ދާދި މިދާކަށް ދުވަހު ވީ ކަމެއް ފަދައިން ހަނދާން ހުރި ކަމެކެވެ. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދީގެން، ނިއު ރޭޑިއަންޓާއި އެ ކްލަބުގެ ޒަމާންވީ ވާދަވެރިޔާ ވިކްޓަރީއާ ދެކޮޅަށް ފީފާއިން ޓްރާންސްފާގެ ސަސްޕެންޝަން ކުރިމަތިކުރި އެވެ.

"ދިވެހި ފުޓްބޯޅައިގެ އެސެޓެއް އަދި ހެރިޓޭޖެއް" ކަމަށް ބަލައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެހީވެ، އެ ދެ ކްލަބް އެ ދަންތުރައިން ސަލާމަތްކޮށްދިނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ތާރީހީ ކްލަބްތައް އަޑިގަނޑަކަށް ވެއްޓި ސަލާމަތް ނުވާނެ ހިސާބަށް ދިއުމުން ސަރުކާރުން އެހީތެރިވެދެ އެވެ. 

އެފްއޭއެމްގެ ސަސްޕެންޝަނާއި ފީފާގެ ޓްރާންސްފާގެ އަދަބުން ސަލާމަތްވެ، ހަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެއް ވަނަ ޑިވިޝަނުގައި އެ ދެ ކްލަބުން ވާދަކުރީ މިދިޔަ ސީޒަނުގަ އެވެ. ނިއު އާއި ވިކްޓަރީ އެކުގައި އެނބުރި އައުމުން، ފުޓްބޯޅައިގެ ފޯރި ވެސް ކޮންމެވެސް ވަރަކަށް ގަދަވި އެވެ.

ދެ ކްލަބްގެ މެނޭޖްމެންޓްގައި ވެސް އިސްކޮށް ހިންގަން ތިބީ ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިންނާއި ވެރިކަންކުރާ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އެ "ނުފޫޒާ" އެކު އެ ދެ ކްލަބުން، މި ސީޒަނަށް ތައްޔާރުވީ "މާލީ ބޯ ފަށަލައެއްގެ" ނިވަލުގަ އެވެ. އެ ބޯ ފަށަލައިގައި އެ ދެ ކްލަބާ މާލީގޮތުން ވާދަނުކުރެވޭނެ ވަރުގެ އެހެން ކްލަބެއް ވެސް ނެތް ކަމަށް، މައުލޫމާތު އެނގޭ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ނިއުގެ ޗެއާމަން އަހްމަދު މުބީން (ވ) އާއި ނައިބު ރައީސް މުޖުތޮބާ ޖަލީލު
ނިއުގެ ޗެއާމަން އަހްމަދު މުބީން (ވ) އާއި ނައިބު ރައީސް މުޖުތޮބާ ޖަލީލު

އެ ދެ ކްލަބުން ސޮއިކުރި ބައެއް ކުޅުންތެރިންގެ މުސާރަ އިންތިހާއަށް ބޮޑެވެ. އޭގެތެރެއިން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ނިއު އަށް ސޮއިކުރި ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް (ޑޯރީ) އެވެ. އޭނާއަށް މުސާރައިގެ ގޮތުގައި މަހަކު 350،000ރ. އެ ކްލަބުން ދޭން އެއްބަސްވެފައިވާކަމަށް، ޕީއެސްއެމްއިން ރިޕޯޓްކުރުމަށްފަހު، އެ ހަބަރު ފަހުން ވަނީ ނަގައިފަ އެވެ. 

އެ ކްލަބަށް ސޮއިކުރި ބައެއް އެހެން ކުޅުންތެރިންނާއި ވިކްޓަރީއަށް ސޮއިކުރި ބައެއް ކުޅުންތެރިންގެ މުސާރައަށް ބޮޑު ހަރަދެއް ކުރާ ކަމަށް، އިތުބާރުކުރެވޭ މަސްދަރަކުން "މިހާރު" އަށް ކަށަވަރުކޮށްދިނެވެ. ބައެއް ކުޅުންތެރިންނަށް ދޭން އެއްބަސްވެފައިވާ އަދަދު، ރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އަހަރީ ބަޖެޓަށް ވުރެ ވެސް ބޮޑެވެ.

"މިހާރު" އާ ވާހަކަދެއްކި އެހެން އޮފިޝަލަކު ބުނި ގޮތުގައި ދިވެހި ބައެއް ކުޅުންތެރިންނަށް ވެސް މުޅި ސީޒަނަށް 900،000ރ. އާއި 500،000ރ. އާ ދެމެދުގެ އަގުތަކަށް އެ ދެ ކްލަބުން ވަނީ ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. މަހުންމަހަށް އެ ފައިސާ ބަހާލިޔަސް ބައެއް ކުޅުންތެރިންނަށް 50،000ރ. އަށްވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.

