ޓެކްސަސް (ޖޫން 7) - ފީފާ ވޯލްޑް ކަޕަށް ތައްޔާރުވާން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ހޮންޑިއުރާސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 2-0 އިން މޮޅުވެއްޖެ އެވެ.

މިއީ 102،733 ސަޕޯޓަރުންގެ ޖާގައިގެ އެމެރިކަން ފުޓްބޯޅަ ކުޅޭ ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ފުޓްބޯޅަ މެޗެވެ. މި މެޗު ބަލާލަން 91،102 ސަޕޯޓަރުން ދަނޑަށް ވަތް ނަމަވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅޭތަން ބަލާލުމުގެ ނަސީބު އެ ސަޕޯޓަރުންނަަށް ނުލިބުނެވެ. އޭނާ ނޭރުވީ މުޅިން ފިޓުނުވާތީވެ އެވެ.

ހޮންޑިއުރާސް މެޗުގެ ކުރިން މެސީ ވޯމްއަޕްގައި.-- ފޮޓޯ: އޭއެފްޕީ
ހޮންޑިއުރާސް މެޗުގެ ކުރިން މެސީ ވޯމްއަޕްގައި.-- ފޮޓޯ: އޭއެފްޕީ

އާޖެންޓީނާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ލަޓައުރޯ މާޓިނޭޒް އެވެ. އޭނާގެ އެސިސްޓަކުން ދެ ވަނަ ހާފުގައި އާޖެންޓީނާގެ ދެވަނަ ލަނޑު ޖެހީ ގުއިލިއާނޯ ސިމިއޯނީ އެވެ.

އުމުރުން 38 އަހަރުގެ މެސީ އަށް ވަނީ އޭނާ ގައުމީ ޓީމާ ގުޅުމުގެ ކުރިން، މީގެ ދެ ހަފްތާ ކުރިން އިންޓަ މަޔާމީއާ އެކު ކުޅުނު ފަހު މެޗުގައި ކޮންމެވެސް ވަރެއްގެ އަނިޔާއަކާ ކުރިމަތިވެފަ އެވެ.

މެސީގެ އަނިޔާ އަންނަނީ ރަނގަޅު ވަމުން ކަމަށާއި އޭނާ ތަމްރީނުތައް ހަދަމުން އަންނަނީ މުޅިން އެކަހެރިކޮށް ނޫން ކަމަށާއި ޓީމާ އެކު ފަރިތަކުރަމުން އަންނަ ކަމަށް ކޯޗު ލިއޮނެލް ސްކަލޯނީ ވަނީ މެޗުގެ ކުރިން ބުނެފަ އެވެ. އަދި ވޯލްޑް ކަޕްގެ ކުރިން ކުޅޭ ދެ މެޗުން ކޮންމެވެސް ހިސާބަކުން މެސީ ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

އެމެރިކާގައި އާޖެންޓީނާގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވަނީ.-- ފޮޓޯ؛ އޭއެފްޕީ
އެމެރިކާގައި އާޖެންޓީނާގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވަނީ.-- ފޮޓޯ؛ އޭއެފްޕީ

ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާ ދެން ކުޅޭނީ އައިސްލެންޑާ ދެކޮޅަށެވެ. މުބާރާތުގައި އާޖެންޓީނާ ހިމެނެނީ އަލްޖީރިއާ އާއި އޮސްޓްރިއާ އަދި ޖޯޑަން އާއެކު ގުރޫޕް ޖޭގަ އެވެ.

މި އަހަރުގެ މުބާރާތަށް ފަހު މެސީ އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މެސީ އަކީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު ފަސް މުބާރާތުން 26 މެޗު ކުޅެފަ އެވެ.

މީގެ އިތުރުން މެސީ ވަނީ ވޯލްޑް ކަޕްގައި މިހާތަށް 13 ގޯލު ޖަހައިފަ އެވެ. މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރެކޯޑް ހަދާފައިވާ ޖަރުމަންގެ މިރޮސްލާވް ކްލޭސޭގެ ރެކޯޑް މުގުރާލަން މެސީއަށް ބޭނުން ވަނީ ހަތަރު ގޯލެވެ.