އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ އެންމެ ބޮޑު މެޗުގެ ގޮތުގައި ބެލެވުނު މެޗުން އެއް ވަނައިގައި އޮތް އާސެނަލް އަތުން 2-1 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގު ހޯދުމުގެ ރޭހުގައި ކުރިއަށް މުހިއްމު ފިޔަވަޅެއް އަޅައިފި އެވެ.

މި މޮޅާ އެކު ސިޓީ ވަނީ 67 ޕޮއިންޓް ހަމަކޮށް، އެއް ވަނައިގައި 70 ޕޮއިންޓާ އެކު އޮތް އާސެނަލްއާ ތިން ޕޮއިންޓަށް ކައިރިކޮށްފަ އެވެ. ސިޓީ އަށް އިތުރަށް އެއް މެޗު އޮތުމުން، އެ ޓީމަށް އާސެނަލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ފުލުން ދެ ވަނައިގައި އޮތް ބާންލީ އަތުން ބުދަ ދުވަހުގެރޭ މޮޅުވެއްޖެ ނަމަ ސިޓީ އަށް މި އަހަރު ފުރަތަމަ ފަހަރަށް ތާވަލުގެ އެއް ވަނަ ލިބޭނެ އެވެ.

މިދިޔަ ތިން ސީޒަނުގައި ވެސް ދެ ވަނައިގައި ލީގު ނިންމާލި އާސެނަލް 22 އަހަރަށް ފަހު މި ސީޒަނުގައި ލީގު ކާމިޔާބުކުރާނެ ކަމަށް އޮތީ ވަރަށް ބޮޑަށް ބެލެވިފަ އެވެ. އެކަމަކު ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެ ފޯމު ކަޓާފައި އޮތުމުން އެ ޓީމާ މެދު ގިނަ ބަޔަކު ކުރަމުން އައި އުއްމީދު މިވަނީ ފަނޑުވެފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ރަޔާން ޗެރްކީ އެ ޓީމަށް ކުރި ހޯދައިދިނެވެ. އެކަމަކު ލީޑު ދެމި އޮތީ ދެ މިނެޓު ވަންދެނެވެ. ސިޓީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ސާފުކޮށްލަން އުޅުނު ބޯޅައަށް ކައި ހަވާޓްޒް އަރައި ގޯލަށް ވައްދާލީ އެވެ.

ސިޓީން އަލުން ލީޑު ނެގީ 65 ވަނަ މިނެޓުގައި އާސެނަލްގެ ލައިން ފޫއަޅުވާލަން ޑޮންނަރުއްމާ އެއްލި ބޯޅައަކުން އުފެއްދި ހަމަލާއެއްގައި އާލިން ހާލަންޑެވެ. އޭގެ ކުރިން ޑޮންނަރުއްމާ ވަނީ ހަވާޓްޒްގެ ނުރައްކާތެރި ބޯޅައެއް ދިފާއުކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތު އާސެނަލަށް އެއްވަރުކުރަން ވެސް ހަވާޓްޒް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ލެއަންޑްރޯ ޓްރޮސާޑް ނެގި ހުރަސް އޭނާ ބޮލުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑީގެ މަތިންނެވެ.