މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ރާއްޖެ އައުމުގެ ދަތުރުގެ ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެއީ ބަހަނާއަކަށް ހަދަން ބޭނުން ނުވާ ކަމަށް ރެގާ ޓަޑްއޭޒްގެ ކޯޗު އަލިޝާ ޓްހްޓާއެވް ބުނެފި އެވެ.

އޭއެފްސީ ޗެލެންޖް ލީގުގައި، މިއަދު އޭނާގެ ޓީމުން މާޒިޔާއާ ދެކޮޅަށެވެ. ޝެޑިއުލްގައި އޮތް ގޮތުން އެ މެޗު ކުޅެން އޮތީ އިއްޔެ އެވެ. ނަމަވެސް ރެގާގެ ޓީމު ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓް ޑިލޭވެ ދަތުރަށް ބުރޫ އެރުމުން އޭއެފްސީން ނިންމީ މިއަދަށް މެޗު ފަސް ކުރުމަށެވެ. 

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯޗު ޓްހްޓާއެވް ބުނީ އެކަމާ ޝަކުވާއެއް ނެތް ކަމަށެވެ.

"ކަންތައް ވާނެ ގޮތެއް ކުރިއާދައެއް ނުބުނެވޭނެ. އަހަރެމެން އައީ ލަހުން، ނަމަވެސް އެއީ ބަހަނާއެއް ނޫން. މިއީ ފުޓުބޯޅަ،" ޓްހްޓާއެވްގެ  ތަރުޖަމާނެއްގެ ގޮތުގައި އެ ޓީމުގެ ކެމެރޫން ފޯވާޑް ޖޯސެފް ފެމްބާ ދައުރު އަދާކުރި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބުންޏެވެ. 

ރެާގެ ކޯޗު ޓަހްޓައެވެ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ރެާގެ ކޯޗު ޓަހްޓައެވެ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓްހްޓާއެވް  ގޮތުގައި، ކާމިޔާބީ ލިބޭނީ އެންމެ ރަނގަޅަށް ތައްޔާރުވާ ބަޔަކަށެވެ.

"ކަންތައް ވާނެ ގޮތެއް ކުރިއާދައެއް ނުބުނެވޭނެ. އަހަރެމެން އައީ ލަހުން، ނަމަވެސް އެއީ ކުޅެން ނުދެއްކޭނެ ބަހަނާއެއް ނޫން. މިއީ ފުޓުބޯޅަ."

އޭއެފްސީ ކްލަބް މުބާރާތްތަކުގެ ގެނައި އާ ބަދަލުގައި އޭއެފްސީ ޗެލެންޖް ލީގުގެ ފުރަތަމަ އަހަރު، 2024 ގައި މާޒިޔާއިން ގުރޫޕް ސްޓޭޖްގައި ވާދަކުރި އެވެ. އޭގެ ފަހުން މި އަހަރާއި މިދިޔަ އަހަރު ވެސް އެ ޓީމަށް ވާދަކުރަން ޖެހުނީ ކޮލިފައިން މަރުހަލާގެ ޕްރިލިމިނަރީ ސްޓޭޖްގަ އެވެ. 

މިދިޔަ އަހަރު މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ރެގާއިން ވާދަ ކުރި އެވެ. ޓްހްޓާއެވް ބުނީ ތަޖުރިބާއަކުން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. 

"ތަޖުރިބާގެ ވާހަކައެއް ނޫން. މުބާރާތުގެ ވާހަކައެއް ނޫން. ކޮންމެ ކަމެއްވެސް ބިނާވެފައި އޮންނީ ތައްޔާރީތަކުގެ މައްޗަށް،" އޭނާ ބުންޏެވެ. 

"މާޒިޔާ ރަނގަޅަށް ތައްޔާރުވެއްޖެނަމަ ރަނގަޅަށް ކުޅޭނެ. ނޫންނަމަ ނުކުޅެވޭނެ."

އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަހަރު ރާއްޖޭން ވަނީ ތަޖިކިސްތާނުގެ ގައުމީ ޓީމާ ދެކޮޅަށް މާލޭގައި ވެސް ކުޅެފަ އެވެ. އެ މެޗުގައި ކުޅުނު ކުޅުންތެރިން، ރެގާގެ ޓީމުގައި ވެސް އެބަތިއްބެ އެވެ. 

ޓްހްޓާއެވް ބުނީ ގައުމީ ޓީމުތަކުގެ މެޗުތަކާއި ކްލަބް މެޗުތަކުގެ ތަފާތު ބޮޑުކަމަށެވެ. ތައްޔާރުވާ ގޮތް ވެސް ތަފާތު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މާޒިޔާ ބަލިކޮށް ގުރޫޕް ސްޓޭޖަށް ވަނުމަށް ހާއްސަ ސްޓްރެޓަޖީއެއް އެބައޮތް ކަމަށެވެ. 

"އަހަރެމެންގެ އަމިއްލަ ސްޓްރެޓެޖީއެއް މެޗަށް އޮންނާނެ. ނަމަވެސް އެކަމާ ބެހޭގޮތުން ކުރިން އެއްޗެއް ބުނަން ބޭނުމެއް ނޫން. އެއީ މެޗުގެ ތެރޭގައި ފެންނާނެ ކަމެއް."