ކުޅުންތެރިންނަށް ބޮޑު މުސާރަ ދިނުމަކީ މައްސަލައެއް ނޫނެވެ. 

މައްސަލައަކީ ދެމެހެއްޓެނިވި ވިޔަފާރި މޮޑެލްއެއް ކްލަބްތަކުގައި ނޯންނާތީ އެވެ. ކްލަބްތައް ވިޔަފާރި މޮޑެލްއަކަށް ބަދަލުކުރުމުގެ ވާހަކައަކީ، ރާއްޖޭގެ ފުޓްބޯޅައިގައި ދޭތެރެދޭތެރެއިން ދެކެވޭ ވާހަކައަކަސް، މިހާތަނަށް އެކަން އަމަލީ ސިފައެއްގައި ކުރެވިފައެއް ނެތެވެ.

ވިދިޔަ އަހަރު ވިކްޓަރީއަށް އިރުޝާދު ދިން ކޯޗު ޖޯޖިއޮލީ ގެރީގެ ޖޯޒީގައި ވިކްޓަރީގެ ޗެއާމަން ރައީސް (ކ) އާއި ނައިބު ރައީސް ނަޒީމް (ވ) ހިފަހައްޓަލައިގެން
ވިދިޔަ އަހަރު ވިކްޓަރީއަށް އިރުޝާދު ދިން ކޯޗު ޖޯޖިއޮލީ ގެރީގެ ޖޯޒީގައި ވިކްޓަރީގެ ޗެއާމަން ރައީސް (ކ) އާއި ނައިބު ރައީސް ނަޒީމް (ވ) ހިފަހައްޓަލައިގެން

އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅުންހުންނަ ސިޔާސީ މަގާމުތައް އަދާކުރާ ބޭފުޅުންނާއި މަޖިލިސް މެންބަރުން ކްލަބްތަކުގެ ހިންގުމާ ހަވާލުވެ، ބޮޑެތި ހަރަދުކޮށް ތަށިތަކާއި އައްޑަނަތައް ހޯދަ އެވެ. އެކަމަކު އެ ސިޔާސީ ބާރާއި ނުފޫޒު ގެއްލޭ ހިސާބުން ކްލަބްތައް ދޫކޮށްލަންޖެހެ އެވެ. ކްލަބުން އަތުދޫކޮށްލަނީ ބޮޑު ދަރަންޏަކާ އެކު އެވެ.

އަނެއްކާވެސް އަނެއް ސަރުކާރު އައިސް، އެ ސަރުކާރާ ގުޅުން އޮންނަ ބަޔަކު ކްލަބާ ހަވާލުވެ އެވެ. ބޮޑެތި ހަރަދުކޮށް ކާމިޔާބު ހޯދައިދެ އެވެ. 

އެކަމަކު ކްލަބް ހިންގުމާ ހަވާލުވާ އެއްވެސް "ޕާޓީއަކަށް" ކުރަން ނުކެރޭ ކަމަކީ ކްލަބްތައް ބިޒްނަސް މޮޑެލް އަށް ބަދަލުކުރުމެވެ.  ކްލަބްގެ ނަމުގައި ވިޔަފާރި ފަށައި ދީ، އާމްދަނީ ވަންނާނެ ގޮތްތަކެއް ހޯދައި ނުދޭހާ ހިނދަކު، ރާއްޖޭގެ ކްލަބްތައް ދެމެހެއްޓެނިވި ގޮތުގައި ނުހިންގޭނެ އެވެ. 

ކްލަބްތަކަށް ބޮޑު ހަރަދުކޮށްދޭންވީ، އެންމެ ފުރަތަމަ ވެސް ދެމެހެއްޓެނިވި މޮޑެލްއަކަށް ބަދަލު ކުރުމަށެވެ. ކްލަބްގެ ނަމުގައި ވިޔަފާރި ފަށައި، އާމްދަނީ ކްލަބަށް ލިބޭނެ ގޮތް ހެދުމުގެ ޕްލޭނެއް ތަންފީޒު ކުރުމުގެ މަސައްކަތަށެވެ.

ކޮންމެ އަހަރަކު ކްލަބްތަކަށް ފައިސާ "ޕަންޕް" ކުރުމުގެ ބަދަލުގައި ސަރުކާރުން ވެސް ފަހިކޮށްދޭންވީ ވަސީލަތާއި ފުރުސަތެވެ. އެކަމަށް މަގުފަހިކުރަން އިންސްޓިޓިއުޝަނަލް ގޮތެއްގައި ކްލަބްތަކުގެ އިދާރީ ހިންގުން އެ ނިޒާމަށް ބަދަލު ކުރަން މަޖުބޫރު ކުރަން ޖެހެ އެވެ. 

