ވޯލްޑް ކަޕްގެ ނޮކައުޓްގައި ރޮނާލްޑޯގެ ފުރަތަމަ ގޯލާއި ވީއޭއާރްގެ "ޑްރާމާ" އިން ޕޯޗުގަލް ސަލާމަތްވެއްޖެ

ޓޮރޮންޓޯ (ޖުލައި 3) - ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ކްރޮއޭޝިއާ 2-1 އިން ބަލިކޮށް ޕޯޗުގަލް މި އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށް ފަހު ދެވަނަ ހާފު ފެނުނީ ތަފާތުކޮށެވެ. ކްރޮއޭޝިއާ ވަނީ ދެވަނަ ހާފު ފެށިގެން އަށް ވަނަ މިނިޓު ތެރޭ އިވާން ޕެރިސިޗްގެ ގޯލަކުން ލީޑު ނަގައިފަ އެވެ.

ކްރޮއޭޝިއާ މެޗުގައި ލީޑު ނެގުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ކްރޮއޭޝިއާ މެޗުގައި ލީޑު ނެގުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޕޯޗުގަލް އެއްވަރު ކުރީ 68 ވަނަ މިނިޓުގައި ވީއޭއާރު ރިވިއު އަށް ފަހު ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، 41، އެވެ. އޭގެ ތިން ވަރަކަށް މިނިޓު ކުރިން އޭނާ ޕޯޗުގަލް އަށް އެއްވަރު ކޮށްދޭން ލަނޑެއް ޖެހި ނަމަވެސް އެ ފުރުސަތުގައި ރެފްރީ ނިންމީ އޭނާ އޮފްސައިޑް ކަމަށެވެ.

މިއީ ފީފާ ވޯލްޑް ކަޕް ކުޅެން ފެށިތާ ވިއްސަކަށް އަހަރު ފަހުން ނޮކައުޓް ބުރުގައި ރޮނާލްޑޯ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ. މި މެޗުގެ ކުރިން ރޮނާލްޑޯ ވަނީ ނޮކައުޓް ބުރުގައި އޭނާ ކުޅުނު އަށް މެޗުން ޖުމްލަ 29 ހަމަލާ ފޮނުވާލައިފަ އެވެ. މި މެޗުގައި ކާމިޔާބު ކުރި ގޯލާ އެކު ރޮނާލްޑޯ ވަނީ މިހާތަނަށް އޭނާ ވޯލްޑް ކަޕްގައި ކުޅުނު 26 މެޗުން 11 ގޯލު ހަމަ ކޮށްފަ އެވެ. ރޮނާލްޑޯ އަކީ ޖެހިޖެހިގެން ހަ މުބާރާތުގައި ގޯލު ޖަހާފައިވާ ހަމައެކަނި ކުޅުންތެރިޔާ އެވެ.

ރޮނާލްޑޯ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ރޮނާލްޑޯ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ކްރޮއޭޝިއާގެ މަޓެއޯ ކޮވަސިޗް ދުރުން ފޮނުވާލި ހަމަލާއެއް ނާކާމިޔާބި ވި އިރު، އޭގެ ފަސް ވަރަކަށް މިނިޓް ފަހުން ޕީޓާ ސޫޝިކް ޖެހި ގޯލެއްގައި އޭނާ އޮފްސައިޑް ކަމަށް ލައިންސްމަން ދިދަ ނެގުމުން ރެފްރީ ވަނީ ލަނޑެއް ކަމަށް ބަލައި ނުގަންނަން ނިންމައިފަ އެވެ.

މެޗުގެ ފަހު 10 މިނިޓަށް ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ރޮނާލްޑޯ ބެންޗަށް ބަދަލުކޮށް ރުބެން ނެވޭސް ކުޅެން ނެރެފަ އެވެ.

ޕޯޗުގަލް މޮޅުވި ލަނޑު 90 މިނިޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 10 މިނިޓުގެ ތެރެއިން ހަތަރުވަނަ މިނިޓުގައި ޖަހައިދިނީ ގޮންސާލޯ ރާމޯސް އެވެ. އޭނާ ވަނީ ރަފައެލް ލެއާއޯ ނަގައިދިން ބޯޅައެއް ބޮލުން ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިފަ އެވެ.

މެޗަށް ފަހު ކްރޮއޭޝިއާގެ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ
މެޗަށް ފަހު ކްރޮއޭޝިއާގެ ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ

މި ލަނޑަށް ފަހު ވެސް ކްރޮއޭޝިއާ ވަނީ ނަތީޖާ އަނބުރާލަން މަސައްކަތް ކޮށްފަ އެވެ. އިތުރު ވަގުތުގެ 12 ވަނަ މިނިޓުގައި ޕެރިސިޗް ނަގައިދިން ހުރަހަކުން މާރިއޯ ޕަސަލިޗް ފޮނުވާލި ހަމަލާ ގޯލަށް ވައްދާލައި އުފާފާޅު ކުރި ނަމަވެސް ނޯވޭގެ ރެފްރީ އެސްޕެން އެސްކާސް ވަނީ ވީއޭއާރު މޮނީޓަރު ކައިރީ ރިވިއު ކުރުމަށް ފަހު އޮފްސައިޑް ކަމަށް ނިންމައި ގޯލު ކެންސަލް ކޮށްފަ އެވެ.

ދިގު ވީއޭއާރު ރިވިއު އާ ގުޅިގެން މެޗު ނިންމާލީ އިތުރު ވަގުތުގެ ގޮތުގައި 19 މިނިޓު ކުޅުވުމަށް ފަހު އެވެ.

ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް މެޗަށް ފަހު މާޔޫސް ވެފަ.-- ފޮޓޯ: އޭއެފްޕީ
ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް މެޗަށް ފަހު މާޔޫސް ވެފަ.-- ފޮޓޯ: އޭއެފްޕީ

މި ބައްޔާ އެކު ކްރޮއޭޝިއާގެ ރަން ޖީލަށް މި ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފަ އެވެ. އިވާން ޕެރިސިޗް، 37، ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި ނުވި ނަމަވެސް ލެޖެންޑަރީ މިޑްފީލްޑަރު ލޫކާ މޮޑްރިޗް، 40 ވަނީ މި މެޗަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.

މޮޑްރިޗާއި ޕެރިސިޗް އަދި ކޮވަސިޗް، 32، ވަނީ 2018 ގެ ވޯލްޑް ކަޕް ފައިނަލާއި 2022 ގެ ސެމީ ފައިނަލަށް ޓީމު ގެންގޮސްދޭން މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

މުބާޜާތުގެ ގަދަ 16 ގައި އަންނަ ހޯމަ ދުވަހުގެ ރޭ ޕޯޗުގަލް ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.