އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެޗުން ބާންލީގެ މައްޗަށް 1-0 އިން ކުރިހޯދައި، 22 އަހަރަށްފަހު ލީގު ތަށި އުފުލާލުމުގެ ރަން ފުރުސަތާ ގާތަށް އާސެނަލްއިން ޖެހިލައިފި އެވެ.
ވާދަވެރި މެންޗެސްޓާ ސިޓީން ބޯންމައުތާ ދެކޮޅަށް މިރޭ ކުޅޭ މެޗުން މޮޅު ނުވެވިއްޖެނަމަ، 2004 ވަނަ އަހަރަށް ފަހު އާސެނަލަށް ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކަށަވަރު ވާނެ އެވެ.
އެ މެޗުން ސިޓީ މޮޅުވިޔަސް ލީގުގެ ފަހު މެޗުގައި ކްރިސްޓަލް ޕެލަސް ބަލިކޮށްގެން އާސެނަލްއަށް ޗެމްޕިއަންކަން ހޯދޭނެ އެވެ.
ރޭގެ މެޗުން އާސެނަލް ބަލިވިނަމަ ސީޒަނުގެ ހުރިހާ މަސައްކަތެއް ފެނަށްދިއުމުގެ ބިރު އޮތެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލްގެ ލަނޑު، މެޗުގެ 35 ވަނަ މިނެޓުގައި ޖަހައި ދިނީ ޖަރުމަނުގެ މިޑްފީްލްޑަރު ކައި ހާވާޓްޒްއެވެ. މި ސީޒަނުގައި އާސެނަލްގެ ކޮޅަށް ނަތީޖާ ބުރަވުމުގައި ސެޓްޕީސްތަކުގެ ދައުރު ބޮޑެވެ
އެ ޓީމު ސެޓްޕީސް ކޯޗު ނިކޮލަސް ޖޯވާގެ ރޭވުންތެރިކަމާ އެކު ސެޓްޕީސްތައް އާސެނަލުން ކާމިޔާބު ކުރެ އެވެ. ރޭގެ މެޗުގައި ހަވާޓްޒް ލަނޑު ޖެހީ ބުކަޔޯ ސަކާ ނެގި ކޯނަރަކުންނެވެ.
ހަވާޓްޒް ވަނީ މެޗުގެ ދެވަނަ ހާފުގައި ރެޑް ކާޑަކުން ހަނިގޮތަކަށް ސަލާމަތްވެފައެވެ.
މެޗަށްފަހު އާސެނަލްގެ ސަޕޯޓަރުން ވަނީ ކޯޗު މިކޭލް އާޓެޓާއަށް ވަރަށް ބޮޑަށް ސަނާކިޔައި، އޭނާއަށް އޮތް ތާއީދު ހާމަކޮށްފައެވެ. މެޗު ނިމުމުން އާޓެޓާ ދަނޑުގެ މެދުގައި ހުރެ އަޑުގަދަކުރާއިން ސަޕޯޓަރުންނާ މުހާތަބުކޮށްފަ އެވެ.
ސަޕޯޓަރުން ތިބީ "މިކޭލްއަށް އެނގޭނެ"، މިހެން ލިޔެފައިވާ ބެނާތަކާއެކު އުފާފާޅުކުރާށެވެ.
މޮޅާއެކު އާސެނަލް މިވަނީ އެކްލަބުގެ ތާރީހުގައި ފެންނާނެ އެންމެ ކާމިޔާބު ސީޒަނާ ފިޔަވަޅަކާ ގާތުގަ އެވެ. އެ ޓީމު އޮތީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ވެސް ފައިނަލުގަ އެވެ.
ނަމަވެސް ކުރިއަށް އޮތް ދެ މެޗުން ނުކުންނަ ނަތީޖާއަކުން، އެއް ސީޒަނެއްގައި ހަތަރު ތަށި ގެއްލުމުގެ ހިތްދަތިކަންވެސް ކުރިމަތިވެދާނެ އެވެ.