އެޓްލާންޓާ (ޖުލައި 16) - ކެޕްޓަން ލިއޮނެލް މެސީގެ މޮޅު ކުޅުމާ އެކު ފަހަތުން އަރައި 2-1 އިން އިންގްލެންޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވޯލްޑް ކަޕް 2026 ގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އާޖެންޓީނާ މޮޅުވީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖެހި ލަނޑުތަކުންނެވެ. ދެ ގޯލު ވެސް ޖަހަން އެހީވީ މެސީ އެވެ.

ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާ ލެވިފައި ނުވާ އިރު، އެންމެ ނުރައްކާކޮށް ދިޔައީ އާޖެންޓީނާގެ ހަމަލާއެކެވެ. ލިއޮނެލް މެސީ ދުރުން ފޮނުވާލި ހަމަލާއެއް ހެރީ ކޭން ބްލޮކް ކުރުމުން ރީބައުންސް ބޯޅައިގައި އެންޒޯ ފެނާންޑޭޒް އެއްފަހަރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

އިންގްލެންޑްގެ ގޯލަށް ފަހު ކުޅުންތެރިން އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އިންގްލެންޑްގެ ގޯލަށް ފަހު ކުޅުންތެރިން އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަވަސް ކައުންޓާ އެޓޭކެއްގައި އިންގްލެންޑް ލަނޑު ޖެހީ 55 ވަނަ މިނިޓުގައި މޯގަން ރޮޖާސް ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައަކުން އެންޓޮނީ ގޯޑޮން އެވެ.

އިންގްލެންޑްގެ ގޯލަށް ފަހު އާޖެންޓީނާ ބޮޑަށް ޕްރެސް ކޮށްގެން ހޯދި ފުރުސަތުތަކުގައި، މެސީ ނަގައިދިން ހުރަހެއް ނިކޮލަސް ގޮންޒާލެޒް ފޮނުވާލުމުން ކީޕަރު ޖޯޑަން ޕިކްފޯޑް ދިފާއު ކުރި އިރު ރޮޑްރިގޯ ޑި ޕޯލް ނަގައިދިން ހުރަހެއް އެލެކްސިކް މެކް އަލިސްޓާ ފޮނުވާލލުމުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

މެސީ އާޖެންޓީނާގެ ކުޅުންތެރިންނާ އެކު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެސީ އާޖެންޓީނާގެ ކުޅުންތެރިންނާ އެކު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާއެއް ކީޕަރު ޕިކްފޯޑް ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލި އެވެ. އެ ކޯނަރުގައި މެސީ ކައިރިން ކުޅެގެން ބޯޅަ ހިފައިގެން އަރައި އެންޒޯ ފެނާންޑޭޒް އަށް ދިން ބޯޅަ އޭނާ ވަނީ ކޮންޓްރޯލް ކޮށްލާފައި އެއްފަހަރުން ގޯލަށް ފޮނުވާލައިގެން އާޖެންޓީނާ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި މެކް އަލިސްޓާގެ އިތުރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒު ވި އިރު، ހަމަ އެ ބޯޅައިގައި މެސީ ނަގައިދިން ހުރަސް ބޮލުން ގޯލަށް ފޮނުވާލައިގެން، އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި އާޖެންޓީނާ އަށް ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލަޓައުރޯ މާޓިނޭޒް އެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި އަންނަ އާދިއްތަ ދުވަހުގެ ރޭ އާޖެންޓީނާ ނުކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ. އާޖެންޓީނާ އަކީ އެންމެ ފަހުން އޮތް ދެކުނު އެމެރިކާ ބައްރުގެ މުބާރާތުގެ ޗެމްޕިއަނުންނެވެ. ދެ ޓީމުގެ މެދުގައި ފައިނަލިސިމާ ކުޅެން ކުރިން ތާވަލް ކުރެވުނު ނަމަވެސް ފަހުން މެޗު ބާއްވާނެ ސްޓޭޑިއަމަކާ މެދު ދެ ޓީމު އެއްބަސްވުމަކަށް ނާދެވިގެން މި އަހަރުގެ ފައިނަލިސިމާ ވަނީ ކެންސަލް ކޮށްފަ އެވެ.

ފައިނަލް މެޗުގެ ކުރިން ހޮނިހިރު ދުވަހުގެ ރޭ، މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އިންގްލެންޑާއި ފްރާންސް ބައްދަލުކުރާނެ އެވެ.