އެމެރިކާގެ ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑް ބާތިލު ކުރި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ބެލްޖިއަމަށް ދީފި އެވެ. 

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް އެމެރިކާ ކުޅުނު މެޗުގައި، ބަލޯގަން ކުރި އާދައިގެ ފައުލަކަށް ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލި އެވެ. އެއީ ބޮސްނިއާގެ ތާރިކް މުހަރެމޮވިޗްގެ ފަހަތުގައި ހުރެ ފައިގެ ފުންނާބު މަތީގައި ބޫޓުގެ ދަށްފުށުން ޖެހުމުންނެވެ. 

އެ ކާޑް ކެންސަލްކޮށް ބަލޯގަންގެ ސަސަޕެންޝަނަށް އުވާލަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އެދިވަޑައިގެންފައި ވަނިކޮށް، ފީފާއިން ވަނީ ބަލޯގަންގެ ސަސްޕެންޝަން އުވައިލައި ދީފަ އެވެ. 

ގަދަ 16 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅުމުގައި، ބަލޯގަން އަށް މިހާރު އެއްވެސް ހުރަހެއް ނެތެވެ. 

ބެލްޖިއަމްގެ އެފްއޭއިން ބުނީ ފީފާގެ އެ ނިންމުމާ ހެދި އަންތަރީސްވި ކަމަށެވެ. 

"(އެ ނިންމުމަކީ މުބާރާތުގެ ގަވާއިދުތަކާ) ސީދާ ހިލާފު ނިންމުމެއް. މި މައްސަލައިގައި ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލަމުންދާނެ،" ބެލްޖިއަމްގެ އެފްއޭއެިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

ދި އެތުލެޓިކް ނޫހުން ބުނީ، ބަލޯގަންގެ ސަސްޕެންޝަނުގެ މައްސަލައިފައި ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުމަށް އެދި އިސްވެ ހުށަހެޅީ ބެލްޖިއަމްގެ އެފްއޭއިން ކަމަށެވެ.

"އެއާ އެކު ފީފާއިން ވަނީ ބެލްޖިއަމްގެ އެފްއޭ އަށާއި އެމެރިކާގެ ސޮކާ ފެޑެރޭޝަނަށް ވެސް މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތްކަން އަންގާފައި،" ދި އެތުލެޓިކް ނޫހުން ބުންޏެވެ. 

ފީފާގެ އިސްތިއުނާފު ކޮމިޓީން އެ މައްސަލަ ބަލާނީ ޔޫއެފާ އާއި އުތުރު އެމެރިކާ ބައްރުގެ ފުޓްބޯޅަ އިދާރާ، ކޮންކާކަފް ތަމްސީލު ނުކުރާ މެންބަރުންނެވެ.  އެ މައްސަލައިގައި ޔޫއެފާއިން ވެސް ވަނީ ފީފާ އަށް ފާޑުކިޔާފަ އެވެ.

އިސްތިއުނާފްގެ މައްސަލަ ހުށަހަޅަން މުހުލަތު ދިނީ އެމެރިކާގެ ގަޑިން ހޯމަ ދުވަހު (ރާއްޖޭ ގަޑިން މިރޭ އިރާކޮޅު) އެވެ.   

އެކަމަކު މެޗުގެ ކުރިން އިސްތިއުނާފުގެ މައްސަލަ ނިންމައި ދޭނެކަމުގެ ޔަގީން ކަމެއް ފީފާއިން ނުދެ އެވެ. އެ މެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ ފަތިހު ފަހެއް ޖަހާއިރު އެވެ.