ބާސެލޯނާ (އޭޕްރީލް 24) - ސްޕެއިންގެ ފޯވާޑް ލަމީން ޔަމާލަށް އަނިޔާވެ ބާސެލޯނާ އާއެކު މި ސީޒަން ނިންމާލަން ޖެހުނު ނަމަވެސް ކުރިއަށް އޮތް ވޯލްޑް ކަޕަށް އޭނާ ފިޓް ވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އެ ކްލަބުން ބުނެފި އެވެ.

އުމުރުން 18 އަހަރުގެ ޔަމާލްގެ ވާތު ފަލަމަސްގަނޑަށް ހާނިއްކަވީ އެންމެ ފަހުން ބުދަ ދުވަހުގެ ރޭ ލީގުގައި ސެލްޓަ ވީގޯއާ ވާދަކޮށް 1-0 އިން މޮޅުވި މެޗުގަ އެވެ.

އެ މެޗުގައި ޔަމާލަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީ މެޗުގެ 40 ވަނަ މިނިޓުގައި އޭނާ ގޯލުގެ ތެރެއަށް ފޮނުވާލުމާ އެކު އެ ވަގުތު ފަޔަށް އަނިޔާ ވެގެން ވަނީ ދަނޑުމަތީ އިށީނދެފަ އެވެ. އަދި އޭނާ ދަނޑުން ބާލަން ޖެހުނީ މެޑިކަލް ސްޓާފުންގެ އެހީގަ އެވެ.

ބާސެލޯނާ އިން ވަނީ ޔަމާލްގެ އަނިޔާއާ ގުޅިގހެން އޭނާ އަށް މި ސީޒަންގެ ބާކީ ބައިގައި ނުކުޅެވޭނެކަމަށް ބުނެފަ އެވެ. ނަމަވެސް ފަރުވާ އާ އެކު ޖޫން މަހު ފަށާ ވޯލްޑް ކަޕަށް އޭނާ ފިޓް ވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް ކްލަބުން ބުންޏެވެ.

ބާސެލޯނާ އަކީ އެންމެ ފަހުގެ ސްޕެނިޝް ލަ ލީގާގެ ޗެމްޕިއަނުންނެވެ. މި ސީޒަންގެ ލީގުގައި ބާކީ ހަ މެޗު އޮއްވައި ބާސާ މިވަގުތު އެއް ވަނައިގައި އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ނުވަ ޕޮއިންޓް ކުރީގަ އެވެ.

ލީގުގައި ބާސާ އާއި ރެއާލް އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ރޭ، ބާސާގެ ދަނޑުގައި ބައްދަލުކުރާނެ އެވެ.

ޔަމާލަށް އަނިޔާވެގެން ދަނޑުމަތީ އޮށޯވެގެން.-- ފޮޓޯ: އޭއެފްޕީ
ޔަމާލަށް އަނިޔާވެގެން ދަނޑުމަތީ އޮށޯވެގެން.-- ފޮޓޯ: އޭއެފްޕީ

ޔަމާލް ވަނީ މި ސީޒަންގައި ބާސާ އަށް ލީގުގައި ކުޅެދިން 28 މެޗުން 16 ގޯލު ޖަހައި 11 އެސިސްޓް ކޮށްފަ އެވެ. މި ސީޒަންގައި އޭނާ ވަނީ ބާސާއަށް ޖުމްލަ 45 މެޗުން 24 ގޯލު ޖަހައިފަ އެވެ. ޔަމާލަށް އަނިޔާވި މެޗަކީ ލަ ލީގާގައި އޭނާ ބާސާއަށް ކުޅެދިން 101 ވަނަ މެޗެވެ.

ޔަމާލް ވަނީ އުމުރުން 16 އަހަރުގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފަށައިފަ އެވެ. އަދި 17 އަހަރުގައި ޔޫރޯ މުބާރާތް ކާމިޔާބުކޮށް، މުބާރާޓުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ވެސް އޭނާ ވަނީ ހޯދައިފަ އެވެ. އޭނާ ވަނީ މިހާތަނަށް ސްޕެއިން ގައުމީ ޓީމަށް 25 މެޗު ކުޅެދީ ހަ ގޯލު ޖަހައިފަ އެވެ.

މިދިޔަ އަހަރު ސްޕެއިން އާއެކު ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ވެސް ކުޅުނު ޔަމާލް ހުރީ އޭނާގެ އަލަތު ވޯލްޑް ކަޕަށް ފުރިހަމައަށް ފިޓް ވެގެން އެނބުރި އައުމުގެ އުންމީދުގަ އެވެ.

ކުރިއަށް އޮތް ވޯލްޑް ކަޕްގައި ސްޕެއިން ހިމެނެނީ ގުރޫޕް އެޗްގަ އެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހުގެ ރޭ ކަބޯ ވާޑޭއާ ބައްދަލު ކުރާއިރު ދެވަނަ މެޗުގައި ޖޫން 21 ވަނަ ދުވަހުގެ ރޭ ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 27 ވަނަ ދުވަހު ރާއްޖެ ގަޑިން ފަތިހު 5 ޖަހާއިރު އުރުގުއޭއާ ދެކޮޅަށް ކުޅޭނެ އެވެ.