ހިއުސްޓަން (ޖޫން 20) - ސްވިޑެންއާ ވާދަކޮށް 5-1 އިން މޮޅުވެ، ފުރަތަމަ މެޗުގައި ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނެދަލެންޑްސް ގުރޫޕްގެ އެއްވަނައަށް ޖެހިލައިފި އެވެ.
މެޗުގެ ފަސްވަނަ މިނިޓުގައި ބްރަޔަން ބްރޮބީ ވަނީ ކޯޑީ ގަކްޕޯގެ އެސިސްޓަކުން ނެދަލެންޑްސް އަށް ލީޑު ނަގައިދީފަ އެވެ. އަދި ޑެންޒެލް ޑަމްފްރީސްގެ ހުރަހަކުން ބްރޮބީ ވަނީ 17 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދީފަ އެވެ.
ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ސްވިޑެން އިން ގޯލެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޑަމްފްރީސްގެ އެސިސްޓަކުން ނެދަލެންޑްސްގެ ތިންވަނަ ގޯލު ޖަހައިދިނީ ކޯޑީ ގަކްޕޯ އެވެ. އަދި ކްރައިސެންސިއޯ ސަމަވިލްގެ ހުރަހަކުން ގަކްޕޯ ވަނީ 54 ވަނަ މިނިޓުގައި އޭނާގެ ދެވަނަ ލަނޑު ޖަހައިދީފަ އެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި ފެނުނު 100 ވަނަ ގޯލެވެ.
އޭގެ ފަސް މިނިޓު ފަހުން ސްވިޑެންގެ ހަމައެކަނި ގޯލު ޖަހައިދިނީ އެންތޮނީ އެލަންގާ އެވެ.
ނެދަލެންޑްސްގެ ފަހު ލަނޑު 89 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޖަހައިދިނީ ސަމަވިލް އެވެ.
ނެދަލެންޑްސްގެ ގޯލްކީޕަރު، ބްރައިޓަން އަށް ކުޅޭ ބާޓް ވާބްރޫގެން ވަނީ މި މެޗުގައި ސްވިޑެން އިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ.
މި ނަތީޖާއާ އެކު ނެދަލެންޑްސް އެއްވަނައަށް ޖެހިލީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެވަނައިގައި މި ވަގުތު ސްވިޑެން އޮތީ ފުރަތަމަ މެޗުގައި ޓިއުނީޝީއާއާ ދެކޮޅަށް ކުޅެގެން ހަމަ މި ނަތީޖާއިން މޮޅުވެގެން ހޯދި ތިން ޕޮއިންޓާ އެކު އެވެ.
ސްވިޑެން އާއި ނެދަލެންޑްސް ހިމެނޭ ގުރޫޕް އެފްގައި ދެން ހިމެނެނީ ޖަޕާނާއި ޓިއުނީޝިއާ އެވެ. ޖަޕާނަށް ޕޮއިންޓެއް ލިބިފައި ވާއިރު ޓިއުނީޝިއާއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.