އެއަށް ފަހު ލުއިގޮތްތަކެއްގެ ތެރެއިން ސަރުކާރުގެ ބެލުމުގެދަށުގައި ހުންނަ އެސެޓު ކްލަބްތަކަށް ފޯރުކޮށްދީ، އެ އެސެޓުން އާމްދަނީ ހޯދަން ފުރުސަތު ފަހިކޮށްދެވިދާނެ އެވެ. 

ވިކްޓަރީގެ ބޯޑް މެންބަރުން
ވިކްޓަރީގެ ބޯޑް މެންބަރުން

އެކަމަކު ކްލަބްތަކާ ހަވާލުވާ "ސިޔާސީ ވަގުތީ އިންވެސްޓަރުން" ގެ ވިސްނުން ގެންގުޅެނީ އެ ބޭފުޅުން އެ ކްލަބްގައި ތިބޭނެ މުއްދަތުގައި އެކަނި ހަރަދު ކުރާނެ މިންވަރަށް ފައިސާ އާއި ފުރުސަތުތައް ހޯދުމަށެވެ. 

މި މައްސަލައިގައި ވާހަކަ ދެއްކި ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް ދާއިރާ އާއި ޓެކްނިކަލް ދާއިރާގައި ވެސް މަސައްކަތް ކުރި އޮފިޝަލަކު ބުނި ގޮތުގައި، ކްލަބްތަކުން މިހާރު އަމަލުކުރަމުންދާ ގޮތުން ވެސް ފެންނަނީ އަލުން ދަންތުރައަކަށް މެހިދާނެ މަންޒަރު ކަމަށެވެ. 

ނިއުރޭޑިއަންޓް ވިކްޓަރީ އަދި ވެލެންސިއާއަށް ކުރިމަތިވި ދަރަނީގެ ދަންތުރަ އެދަނީ ތަކުރާރުވާން. (އެންމެ ކުޅުންތެރިޔެއްގެ މުސާރަ އަށް) މަހަކު ތިންލައްކަ ރުފިޔާ ދޭނެ ފައިސާއެއް ރާއްޖޭގެ އެއްވެސް މެނެޖްމެންޓެއްގެ ނުހުންނާނެ. އަދިވެސް ދަރަނި އޮތް ކްލަބުތަކުން މިކަން ކުރާނަމަ އެދަނީ އެ ކޮންނަނީ އެ ކްލަބުތަކުގެ ކައްވަޅު،" މައްސަލައިގެ ގޮތުން ނަން ހާމަކުރަން ބޭނުންނުވާ ކަމަށް ބުނެ އޭނާ "މިހާރު" އަށް ބުންޏެވެ.

ނިއުގެ ބޯޑް މެންބަރުން
ނިއުގެ ބޯޑް މެންބަރުން

"(އެ ކްލަބްތައް) އެއްފަހަރު އެނބުރި އަތުވެދާނެ. އެކަމަކު ދެން ސަލާމަތްކުރާނެ ބަޔަކު ނެތް ދުވަހަކު ފޮހެވިގެންދާނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހީ ކްލަބުތައް."

ކްލަބްގެ އާމްދަނީ އާއި ދަރަންޏާއި ހަރަދު ކުރިގޮތުގެ ތަފްސީލުތައް ވެސް، އެ ކްލަބުން އާންމުނުކުރާކަން އޭނާ ފާހަގަ ކުރި އެވެ. އަދި އޭނާ ބުނި ގޮތުގައި ހަރަދުކުރުމުގައި ފެއާޕްލޭގެ އުސޫލަށް ވެސް ކްލަބްތަކުގެ ވެރިން ބަލައެއް ނުލަ އެވެ. 

"ހަރަދު ކުރުމުގެ ޖުމްލަ ފެއާޕްލޭ އުސޫލް، ދަރަނީގެ ތަފްސީލު، އަހަރީ ރިޕޯޓް އާންމުނުކޮށް ފަލަ ސުރުހީތަކާ އެކު ބޮޑެތި މުސާރަތަކާ އެކު ކަރަށް މެހޭނީ ދަންތުރަ. މިކަން ބަލައި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ވަގުތު ފާއިތުވުމުން ލިބޭ ގެއްލުން އިއާދަނުކުރެވޭނެ،" އޭނާ ބުންޏެވެ. 

ރާއްޖޭގެ ފުޓުބޯޅަ ސަލާމަތްކުރަން ބޭނުންނަމަ، ކުލަބުތައް ހިންގުމުގެ އޮނިގަނޑު ބަދަލުކޮށް، ދެމެހެއްޓެނިވި މާލީ ނިޒާމެއް ގާއިމުކުރުމަށް މިހާރުން މިހާރަށް މަސައްކަތް ފަށަންޖެހެ އެވެ.

ނޫންނަމަ، މިއަދު ފެންނަ ވަގުތީ ވިދުމުގެ ފަހަތުން ކުލަބުތަކަށް ލިބިގެންދާނީ ފޫނުބެދޭނެ ފަދަ ބޮޑު ނިކަމެތިކަމެކެވެ.