އާލިންޓަން (ޖޫން 22) - ކެޕްޓަން ލިއޮނެލް މެސީގެ ގޯލުތަކުން 2-0 އިން އޮސްޓްރިއާ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ގަދަ 32 ޓީމު ވާދަ ކުރާ ނޮކައުޓް ބުރުން ޖާގަ ޔަގީން ކޮށްފި އެވެ.
މި ނަތީޖާއާ އެކު އާޖެންޓީނާ މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދާފައި ވާއިރު، އޮސްޓްރިއާ ދެވަނައިގައި އޮތީ ދެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު އެވެ. ގުރޫޕް ޖޭ ގައި ހިމެނޭ ޖޯޑަން އާއި އަލްޖީރިއާ ވަނީ މިހާތަނަށް ކުޅުނު ހަމައެކަނި މެޗުން ބަލި ވެފަ އެވެ.
މިރޭގެ މެޗުގައި އާޖެންޓީނާއިން ޖެހި ފުރަތަމަ ގޯލު 38 ވަނަ މިނިޓުގައި ޖަހައިދިނީ މެސީ އެވެ. މެސީ ވަނީ މި ގޯލާ އެކު މި އަހަރުގެ މުބާރާތުގައި ހަތަރު ގޯލު ޖެހުމުގެ އިތުރުން، 17 ގޯލާ އެކު ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް މުގުރާލައިފަ އެވެ. މެސީ މި އަދަދަށް ގޯލު ޖަހާފައި މި ވަނީ 28 މެޗު ކުޅެގެންނެވެ.
މި ރެކޯޑް ކުރިން އޮތީ 24 މެޗުން 16 ލަނޑު ޖަހާފައިވާ ޖަރުމަންގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސޭ އަތުގަ އެވެ. މި އަހަރުގެ މުބާރާތް ފެށުމުގެ ކުރިން އުމުރުން 38 އަހަރުގެ މެސީ އަށް ޖެހިފައި ވަނީ 13 ލަނޑެވެ. ނަމަވެސް ފުރަތަމަ މެޗުގައި އަލްޖީރިއާއާ ދެކޮޅަށް، އޭނާ ވޯލްޑް ކަޕްގައި ކާމިޔާބު ކުރި ފުރަތަމަ ހެޓްރިކާ އެކު ވަނީ ކްލޯސޭގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ.
އާޖެންޓީނާގެ ފަހު ލަނޑު މެސީ ޖެހީ، މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު މިނިޓުގަ އެވެ. މިއީ މެސީ ފީފާ ވޯލްޑް ކަޕްގައި ކާމިޔާބު ކުރި 18 ވަނަ ގޯލެވެ.
މި އަހަރުގެ މުބާރާތުގައި އާޖެންޓީނާ މިހާތަނަށް ޖެހި ފަސް ގޯލު ވެސް ޖަހައިދީފައި ވަނީ މެސީ އެވެ.
މީގެ އިތުރުން މެސީ ވަނީ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ގޯލު ޖަހައި، ފީފާ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލު ޖެހުމުގެ ރެކޯޑާ ވެސް އެއްވަރު ކޮށްފަ އެވެ. އޮސްޓްރިއާ އާއި އަލްޖީރިއާގެ ކުރިން މެސީ ވަނީ 2022 ވޯލްށޑް ކަފްގެ ފަހު ހަތަރު މެޗުގައި، އޮސްޓްރޭލިއާ، ނެދަލެންޑްސް، ކްރޮއޭޝިއާ އަދި ފްރާންސް ކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ. މެސީގެ އިތުރުން މި ރެކޯޑް އޮންނަނީ 1970 ގެ ވޯލްޑް ކަޕްގައި ހަ މެޗުގައި ގޯލު ޖެހި ބްރެޒިލްގެ ޖަޒީނިއޯ އަދި 1958 ގައި ހަ މެޗުގައި ގޯލު ޖެހި ފްރާޏްސްގެ ޖަސްޓް ފޮންޓެއިން އަތުގަ އެވެ.