ސްޕޭނުގެ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބު ރައީސް ހޯސޭ މާރިއާ އެންރީކޭޒް ނެގްރޭރާއަށް ފައިސާ ދިން ކަމަށް ބުނެ ބާސެލޯނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގު އަވަހަށް ނިންމަން ވާދަވެރި ރެއާލް މެޑްރިޑުން ގޮވާލައިފި އެވެ.
ޔޫއެފާއިން ހިންގަމުންދާ ތަހުގީގަށް ރެއާލުން ވަނީ މި މައްސަލައާ ގުޅޭ ބޮޑު ހެއްކާއި ލިޔެކިޔުންތަކެއް ޔޫއެފާއަށް ހުށަހަޅާފަ އެވެ.
މި މައްސަލައަކީ 2001 އިން 2018 އަށް ނެގްރޭރާގެ ކުންފުންޏަށް ބާސާއިން 7.3 މިލިއަން ޔޫރޯ އަށް ވުރެ ގިނަ ފައިސާ ދީފައިވާ މައްސަލަ އެވެ.
ރެއާލުން ތުހމަތު ކުރަނީ ބާސާއިން ނެގްރޭރާގެ ކުންފުންޏަށް ފައިސާ ދިނީ ރެފްރީންގެ ނިންމުންތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ.
އެ ތުހުމަތު ބާސާއިން ދޮގު ކުރެ އެވެ. އެ ކްލަބުން ބުނީ އެ ފައިސާއަކީ ޒުވާން ކުޅުންތެރިން ރެކްރޫޓްކުރުމަށް ބޭނުންވާ މައިުލޫމާތު ހޯދަންބޭނުންވާ ފަންނީ ރިޕޯޓުތަކާއި ޑޭޓާ ފޯރުކޮށްދިނުމަށް ދިން ފައިސާ ކަމަށެވެ.
މިކަމާ ގުޅިގެން ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެއާލުން ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ލިބިފައިވާ ކަމަށެވެ.
"ޔޫއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓަރުންނަށް މި ފަހުން ހުށަހެޅުނު ލިޔެކިޔުންތައް ކުރިއަށްދާ ތަހުގީގުގެ ތެރެއިން އެ ތަކެތި އަންނަނީ ބަލަމުން،" ޔޫއެފާއިން ބުންޏެވެ.
ޔޫއެފާގެ ބަޔާނަށް ފަހު ރެއާލުން ނެރުނު ބަޔާނެއްގައި ބުނީ، މުބާރާތުގެ އިންސާފުވެރިކަމަށާއި ރެފްރީންގެ ނިޒާމަށް އޮތް އިތުބާރަށް ސީދާ އަސަރުކުރާ ފަދަ ނުރައްކާތެރި މައްސަލަތަކެއްގެ ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.
ބާސާއިން ބުނީ މިއީ އާ ތަހުގީގެއް ނޫން ކަމަށެވެ. ކުރިން ވެސް ކުރިއަށްދިޔަ ތަހުގީގެ ބައެއް ކަމަށެވެ. އާ ހުށަހެޅުންތަކާ ގުޅިގެން އެ ކްލަބް ޖަވާބުދާރީވާން އަންގާފައިނުވާ ކަމަށް ވެސް އެ ކްލަބުން ބުންޏެވެ.