އާލިންޓަން (ޖުލައި 7) - ވަހު ވަގުތު ބަދަލު ކުޅުންތެރިޔާ މިކެލް މެރީނޯ ޖަހައިދިން ގޯލުން 1-0 އިން ޕޯޗުގަލް ބަލި ކޮށް ސްޕެއިން، ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ސްޕެއިން އަކީ އެންމެ ފަހުގެ ޔޫރޯ މުބާރާތުގެ ޗެމްޕިއަނުންނެވެ. އަދި އެންމެ ފަހުން އޮތް ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗުގަލް ހޯދީ ފައިނަލްގައި ސްޕެއިންއާ ވާދަ ކޮށެވެ.

ދާދި ހަމަހަމަކޮށް ފެށި މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ލަމީން ޔަމާލް އާއި އެލެކްސް ބައޭނާ ވަނީ ޕޯޗުގަލްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ދެ ހަމަލާ ފޮނުވާލައިފަ އެވެ. ނަމަވެސް ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.

ރޮނާލްޑޯ އަށް ލިބުނު ފުރުސަތެއްގައި ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ރޮނާލްޑޯ އަށް ލިބުނު ފުރުސަތެއްގައި ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގެ ހައިޑްރޭޝަން ބްރޭކަށް ފަހު ޕޯޗުގަލް ވަނީ ކުޅުން ރަނގަޅުކޮށް ފުރުސަތުތަކެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅައެއް ސްޕެއިންގެ ކީޕަރު އުނައި ސިމޮން ދިފާއު ކުރި އިރު، ނޫނޯ މެންޑޭޒްގެ ހަމަލާއެއް ސްޕެއިންގެ ޕެޑްރޯ ޕޯރޯ ބޮލުން ބްލޮކް ކުރަން މަސައްކަތް ކުރަނިކޮށް ވަނީ ހުރަސް ދިނޑިއަށް އަމާޒު ވެފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޕޯޗުގަލްގެ އެޓޭކްތައް ވަރުގަދަކޮށް ފެނުނު ނަމަވެސް ފަހު 15 މިނިޓަށް ފެރާން ޓޮރޭޒް ކުޅެން ނުކުތުމާ އެކު ސްޕެއިނުން ވަނީ އެޓޭކްތައް ވަރުގަދަ ކޮށްފަ އެވެ. އޭނާ އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބި ނާކާމިޔާބު ވެފަ އެވެ.

މެރީނޯ ސްޕެއިން މޮޅުވި ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
މެރީނޯ ސްޕެއިން މޮޅުވި ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މެރީނޯ ގޯލު ޖެހީ ކުޅެން ނުކުތްތާ ހަ މިނިޓު ފަހުން، މެޗުގެ 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަ މިނިޓުގެ ތެރޭން ފުރަތަމަ މިނިޓުތެރޭގަ އެވެ. އޭނާ ވަނީ ފެރާން ޓޮރޭޒް ދިން ތުރޫ ޕާސް ހޯދައި ގޯލަށް ފޮނުވާލައިފަ އެވެ.

އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައި ޕޯޗުގަލް ނަތީޖާ އެއްވަރު ކުރަން ކުރި މަސައްކަތުން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. ނަމަވެސް ޔާއޯ ނެވޭސް ނަގައިދިން ބޯޅަ ބެނާޑޯ ސިލްވާ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

މެޗަށް ފަހު ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ
މެޗަށް ފަހު ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ

މިއީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، 41، އޭނާގެ ކެރިއަރުގައި ކުޅުނު ފަހު ވޯލްޑް ކަޕް މެޗެވެ. އޭނާ ވަނީ މިއީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް މުބާރާތް ކަން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކޮށްފަ އެވެ. ނަމަވެސް ގައުމީ ޓީމަށް ކުޅުން އަދި ކުރިއަށް ގެންދާނެ ކަމަށް ވެ އެވެ. ރޮނާލްޑޯ ވަނީ 2006 އިން ފެށިގެން ޖެހިޖެހިގެން ހަ ވޯލްޑް ކަޕްގައި ކުޅެ، ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

ރޮނާލްޑޯ ވަނީ އޭނާގެ ކެޕްޓަންކަމުގައި ޕޯޗުގަލް އަށް އެއް ޔޫރޯ މުބާރާތާއި ދެ ފަހަރު ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

ސްޕެއިން ވަނީ އެ ޓީމުން ވޯލްޑް ކަޕް ކާމިޔާބު ކުރި 2010 ގެ މުބާރާތުގައި ވެސް ހަމަ މި ނަތީޖާއިން ޕޯޗުގަލް ބަލި ކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

މި އަހަރުގެ ކުއާޓާ ފައިނަލްގައި ސްޕެއިން ނުކުންނާނީ ޔޫއެސްއޭ އާއި ބެލްޖިއަމް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.