މާޒިޔާގެ ކޯޗުގެ މަގާމަށް ޗެކް ރިޕަބަލިކް (ޗެކިއާ) ގެ ތަޖުރިބާކާރު ތޯމަސް ޓްރުހާ، ހަމަޖައްސައިފި އެވެ. 

މީގެ ދެތިން ދުވަހެއް ކުރިން ރާއްޖެ އައި ނަމަވެސް މާޒިޔާގެ ކޯޗުކަން އޭނާ ރަސްމީކޮށް ހަވާލު ކުރީ އިއްޔެ އެވެ. ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީޝީލްޑްގެ މެޗު ބަލަން ގައުމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްގައި އޭނާ ހުއްޓެވެ. 

ނިއު ރޭޑިއަންޓް ބަލިކޮށް ޝީލްޑް މާޒިޔާއިން ދިފާއު ކުރީ އެސިސްޓެންޓް ކޯޗު އަހްމަދު ޝުޒެއިރުގެ އިރުޝާދުގެދަށުންނެވެ. 

އުމުރުން 54 އަހަރުގެ ކޯޗު، މާޒިޔާއާ ހަވާލުވުމުގެ ކުރިން މިދިޔަ މަހު 19 ގައި ރުވަންޑާގެ ކްލަބް މުރްކާ ވިކްޓަރީގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވި އެވެ. އަދި އެ ކްލަބްގައި މަސައްކަތް ކުރުމުގެ ގޮތުން މުރްކާ ނިސްބަތްވާ ހުޔޭ ސިޓީ އަށް އޭނާ ދަތުރު ވެސް ކުރި އެވެ. އެކަމަކު އެ ކްލަބާ އެކު ރަސްމީކޮށް މަސައްކަތް ފެށުމުގެ ކުރިން، ކްލަބްގެ މެނޭޖްމެންޓާ ވާހަކަ ދައްކައި، ފަރާތް އެއްބަސްވެގެން، ކްލަބްގެ މަގާމު އޭނާ ދޫކޮށްލި އެވެ. ބައެއް މަސްދަރުތަކުން ބުނާގޮތުގައި އެ ފުރުސަތު އޭނާ ދޫކޮށްލީ މާޒިޔާއިން ހުށަހެޅުން ލިބުމުންނެވެ. 

އޭނާ ވަނީ މީގެ ކުރިން މެލޭޝިއާ އާއި އިންޑޮނޭޝިއާގެ ލީގުގެ ކްލަބްތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ. މެލޭޝިއާގެ ވަރުގަދަ ދެ ކްލަބް ކަމަށްވާ ކެލަންޓަން އާއި ޕެނަންގްގެ ކޯޗުކަން ވެސް އޭނާ ކުރި އެވެ. 

ޗެކިއާގެ ވަރުގަދަ ކްލަބެއް ކަމަށްވާ ވިކްޓޯރިއާ ޕްލެޒެންގެ، އެސިސްޓެންޓް ކޯޗުކަން ވެސް އޭނާ ކުރި އެވެ. އޭނާގެ އެންމެ ގިނަ ތަޖުރިބާތަކެއް ކުރީ އެފްރިކާ ބައްރުގެ އެކި ގައުމުތަކުގެ ކްލަބްތަކުގަ އެވެ. ދެކުނު އެފްރިކާ އާއި ކެންޔާ އަދި ބޮޓްސްވާނާގެ ޓީމުތަކުގައި އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.