ޓީސީގެ މައްޗަށް 5-1 ން މޮޅުވެ، ވިކްޓަރީން ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ތިންވަނަ މިނެޓްގައި ވިކްޓަރީން ލީޑް ނެގި އެވެ. އެ ޓީމުގެ ހުސައިން ޝަރީފް މުހައްމަދު، ޓީސީގެ އޭރިއާ ތެރެއިން ފޮނުވާލަން އުޅުނު ހަމަލާ އަށް ހުރަސްއެޅުމުގެ ގޮތުން ޓީސީގެ ކީޕަރު ޑެނިއަލް އެމެނުއަލް އެއިބިއޯ ފައުލު ކުރި އެވެ.
ރެފްރީ ދެއްކި ޕެނަލްޓީއެއް ކަމަށެވެ. އެ ޕެނަލްޓީ ވިކްޓަރީއަށް ލީޑް ނަގައި ދިނީ އުޒްބެކިސްތާނުގެ މިޑްފީލްޑަރު މިރްޖަލޮލް ގާސިމޯވް (ކާސިމޯވް) އެވެ.
ވިކްޓަރީ އަށް ލީޑްގައި މާ ގިނަ އިރަކު ނޯވެވުނެވެ. މެޗުގެ 10 ވަނަ މިނެޓްގައި ޓީސީން ހަމަހަމަ ކުރި އެވެ.
އެ ޓީމަށް ލިބުނު ކޯނަރު މިސްރުގެ ފޯވާޑް މަހްމޫދު އަޝްރަފް ނަގައި ދިނުމުން، ޓީސީގެ މާއީޒު ވަހީދު ވަނީ ބޮލުން ގޯލްގެ އެތެރެއިން މަތީ ދާގަނޑަށް ފޮނުވާލާފަ އެވެ.
ވިކްޓަރީން ތަފާތު ބޮޑު ކުރީ ދެވަނަ ހާފުގަ އެވެ. އެ ހާފުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަހްމަދު ރިޒުވާން (ރިޒޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.
ވިކްޓަރީ އަށް އަލުން ލީޑް ނަގައި ދޭން ވެސް އެހީތެރިވީ ކާސިމޯވް އެވެ. ޓީސީގެ އޭރިއާގެ އަރިމަތިން، ދަނޑުގެ ޓަޗަލައިނާ ކައިރިން ލިބުނު ހިިލޭ ޖެހުން ކާސިމޯވް، އޭރިއާ ތެރެއަށް ހުރަސްކޮށް ދިނުމުން. ލަނޑު ޖެހީ އަހްމަދު ހުސައިން (އައްމަޑޭ) ނެވެ.
ޓީސީގެ ޑިފެންޑަރުން ވެސް އޭރިއާ ތެރޭގައި އެތުރިގެން ތިއްބައި، އައްމަޑޭ ވަނީ ފަސޭހަ ކަމާ އެކު ބޯޅަ ގޯލަށް ވައްދާލާފަ އެވެ. ޓީސިގެ ކީޕަރު ޑެނިއަލް ވެސް ހުރީ ހަރަކާތް ހުއްޓިފަ އެވެ.
ރިޒޭ ލަނޑު ޖެހީ މެޗުގެ 70 ވަނަ މިނެޓްގަ އެވެ. ވީކްޓަރީގެ އަލީ ޝާމިސް (ތޮއްޕެ) އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ކީޕަރު ޑެނިއަލް ދިފާއު ކުރި އެވެ. އެކަމަކު އޭނާ އަށް ބޯޅައިގެ ނުރައްކާ ކުޑައެއް ނުކުރެވުނެވެ. އޭނާ ފޮނުވާލި ބޯޅަ ރީބައުންސް ވުމުން، ރިޒޭ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
ރިޒޭގެ ދެ ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. ޓީސީގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އަބްދުލް ވާހިދު އިބްރާހިމް (ވާޑް) އެ ޓީމުގެ އޭރިއާގެ ތެރެއިން ވިކްޓަރީގެ ހަސަން ނަޒީމް (ޗޯޓް) އަށް ފައުލު ކުރުމުން، ޕެނަލްޓީއެއް ދިނެވެ.
ރިޒޭ ވަނީ ކީޕަރު ޑެނިއަލް އަށް މިސްރާބު އޮޅުވާލައިފައި ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
ވިކްޓަރީގެ ފަސްވަނަ ލަނޑު 87 ވަނަ މިނެޓްގައި ޖެހީ އަލް ހާޖީ ގޯރޯ އެވެ. ޝާމިސް ހުރަސްކޮށް ދިން ބޯޅަ ނައިޖީރިއާގެ ފޯވާޑް ހާޖީ ބޮލުން ފޮނުވާލައި ގޯލްގެ ތެރެއަށް އޮއްސާލި އެވެ.