އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިން މެޗަށް ނުކުންނަ އިރު އެންމެ ބޮޑު ކަންބޮޑުމަކީ އޭނާ އަށް ޓީމާ އެކު ހޭދަކުރަން ލިބުނު ވަގުތުކޮޅު ކުޑަވުން ކަމަށް މާޒިޔާގެ އާ ކޯޗު ޓޮމާޝް ޓްރުހާ ބުނެފި އެވެ.

އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާއިން މިއަދު ހަވީރު ނުކުންނާނީ ތަޖިކިސްތާނުގެ ރެގާ ޓަޑްއޭޒާ ދެކޮޅަށެވެ. ޝެޑިއުލްގައި އޮތް ގޮތުން އެ މެޗު ކުޅެން އޮތީ އިއްޔެ އެވެ. އެކަމަކު ރެގާ، ރާއްޖެއަށް ކުރަން އޮތް ދަތުރަށް ބުރޫ އަރުމުން، އޭއެފްސީން ނިންމީ މިއަދަށް މެޗު ފަސް ކުރުމަށެވެ. 

މެޗަށް ހާއްސަކޮށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މި މަހު ތިންވަނަ ދުވަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވި ޗެކިއާ (ޗެކް ރިޕަބްލިކް) ގެ ތަޖުރިބާކާރު ބުނީ އޭނާ އަށް އޮތް ކަންބޮޑުވުމަކީ ޓީމާ އެކު ހޭދަކުރަން ލިބުނު މުއްދަތު ކުރުވުން ކަމަށެވެ. 

މާޒިޔާގެ ކޯޗު ޓްރުހާ އާއި، އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ ތަޖިކިސްތާނުގެ ކްލަބް ރެގާގެ ކޯޗު އަލީޝާ ޓުކްޓައޭވް ---- ފޮޓޯ: ނިޝާން އަލީ | މިހާރު
މާޒިޔާގެ ކޯޗު ޓްރުހާ އާއި، އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ ތަޖިކިސްތާނުގެ ކްލަބް ރެގާގެ ކޯޗު އަލީޝާ ޓުކްޓައޭވް ---- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަހަރެން މިތާ މިހުރީ 11 ދުވަހު. އެހެންވީމާ ފުޓުބޯޅައިގައި އެއް ރެއަކުން އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ. 

"އެކަމަކު ވެސް ކޮންމެ ދުވަހެއްގެ 24 ގަޑިއިރު، ކުޅުންތެރިންނާ ބެހޭގޮތުން ވިސްނުމަށާއި، އަހަރެންގެ ރޭވުންތަކަށް ފެތެނީ ކޮން ކުޅުންތެރިންތަކެއްތޯ ބެލުމަށް މަސައްކަތްކުރަމުން އަންނަން. ބިދޭސީ ކުޅުންތެރިން ވެސް ޓީމާ ގުޅުނީ އެކުއެކީގައެއް ނޫން. ފަހަރަކު ކުޅުންތެރިޔެއް ވަކިވަކިން." 

މެލޭޝިއާ އާއި އިންޑޮނޭޝިއާގެ ލީގުގައި މީގެ ކުރިން މަސައްކަތް ކުރި ޓްރްހާ ބުނީ ޓީމުގެ ފިޓްނަސް ލެވަލް ވެސް އޭނާ ބޭނުންވި ވަރަށް ނުދާ ކަމަށެވެ. 

މާޒިޔާގެ ކޯޗު ޓްރުހާ އާއި އެ ޓީމުގެ ކެޕްޓަން ސަމޫހް، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު
މާޒިޔާގެ ކޯޗު ޓްރުހާ އާއި އެ ޓީމުގެ ކެޕްޓަން ސަމޫހް، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

"ކުޅުންތެރިންގެ ފިޓްނަސް ލެވެލްއާ ބެހޭގޮތުން އަހާނަމަ، އަހަރެމެން އަދި 1000 ޕަސަންޓެއް ނޫން. އަދި އަހަރެމެން ކުޅެން ބޭނުންވާ ފުޓުބޯޅައިގެ ފެންވަރަށް ވެސް އަދި ނުދެވޭ،" އޭނާ ބުންޏެވެ.

ޓްރާހާގެ ކޯޗުކަމުގެ ދަށުން މާޒިޔާއިން އަދި ކުޅުނީ ދެ މެޗެވެ. އެއީ ކަޕް ވިނާސް ކަޕްގައި އޮޑި ސްޕޯޓްސް އާއި ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އޭނާ ވަނީ ދަނޑުގައި ހުރެގެން މެޗު ބަލާފަ އެވެ. 

އޭނާ ބުނީ އެ ތިން މެޗު ގިނަ މައުލޫމާތުތަކެއް އޭނާ އެއްކޮށްފައިވާނެ ކަމަށެވެ. 

މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4:45 ގަ އެވެ.