ކުރިއަށް އޮތްފީފާ ވޯލްޑް ކަޕްގައި، ކުޅުންތެރިންނަށް ދައްކާ ރީނދޫ ކާޑުތައް ފޮހެލުމަށް އިތުރު ފުރުސަތެއް ތައާރަފްކުރަން ފީފާއިން ނިންމައިފި އެވެ.
މި އާ އުސޫލުގެ ދަށުން، ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމުމުން ކުޅުންތެރިންނަށް ކުރިން ދައްކާފައިވާ ކާޑުތައް ފޮހެލެވޭނެ އެވެ. މީގެ އިތުރުން، ކުރިއެކޭވެސް އެއްގޮތަށް ކުއާޓާ ފައިނަލްގެ މެޗުތަކަށް ފަހުވެސް ކާޑުތައް ފޮހެލުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބަދަލު ގެނައުމުގެ ބޭނުމަކީ މުބާރާތުގެ ފަހު މަރުހަލާގެ މުހިންމު މެޗުތަކުގައި، ކާޑު ހަމަވުމުގެ ސަބަބުން ކުޅުންތެރިން ސަސްޕެންޑްވުމުގެ ފުރުސަތު ކުޑަކުރުމެވެ.
އެމެރިކާ، މެކްސިކޯގައި އަދި ކެނެޑާގައި ބާއްވާ މިފަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމު ވާދަކުރާ މުބާރާތެކެވެ. މިފަހަރު ދެވަނަ ބުރު ކުޅޭނީ 32 ޓީމެވެ. އެހެންވެ ނޮކައުޓް މަރުހަލާ އަށް ބޮޅެއް އިތުރުވީ އެވެ. ކުޅުންތެރިން ކުޅެންޖެހޭ މެޗުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މީގެ ކުރީގެ މުބާރާތްތަކުގައި ކާޑު ފޮހެލަނީ ހަމައެކަނި ކުއާޓާ ފައިނަލަށް ފަހުގަ އެވެ.
ނަމަވެސް އިތުރުވި މެޗުތަކާއެކު، ފަސް މެޗުގެ ތެރޭގައި ދެ ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޑްވުމުގެ ބިރު ބޮޑެވެ. މިކަން ހައްލު ކުރުމަށް ފީފާއިން ވަނީ ގްރޫޕް ސްޓޭޖަށް ފަހު ކާޑުތައް ފޮހެލާގޮތަށް ހަމަޖައްސާފަ އެވެ. މިބަދަލާ އެކު ކުޅުންތެރިއަކު ސަސްޕެންޑްވާނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ދެ މެޗުގައި، ނުވަތަ ދެވަނަ ބުރުން ފެށިގެން ކުއާޓާ ފައިނަލާ ހަމައަށް ކުޅޭ މެޗުތަކުގެ ތެރެއިން ދެ މެޗުގައި ކާޑު ހޯދައިފިނަމަ އެވެ.
މި އާ ބަދަލުތަކާ ބެހޭގޮތުން ކެނެޑާގެ ވެންކޫވާގައި ބާއްވާ ފީފާ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް، ރަސްމީކޮށް ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ދި އެތުލެޓިކް ނޫހުން ބުނީ މި އުސޫލަކީ މާ އިންސާފުވެރި ގޮތެއް ކަމަށް ފީފާއިން ގަބޫލުކުރާ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން މުބާރާތުގެ އެންމެ ފޯރިގަދަ މެޗުތަކުގައި ޓީމުތަކުގެ މުހިންމު ކުޅުންތެރިން ފެނުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް ވެސް ފީފާއިން ދެކޭ ކަމަށް އެ ނޫހުން ބުންޏެވެ.