އާޖެންޓީނާ އަތުން ފަހު ވަގުތު 2-1 އިން ބަލިވެ، ވޯލްޑް ކަޕްގެ ފައިނަލުން ފުރުސަތު ގެއްލުނު ނަމަވެސް ކޯޗު ތޯމަސް ޓޫހުލް އަށް އިތުބާރު އެބަ އޮތް ކަމަށް އިނގިރޭސި އެފްއޭގެ ޗީފް އެގްޒެކެޓިވް މާކް ބުލިންހަމް ބުނެފި އެވެ.

މެޗުގެ ފަހު ވަގުތު ގެނައި ބަދަލުތަކާ ގުޅިގެން ޓޫހުލް އަށް ފާޑުކިޔުންތައް އަމާޒުވި އެވެ. މި ބައްޔާ އެކު އިންގްލެންޑަށް ވަނީ 1966 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލެއް ކުޅުމަށް ކުރާ އިންތިޒާރު ދިގުލައިފަ އެވެ. އިންގްލެންޑަށް މިހާތަނަށް ފުޓްބޯޅައިގައި ލިބުނު ހަމައެކަނި ކާމިޔާބީ އަކީ 1966 ގައި އަމިއްލަ ފަސްގަނޑުގައި ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.

ޖަރުމަނަށް އުފަން ކޯޗު ޓޫހުލް އިނގިރޭސި ގައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު 18 މަސްދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ ކޮންޓްރެކްޓުގެ މުއްދަތު އިތުރު ދެ އަހަރާ އެކު 2028 ގެ ނިޔަލަށް މަގާމުގައި ހުންނަން އެއްބަސް ވެފަ އެވެ.

ޔޫރޯ 2028 ހޯސްޓް ކުރާނީ އިންގްލެންޑާއި ވޭލްސް، ސްކޮޓްލެންޑް އަދި ރިޕަބްލިކް އޮފް އަޔަލެންޑްގަ އެވެ.

"އަހަރެމެން ކުރިއަށް ދާނީ ކޮންޓްރެކްޓާ އެއްގޮތަށް އަމިއްލަ ފަސްގަނޑުގައި ބާއްވާ ޔޫރޯ މުބާރާތާ ހަމައަށް. މިހާރު އެ ހިސާބަށް ވިސްނަން މާ އަވަސް ވިޔަސް އަހަރެންގެ އަމާޒު ދެން ހުރީ އެ ދިމާއަށް،" ސެމީ ފައިނަލް މެޗަށް ފަހު ޓޫހުލް ބުނެފައިވެ އެވެ.

ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗުގައި އިންގްލެންޑް ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ. މި މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 2 ޖަހާއިރެވެ.