ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ، ވާދަކުރަން ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ނޯވޭ ފުޓްބޯޅަ އިދާދާގެ ރައީސް ލީސާ ކްލާވެނެސްގެ ނަން ވައިގައި ހިފައިފި އެވެ.
ޔޫއެފާގެ އެކްސްކޯގެ މެންބަރުކަން ވެސް ކުރައްވާ ލީސާ، އިންތިހާބަށް ނެރެން ހުށަހެޅީ ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާ އެވެ.
އުމުރުން 90 އަހަރުގެ ބްލެޓާ ބުނީ މި ވަގުތަކީ ފީފާގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ގެންނަންވީ ވަގުތު ކަމަށެވެ.
"ލީސާ ކްލާވެނެސްއަކީ އެންމެ މަތީ ދަރަޖައިގެ އިހްތިރާމް ހައްގުވާ ބޭފުޅެއް. އޭނާއަކީ އަބަދުވެސް ވަކި ފަރާތަކަށް ނުޖެހި ސާބިތުކަމާ އެކު ފާޅުގައި ބަސްވިދާޅުވި އަދި އާންމު އޮއިވަރާ އެއްކޮޅަށް ވަޑައިނުގެންނެވި ހަމައެކަނި ބޭފުޅާ. އަދި ފީފާގެ ލީޑަރޝިޕާ އަންހެނަކު ހަވާލުވާންވީ ވަގުތު މިއީ،" ސޯޝަލް މީޑިއާގައި ބްލެޓާ ލިޔެފައިވެ އެވެ.
ފީފާގެ މަގާމުގައި ހުންނެވި އިރު ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ހިންގިކަމަށް ތުހުމަތު ކުރެވިފައިވާ ބްލެޓާ، ލީސާގެ ނަން ފާހަގަ ކުރުމުން ބައެއް މީހުން ބުނީ ބްލެޓާގެ ފަރާތުން އެފަދަ ނަމެއް ހުށަހެޅައިފާނެ ކަމަށް ހީނުކުރާ ކަމަށެވެ.
އެކަމަކު ލީސާ އަށް ތާއީދު އޮތްކަން، އެގޮތަށް ވާހަކަ ދެއްކި އެންމެން ވެސް ފާހަގަ ކުރި އެވެ.
އުމުރުން 45 އަަހަރުގެ ލީސާއަކީ ކުރިން ފުޓްބޯޅަ ކުޅުނު އެތުލެޓީކެވެ. އަދި އޭނާ ވަނީ ލޯޔަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. ނޯވޭގެ ގައުމީ ޓީމަށް 71 މެޗު އޭނާ ވަނީ ކުޅެފަ އެވެ.
ނޯވޭ އެފްއޭގެ ރައީސަކަމަށް އޭނާ އިންތިހާބު ކުރީ 2022 ގަ އެވެ.
އޭނާ ފާހަގަ ކުރެވިފައި ވަނީ ފީފާއިން ނިންމި ބޮޑެތި ނިންމުންތަކާ ދެކޮޅަށް ވާހަކަ ދެއްކި ބޭފުޅެއްގެ ގޮތުގަ އެވެ.
ފީފާގެ އިންތިހާބު އޮންނާނީ އަންނަ އަހަރު މާޗް މަހު އެވެ. އިންތިހާބުގައި ވާދަކުރައްވާނެކަމަށް، މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މި އަހަރުގެ މެއި މަހު އިއުލާން ކޮށްފަ އެވެ. އެކަމަކު އޭނާ ހުށަހެޅި ފީފާގެ ފޯވާޑް އެންޓްޕރައިޒަސް ޕްލޭނާ ދެކޮޅަށް ބައްރުތަކުގެ ކޮންފެޑެރޭޝަންތަކުން ދެކޮޅެވެ. އެ ޕްލޭނާ ހެދި އިންފަންޓީނޯ އަށް އިތުބާރު ނެތް ކަމަށް ޔޫއެފާއިން ވަނީ ނިންމައިފަ އެވެ.