އިޒްރޭލުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅޭ ބައެއް ކުޅުންތެރިން، ފުޓްބޯޅަ ދަނޑުތައް ދޫކޮށް އިޒްރޭލްގެ ސިފައިންނާ އެކު ހަނގުރާމަ ކުރަން ނުކުމެއްޖެ އެވެ.

އިޒްރޭލުން އިސްވެ ލުބުނާނަށް ދެމުންގެންދާ ހަމަލާތަކުގައި އަމަލީގޮތުން ބައެއް ކުޅުންތެރިން ބައިވެރިވަމުންދާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވަނީ އާންމު ވެފަ އެވެ. 

އިޒްރޭލުގެ އަސްކަރިއްޔާގެ ރިޒާވް ފޯސްގެ ގޮތުގައި މި ކުޅުންތެރިން ހަތިޔާރު ހިފައިގެން ހަނގުރާމައިގެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާކަން ހާމަވީ، އެ ކުޅުންތެރިންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުން އާންމުކުރި ފޮޓޯތަކުންނެވެ. މީގެ ތެރޭގައި އިޒްރޭލުގެ ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުޅޭ ތަރިން ވެސް ހިމެނެއެވެ.

މި މައްސަލައިގައި ފީފާއިން ވަކި ފިޔަވަޅެއް އެ ކުޅުންތެރިންނާ ދެކޮޅަށް އަޅާފައެއް ނުވެ އެވެ. ފުޓްބޯޅައިގައި ޝާމިލުވާ ފަރާތްކުން ސިޔާސީ އަދި ދާހިލީ ހަމަނުޖެހުންތަކާއި ލޭއޮހިރިުންތަކުގައި ބައިވެރިވުމަކީ ފީފާގެ ގަވާއިދުތަކުން މަނާ ކަމެކެވެ. އަދި އެ ފަދަ ކުށްތަކަށް ބޮޑެތި އަދަބުތައް ފީފާއިން ކަނޑައަޅާފައިވެ އެވެ. 

އިޒްރޭލުގެ ކުޅުންތެރިން އަމަލީގޮތުން ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވަމުންދާކަން ފާހަގަކޮށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ހެކިތަކާއެކު އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ސިފަކުރާ ގޮތުގައި، ކުޅިވަރުގެ ތަރިން މިފަދަ ލޭއޮހޮރުވުންތަކެއްގައި ބައިވެރިވުމަކީ ކުޅިވަރުގެ އަސްލު ރޫހާ މުޅިން ޚިލާފު ކަމެކެވެ. ހާއްސަކޮށް ލުބުނާނުގެ އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތަކެއްގައި ފުޓްބޯޅަ ކުޅުންތެރިން ބައިވެރިވުމަކީ، އެ ކުޅުންތެރިންނަކީ ދުނިޔެއަށް ނަމޫނާ ދައްކަންޖެހޭ ބަޔަކަށްވާއިރު ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މި މައްސަލައިގައި ފީފާއިން އަޅާނެ ފިޔަވަޅަކަށް މިހާރު މުޅި ދުނިޔެ އަންނަނީ ބަލަމުންނެވެ.

އިސްރާއީލުގެ ޗެނަލް 14 އިން އާންމުކުރި މި ވީޑިއޯއިން ފެންނަނީ އުމުރުން 35 އަހަރުގެ ޒަލްކާ، މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ގެއްލުން ލިބިފައިވާ އިމާރާތެއްގެ ތެރެއިން މެޝިން ބަޑިން ހަމަލާދީ އަތުބޮން އުކާ މަންޒަރެވެ.

ރިޕޯޓްތައް ބުނާގޮތުން ޒަލްކާއަކީ އިސްރާއީލް ސިފައިންގެ ޕެރަޓްރޫޕަރ ބްރިގޭޑްގެ ރިޒާވް ސިފައިންގެ މީހެއްގެ ގޮތުގައި ގާޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ވެސް އެތައް ދުވަހަކު ބައިވެރިވެފައިވާ މީހެކެވެ.

މި ހާދިސާއާ ގުޅިގެން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ސޫޒަން ޝަލަބީ ވަނީ، ޕްރޮފެޝަނަލް ކުޅުންތެރިއަކު މިފަދަ އަސްކަރީ އުދުވާނެއްގައި ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރުމަށް ކުރުމަށް ފުޓްބޯޅަ އޮފިޝަލުންނާއި ސަޕޯޓަރުން އަންނަނީ ފީފާއަށް ގޮވާލަމުންނެވެ. 

ތަފާތުކުރުންތަކާ ދެކޮޅަށް ހަދާފައިވާ ފީފާގެ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން، މި މަހު 19 ގައި ފީފާއިން ވަނީ އިޒްރޭލު  150,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް ފަލަސްތީނުގެ އެފްއޭއިން ބުނެފައިވަނީ ޖޫރިމަނާއަކުން ނުފުދޭނެ ކަމަށެވެ.