ވޯލްޑް ކަޕްގެ ގުރޫޕް އެފްގެ ދެވަނަ މެޗުގައި ސްވިޑެންގެ ޒުވާން މިޑްފީލްޑަރު ޔާސީން އަޔާރީ، އޭނާގެ ބައްޕަގެ ގައުމު ޓިއުނީޝިއާ ދެކޮޅަށް ދެ ލަނޑު ޖަހައި، އުފާފާޅުކުރުމުގެ ބަދަލުގައި ޝުކުރުގެ ސަޖިދަ އަށް ތިރިވެއްޖެ އެވެ. 

ސްވިޑެންއިން މެޗު ކާމިޔާބު ކުރީ 5-1 ގެ ބޮޑު ނަތީޖާއަކުންނެވެ.

މެޗުގައި ވިދާލީ އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ޔާސީން އަޔާރީ އެވެ. 

މެޗު ފެށިގެން ވަރަށް ކުރީކޮޅު ސްވިޑެންއިން ލީޑް ނެގި އެވެ. އެ ލަނޑު މެޗުގެ ހަ ވަނަ މިނެޓްގައި ޖެހީ އަޔާރީ އެވެ. މެޗުގެ ހަ ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ ޓީުނީޝިއާގެ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ބާރު ހަމަލާއަކުންނެވެ. އެއީ ފާއިތުވި 2,893 ދުވަސް ތެރޭގައި ސްވިޑަންއިން ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ލަނޑެވެ.

ޖޫން 14، 2026 ގައި މެކްސިކޯގެ ގުއަޑަލޫޕޭގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް 'އެފް' ގެ މެޗުގައި ޓިއުނީޝިއާ ކޮޅަށް ސްވިޑަންގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު، އެ ޓީމުގެ މިޑްފީލްޑަރު ޔާސީން އަޔާރީ އުފާފާޅު ކުރަން ބޭނުން ނުވާކަން ހާމަކުރަނީ --- ފޮޓޯ: ހޫލިއޯ ސެސާ އަގީލާ | އޭއެފްޕީ
ޖޫން 14، 2026 ގައި މެކްސިކޯގެ ގުއަޑަލޫޕޭގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް 'އެފް' ގެ މެޗުގައި ޓިއުނީޝިއާ ކޮޅަށް ސްވިޑަންގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު، އެ ޓީމުގެ މިޑްފީލްޑަރު ޔާސީން އަޔާރީ އުފާފާޅު ކުރަން ބޭނުން ނުވާކަން ހާމަކުރަނީ --- ފޮޓޯ: ހޫލިއޯ ސެސާ އަގީލާ | އޭއެފްޕީ

ޔާސީން އަޔާރީއަކީ މޮރޮކޯ މަންމަ އަކާއި ޓިއުނިޝިއާގެ ބައްޕައަކަށް އުފަންވި ކުޅުންތެރިޔެކެވެ. އޭނާ އުފަންވީ ސްވިޑެން އަށެވެ، އުމުރުފުރާތަކުގެ ގައުމީ ޓީމުން ފެށިގެން އޭނާ ކުޅުނީ ވެސް ސްވިޑެން އަށެވެ. 

މެޗުގައި ސްވިޑެންގެ އަނެއް ތިން ލަނޑު ޖެހީ އެލެގްޒެންޑާ އިސާކް އާއި ވިކްޓާ ޔޮކަރޭސް އާއި މަޓިއަސް ސްވަންބާގް އެވެ. ސްވިޑެންގެ ފަސްވަނަ އަޔާރީ ޖެހީ މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރެއިން ފަސްވަނަ މިނެޓްގަ އެވެ. 

އެ ދެ ލަނޑުގައި ވެސް އޭނާ އުފާފާޅު ނުކުރެ އެވެ. އަދި ޓިއުނީޝިއާގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭކަން އަތުގެ އިޝާރާތުން ހާމަ ކުރި އެވެ. އަދި އެއަށް ފަހު އޭނާ ޖެހީ ޝުކުރުގެ ސަޖިދަ އަށެވެ.

މެޗުގައި ޓުއޔނީޝިއާގެ ހަމައެކަނި ލަނޑު އުމަރު ރެކީކް އެވެ. 

މި ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ނެދަލެންޑްސް އާއި ޖަޕާން ކުޅުނު މެޗު 2-2 ން އެއްވަރުވީ އެވެ.