ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔަފާރި އޮޕަރޭޝަންތަކުން ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކުމަށްޓަކައި، ސެމީ ޕްރައިވެޓް ސަބްސިޑަރީ ކުންފުންޏެއް އުފެއްދުމަށް ނިންމާފައިވާކަން އެ އިދާރާއިން ކަށަވަރުކޮށްދީފި އެވެ.

ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ) ގެ ނަމުގައި ހަދާ ކުންފުނީގައި އެ އިދާރާގެ ފުލް ކޮންޓްރޯލް އޮންނާނެ ކަމަށް، ފީފާއިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. މުބާރާތްތަކުން ހިއްސާ ވިއްކާނީ ފަރުވާތެރިކަމާ އެކު އިންވެސްޓަރުން ހޯދައިގެންކަމަށް ވެސް ފީފާއިން ބުންޏެވެ. އަދި ވިއްކާނީ އެ ހިއްސާ ގަންނަ ފަރާތްތަކަށް ކުންފުނީގެ ކޮންޓްރޯލް ނުލިބޭނެ ގޮތަށް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ. 

އެ ކުންފުނި އުފައްދައި، ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކައިގެން މިއަހަރު ފަހުކޮޅު 4.2 ބިލިއަން ޑޮލަރު ފީފާ އަށް ވެއްދުމަށް އުއްމީދުކުރާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މުޅި ކުންފުނީގެ އަގު އަގު 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ. 

ފީފާއިން މި މައްސަލައި ވާހަކަ ދެއްކީ އިނގިރޭސިވިލާތުގެ ދަ ޓައިމްސް އާއި އެ ނޫހުގެ ދަށުން ހިންގާ ފައިނޭންޝިއަލް ޓައިމްސްގައި، ދެ މަސްދަރާކާ ހަވާލާދީ އާންމު ކުރި ރިޕޯޓަކާ ގުޅިގެންނެވެ. ފީފާއިން އަވަހަށް ބަޔާނެއް ނެރެ ފުރަތަމަ ފަހަރަށް އެކަން އިއުލާން ކުރި އެވެ. 

ދަ ޓައިމްސްގައިވާ ގޮތުން، އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ހަތަރުވަނަ ދައުރަކަށް، ހޮވޭނެކަމަށް ބެލެވޭ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ ދައުރު 2031 ގައި ނިމުމަށް ފަހު، އޭނާ ބަދަލުވާނީ ފީފާގެ އެންޓަޕްރައިޒަސް ކުންފުނީގެ ކޮމިޝަނަރުގެ މަގާމަށެވެ. އެކަމަކު ފީފާއިން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާ: ފީފާގެ ކުންފުނީގެ ހިއްސާ ގަންނަން އުޅޭ އެއް ކުންފުންނަކީ އޭނާގެ ތުރައިވް ކެޕިޓަލް ކަމަށް ފީފާއިން ވަނީ އަޑުފެތުރިފައި --- ފޮޓޯ: ބްރެންޑަން މެކްޑާމިޑް | ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާ: ފީފާގެ ކުންފުނީގެ ހިއްސާ ގަންނަން އުޅޭ އެއް ކުންފުންނަކީ އޭނާގެ ތުރައިވް ކެޕިޓަލް ކަމަށް ފީފާއިން ވަނީ އަޑުފެތުރިފައި --- ފޮޓޯ: ބްރެންޑަން މެކްޑާމިޑް | ރޮއިޓާސް

އެ ކުންފުނިން ވިއްކާ، ހިއްސާ ގަންނާނެ ކުންފުނިތަކާ އެކު ފީފާއިން މަޝްވަރާކުރަމުންދާ ކަމަށް ޓައިމްސްއިން ބުންޏެވެ. އޭގެތެރޭގައި އިންފަންޓީނޯގެ ގާތް އެކުވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ އިންވެސްޓްމެންޓް ކުންފުނި "ތުރައިވް ކެޕިޓަލް" ހިމެނޭ ކަމަށް ޓައިމްސްއިން ބުންޏެވެ.

އޭގެ އިތުރުން ކުރިން ފަށަން މަސައްކަތްކޮށް ފެއިލްވި ޔޫރަޕިއަން ސުޕަ ލީގަށް ހަރަދުކުރަން އުޅުނު އެމެރިކާގެ ޖޭޕީ މޯގަން ޗޭސް ބޭންކު ވެސް އެ ލިސްޓްގައި ހިމެނެ އެވެ.

ފީފާގެ މި ޕްރޮޖެކްޓަށް އަމަލުކުރާނީ 38 މެންބަރުން ހިމެނޭ އެ އިދާރާގެ ކައުންސިލުން ފާސްކުރުމުގެ އިތުރަށް މެންބަރު އެސޯސިއޭޝަންތަކުގެ މެޖޯރިޓީ ލިބިގެންނެވެ. ފީފާއިން ބުނީ އެ ޕްލޭން ވަރަށް އަވަހަށް ކައުންސިލަށް ހުށަހަޅާނެ ކަމަށެވެ. 

"އެފްއެފްއީގެ ހުރިހާ ކޮންޓްރޯލެއް އަދި ފުޓްބޯޅައިގެ ހިންގުމާއި މުބާރާތްތަކާއި މެޗު ކަލަންޑަރާއި (މި) ހުރިހާ ރެގިއުލޭޓަރީ އަދި ސްޕޯޓިން ނިންމުންތަކުގެ މައްޗަށް ހަމައެކަނި ބާރު ލިބިގެންވާނީ ފީފާ އަށް،" އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

"މިހާރު ހިންގާ ފީފާގެ އެހެން ޕްރޮގްރާމްތަކާ އެކު މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ކުރިއަށް އޮތް ހަތަރު އަހަރުތެރޭގައި ފީފާ އަށް ލިބޭނެކަމަށް ޕްލޭން ކުރެވިފައިވާ ޑިވެލޮޕްމަންޓް ފަންޑިން ޖުމުލަ 10 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތް."

މީގެކުރިން ވެސް ފީފާއިން ވަނީ ވިޔަފާރީގެ ހަރަކާތްތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ޑީލްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އޭރު ވޯލްޑް ކަޕްގެ އެކި ރައއިޓްސް ވިއްކަން މުއާމަލާތްތައް ކުރިއަށްގެންދިޔަ އައިއެސްއެލްކުންފުނި 2001 ގައި ބަނގުރޫތް ވީ އެވެ. އޭގެ ސަބަބުން ފީފާ އަށް 30 މިލިއަން ޑޮލަރާއި 115 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ގެއްލުވިކަމަށް ވަނީ ބެލެވިފަ އެވެ.