އަންނަ މަހު ފަށާ ވޯލްޑް ކަޕްގެ މެޗުތަކުގައި އެމެރިކާގެ އިމިގްރޭޝަން އެންފޯސްމަންޓްގެ އެޖެންޓުން ހަރަކާތްތެރިވާ ނަމަ ހަޅުތާލު ކުރާނެ ކަމުގެ އިންޒާރު މަސައްކަތްތެރިން ދީފި އެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕްގެ މުހިންމު މެޗުތައް ކުޅޭ އެ ދަނޑަކީ ލޮސް އެންޖެލިސްގައި ހުންނަ ސޯފައި ސްޓޭޑިއަމް އެވެ.
ވޯލްޑް ކަޕް މެޗުތައް ކުރިއަށްދާ އިރު އެމެރިކާގެ ފެޑެރަލް އިމިގްރޭޝަން އެންފޯސްމަންޓް (އައިސް) ގެ އެޖެންޓުން އެ ސްޓޭޑިއަމްގައި ހަރަކާތްތެރިވާ ނަމަ، އެ ތަނުގެ މުވައްޒަފުން ތިބީ ހަޅުތާލަށް ނުކުންނަ ގޮތަށެވެ.
އެ މަސައްކަތްތެރިން ނިންމީ އަންނަ މަހު 11 އިން ޖުލައި 19 ގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގެ މެޗުތަކާ ދިމާކޮށް ހަޅުތާލު ކުރުމަށެވެ.
އެ ސްޓޭޑިއަމްގެ ހޮސްޕިޓާލިޓީ ދާއިރާގެ ގާތްގަނޑަކަށް 2,000 އެއްހާ މުވައްޒަފުން އެ ޔޫނިއަނުން ތަމްސީލު ކުރެ އެވެ. އެ މަސައްކަތްތެރިން ތަމްސީލު ކުރާ ޔޫނިއަން އިން ވަނީ މެޗުތައް ކުރިއަށްދާ ވަގުތު އައިސްގެ ބަލާފާސްކުރުން ކުރިއަށް ނުގެންދާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދިފަ އެވެ.
އެ ދަނޑުގައި ވޯލްޑް ކަޕްގެ އަށް މެޗެއް ކުޅޭނެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ފުރަތަމަ މެޗު ވެސް ހިމެނެ އެވެ.
މަސައްކަތްތެރިންގެ ޔޫނިއަނުން ބުނީ ވޯލްޑް ކަޕް މެޗުތަކުގައި އިމިގްރޭޝަން އޮޕަރޭޝަން ހިންގާ ނަމަ މުވައްޒަފުންނާއި ސަޕޯޓަރުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ ކަމަށެވެ.
"މެޗުތަކުގައި 'އައިސް' ގެ އެއްވެސް ދައުރެއް އަދި ހަރަކާތެއް ވެސް އޮވެގެން ނުވާނެ. ވަޒީފާއަށް އަންނަ އިރު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ބޭނުމެއް ނުވޭ. މަސައްކަތް ނިންމާފައި ގެއަށް ދާ އިރު ބަންދުކޮށްފާނެ ކަމުގެ ބިރު އޮވެގެން ނުވާނެ،" ސްޓޭޑިއަމްގައި ކޭޓަރިން ހިދުމަތްދޭ މުވައްޒަފަކު ބުންޏެވެ.
އޭނާ ބުނީ އައިސް އޮޕަރޭޝަން ނުހިންގާނެ ކަމުގެ ކަށަވަރުކަން ނުދީފި ނަމަ ހަޅުތާލު ކުރަން މުވައްޒަފުން ތިބީ ތައްޔާރަށް ކަމަށެވެ.
'އައިސް' އަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަނާ ދެކޮޅު ހަރުކަށި ފިޔަވަޅުތަކުގެ އިސް ދައުރެއް އަދާކުރާ އިދާރާ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ، މިދިޔަ އަހަރު ލޮސް އެންޖެލިސް ހިމެނޭ ގޮތަށް އެމެރިކާގެ ބައެއް ސިޓީތަކުގައި އެ އިދާރާ އިން ހިންގި ރޭޑްތަކާ ގުޅިގެން އެ ބޭފުޅުންގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.