޕްތައް ދޫކޮށްލާފަ އެވެ.

މިހާ ގިނަ  ކުޅުންތެރިންނަށް އެއްފަހަރާ އަނިޔާގެ މައްސަލަތައް ކުރިމަތިވުމަކީ ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް އާސެނަލްއިން ކުރަމުންދާ މަސައްކަތަށް ކުރިމަތިވޏާެ ގޮންޖެހުމެއް ކަމަށް ބެލެވެ އެވެ.