ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ބްރެޒިލްގެ ތަރިން ކޮންޓްރޯލްކޮށް، އުމުރުން އެންމެ 18 އަހަރުގައި ދެއްކި ތާރީހީ މޮޅު ކުޅުމާ އެކު މޮރޮކޯގެ ޒުވާން މިޑްފީލްޑަރު އަޔޫބް ބޫއަދީ އަށް ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މޮރޮކޯގެ ފުރަތަމަ މެޗުގައި ބްރެޒިލް ހިފެހެއްޓި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ ފްރާންސްގެ ލީލް އަށް ކުޅެމުން އަންނަ ޒުވާން ތަރި އައްޔޫބެވެ. މިއީ އޭނާ މޮރޮކޯގެ ސީނިއާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ ރަސްމީ މެޗެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރުގެ ހޯދާފައިވާ ބްރެޒިލާ ދެކޮޅަށް ކުޅުނު މި މެޗުގައި އައްޔޫބު ވަނީ ދަނޑުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ބްރެޒިލްގެ ތަޖުރިބާކާރު އަދި ދުނިޔޭގެ ފެންވަރުގެ މިޑްފީލްޑަރުން ކަމަށްވާ ކާލޯސް ކަސެމީރޯ، ބްރޫނޯ ގިމަރޭސް، އަދި ލޫކަސް ޕަކުއޭޓާގެ ކުޅުން ހުއްޓުވުމުގައި އައްޔޫބު ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. 

މެޗަށްފަހު، އައްޔޫބުގެ ތަފާތު ހުނަރުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ވައިގައި ހިފައިފަ އެވެ.

މެޗުގައި އޭނާއާ ގުޅޭ ބައެއް ތަފާސްހިސާބުތައް

  • ޕާސިން އެކިއުރެސީ: 91 ޕަސެންޓް (66 ޕާހުގެ ތެރެއިން 60 ޕާސް ކާމިޔާބު).
  • އެޓޭކިން ތާޑް ޕާސް: 100 ޕަސެންޓް (16 ޕާސް މުޅިން ކާމިޔާބު).
  • ބޯޅަ ހޯދުން: 6 ފަހަރު ބޯޅަ ހޯދައި، 5 އިންޓަސެޕްޝަން ހެދި.
  • ޑުއަލްސް: 13 ގްރައުންޑް ޑުއަލްގެ ތެރެއިން 9 ޑުއަލް ކާމިޔާބުކު

އައްޔޫބަކީ ފްރާންސަށް އުފަން، އެ ގައުމުގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެ، ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ކުޅުންތެރިއެކެވެ.

ނަމަވެސް މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުރި މަސައްކަތުން، ވޯލްޑް ކަޕް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިން އޭނާ ވަނީ މޮރޮކޯއަށް ކުޅެން ނިންމައިފަ އެވެ. 

މި މެޗަށްފަހު ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އޭނާ ހޯދުމަށް ކުރާ މަސައްކަތް ވަނީ އިތުރު ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އޭނާގެ މާކެޓް އަގު މިހާރު 100 މިލިއަން ޔޫރޯ އަށްވުރެ މައްޗަށް އަރާނެ ކަމަށް ވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ބްރެޒިލް ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް، އުމުރުން އެންމެ 18 އަހަރުގައި އައްޔޫބު ފުރަތަމަ އެގާރައިގައި ކުޅުވުމަކީ ނެގި ރިސްކެއް ކަމަށް ބައެއް މީހުން ދެކެ އެވެ. ނަމަވެސް، މޮރޮކޯގެ ކޯޗު މުހައްމަދު އުއާބީ އެކަން ގަބޫލެއް ނުކުރެ އެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އުއާބީ ބުނީ ކުޅުންތެރިން މެޗަށް ނެރުމުގައި އުމުރަށް ނުބަލާ ކަމަށެވެ. އޭނާ ބަލަނީ ކުޅުންތެރިޔާގެ ފެންވަރަށް ކަމަށް ކޯޗު ބުންޏެވެ.


"އޭނާގެ އުމުރުން 18 އަހަރުވީތީ އެކަނި، އޭނާ މެޗަށް ނެރުމަކީ ރިސްކެއް ނޫން. އަހަރެން އަބަދުވެސް ބަލަނީ ކުޅުންތެރިޔާގެ ކުޅުމަށް. އުމުރަކަށް ނޫން. އޭނާގެ އުމުރަކީ 35 އަހަރު ކަމަށް ވިޔަސް، ނުވަތަ 17 އަހަރު ކަމަށް ވިޔަސް، މޮޅަށް ކުޅެންޏާ އޭނާ ދަނޑަށް އަރާނެ،" އުއާބީ ބުންޏެވެ.

އޭނާ ބުނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން، އޭނާ ޖެހިލުން ނުވާ ކަމަށެވެ. 

"އަހަންނަކީ ޒުވާން ކުޅުންތެރިން ކުޅުވަން ބިރުގަންނާނެ މީހެއް ނޫން. އޭނާ (އައްޔޫބު) މި މެޗުގައި މޮޅު ކުޅުމެއް ދައްކާނެކަމުގެ ފުރިހަމަ ޔަގީންކަން އަހަރެމެންނަށް އޮތް. އެހެންވީމާ އެއީ އެއްގޮތަކަށްވެސް ރިސްކެއް ނޫން،" އޭނާ ބުންޏެވެ.
'ބްރެޒިލް ކަހަލަ ޓީމަކާ ދެކޮޅަށް ރިސްކު ނަގާކަށް ނުވާނެ. ބައެއް ފަހަރު އެންމެން މިހާ ފޯރިއަރައިގެން މިއުޅެނީ އޭނާއަކީ އާ ކުޅުންތެރިއަކަށް ވެފައި މިއީ ބައިނަލްއަގުވާމީ ފެންވަރުގައި އޭނާގެ ޒުވާން އުމުރުގައި ކުޅުނު ފުރަތަމަ މުހިންމު މެޗަށް ވީމާ ކަމަށް ވެދާނެ. އެކަމަކު އޭނާއަކީ ތަޖުރިބާ މަދު ކުޅުންތެރިއެއް ނޫން."

ބްރެޒިލްއާ ދެކޮޅަށް ހޯދި މުހިންމު 1-1 ޕޮއިންޓަށްފަހު، ގްރޫޕް 'ސީ'ގެ އެއްވަނަ ހޯދުމަށް މޮރޮކޯ އަށް ދެން އޮތީ ބާކީ ދެ މެޗެވެ. އެއީ ސްކޮޓްލެންޑާ ދެކޮޅަށް މި މަހުގެ 20 ގައި ކުޅޭ މެޗާއި 25 ވަނަ ދުވަހު ހެއިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.