އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އުވާލަން ބޭނުންވާކަން ފުޓްބޯޅަ ސަޕޯޓަރުންގެ ގުރޫޕް (އެފްއެސްއޭ) އިން ހެދި އާ ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާގައި ބައިވެރިވި ކޮންމެ ހަތަރު ސަޕޯޓަރެއްގެ ތެރެއިން ތިން ސަޕޯޓަރަކު ބޭނުން ވަނީ ޕްރިމިއާ ލީގުން ވީއޭއާރް އުވާލުމަށެވެ.
އެ ލީގުގެ 90 ޕަސަންޓް ސަޕޯޓަރުން ގަބޫލުކުރަނީ ވީއޭއާރް ތައާރަފްކުރުމުން ފުޓްބޯޅައިގެ ފޯރި އާއި ހިތްހަމަޖެހުން ކުޑަ ވެފައިވާ ކަމަށެވެ.
އެފްއެސްއޭގެ ޕްރިމިއާ ލީގު ނެޓްވޯކް މެނޭޖަރު ތޯމަސް ކޮންކެނަން ބުނީ، ދައްކަނީ މީގެ ފަސް އަހަރު ކުރިންވެސް ސަޕޯޓަރުންގެ ހުރި ކަންބޮޑުވުންތައް ކަމަށެވެ.
މި ދިރާސާ 2021 ގައި ވެސް ކުރި އެވެ.
"ފަސް އަހަރު ފަހުން ވެސް ގިނަ ބަޔަކު ފާހަގަކުރަމުންދަނީ ހަމަ އެއް ކަންބޮޑުވުންތަކެއް. އެއީ ލަނޑުތައް ޖެހުމަށް އުފާފާޅުކުރުމުގެ ފޯރި ގެއްލިގެންދޭ (އަދި) ދަނޑަށް ގޮސް މެޗު ބަލާ މީހުންގެ ތަޖުރިބާ ޖުމްލަގޮތެއްގައި ގޯސް،" އޭނާ ބުންޏެވެ.
ސާވޭގައި ބައިވެރިވި ސަޕޯޓަރުންގެ ތެރެއިން 92 ޕަސަންޓް މީހުން ބުނެފައިވަނީ ވީއޭއާރްގެ ސަބަބުން ލަނޑު ޖެހުމަށްފަހު ކުރާ އުފާފާޅުކުރުންތަކުގެ ޖޯޝް ވަނީ ގެއްލިފައި ކަމަށެވެ. އަދި 81 ޕަސަންޓް ސަޕޯޓަރުން ބުނެފައިވަނީ އެމީހުން ބޭނުންވަނީ ވީއޭއާރް ނެތި މެޗުތައް ބެލުމަށެވެ.
ނަމަވެސް ޕްރިމިއާ ލީގުން ވަނީ ވީއޭއާރް ބޭނުންކުރާ ކުރުން ދިފާއުކޮށްފަ އެވެ. ދި އެތުލެޓިކަށް ޕްރިމިއާ ލީގުގެ އޮފިޝަލަކު ބުނީ ވީއޭއާރްގެ ސަބަބުން ނިންމުންތަކުގެ ސައްހަކަން އިތުރުވެފައިވާ ކަމަށެވެ.
"ސަޕޯޓަރުންނާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި ޕްރިމިއާ ލީގުގެ ދިރާސާތަކުން ދައްކަނީ ގިނަ ސަޕޯޓަރުން ވީއޭއާރް ބާއްވަން ބާއްވަން ކަމަށް. އެކަމަކު އެ ބޭނުންކުރާ ގޮތް އިތުރަށް ރަނގަޅު ކުރަން ސަޕޯޓަރުން ބޭނުންވޭ،" ލީގުގެ އޮފިޝަލް ބުންޏެވެ.