މަންޗެސްޓާ ސިޓީގެ ވެރިންނަށް ތައުރީފުކޮށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާނަމް ކުރިން ދެއްކި ވާހަކަތަކާ ގުޅިގެން ހޫނުފެނަށް ވެއްޓިއްޖެ އެވެ.
އެ މައްސަލައިގައި އޭނާ އަށް ވަނީ ސިޔާސީގޮތުން ފިއްތއްތައް ކުރިމެތިވެފަ އެވެ.
ދިހަ އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސިޓީން ސައްހަ ނޫން އެއްބަސްވުންތަކެއް މެދުވެރިކޮށް މާލީ ހިސާބުތައް އޮޅުވާލި މައްސަލައިގައި މިނިވަން ކޮމިޝަނަކުން ވަނީ އެ ކްލަބް ކުށްވެރިވާކަމަށް ކަނޑައަޅާފަ އެވެ.
ގްރޭޓާ މެންޗެސްޓާގެ މޭޔަރަކަށް ބާނަމް ހުންނެވި ދުވަސްވަރު ދެއްވާފައިވާ އިންޓަވިއުއެއްގައި އޭނާ ވަނީ ސިޓީގެ އަބޫދާބީ ވެރިން އިނގިރޭސި ފުޓްބޯޅައަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެފަރާތްތައް ފުޓްބޯޅައިން ގެއްލިގެން ގޮސްފިނަމަ، އެއީ ކަންބޮޑުވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މި އިންޓަވިއުގެ މައްސަލަ އާއި އޭރު ސިޓީގެ ވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގެ މައްސަލަ މި ފަހުން އިނގިރޭސި ސިޔާސީ ފަރާތްކުން ވަނީ ފެންމަތިކޮށްފަ އެވެ.
ސަރުކާރުން ފުޓްބޯޅައަށް ނުފޫޒު ފޯރުވަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުގެ ވަނީ ތުހުމަތުކޮށްފަ އެވެ.
އޭރު ސިޓީގެ އިސްވެރިންނާ އެކު ބޭއްވި ސިއްރު ބައްދަލުވުންތަކުގެ ތަފްސީލުތައް އާންމުކުރަން، އޭނާ މިހާރު ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.
"ދަ ރެސްޓް އިޒް ޕޮލިޓިކްސް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ބާނަމް ވަނީ ބައްދަލުވުންތަކުގެ ތަފްސީލު ހާމަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އިދިކޮޅު ލީޑަރު ވަނީ އަހަރެން ބޭއްވި ބައްދަލުވުންތަކުގެ ތަފްސީލުތައް އާންމުކުރުމަށް އެދިވަޑައިގެންފައި، އަދި އެކަން ކުރަން އަހަރެން މިހުރީ ތައްޔާރަށް. ގްރޭޓާ މަންޗެސްޓާގެ މޭޔަރުގެ މަގާމުގައި ހުރިއިރު އެފަރާތްތަކާ އެކު ކުރި މަސައްކަތްތަކުގެ ތަފްސީލު ސާފުކޮށް އާންމުކުރާނަން. އެންމެ ބޮޑު ބައްދަލުވުމެއް ވެސް ބޭއްވުނީ 2021 ގައި،" އޭނާ ވިދާޅުވި އެވެ.
ކުރިން ދެއްކެވި ވާހަކަތަކާމެދު ހިތާމަކުރައްވާތޯ ސުވާލުކުރުމުން ބާނަމް ވިދާޅުވީ، ސިޔާސީ ކަންކަމާއި ފުޓްބޯޅައިގެ އިންސާފުގެ ކަންކަމަކީ މުޅިން ދެ ކަމެއް ކަމަށެވެ.
"އަހަރެން ގަބޫލެއް ނުކުރަން ގޯސްކޮށް ވާހަކަދެއްކުނު ކަމަކަށް. އަހަރެން ބުނާނީ ފުޓްބޯޅައިގެ މައްސަލަތަކާއި އިންވެސްޓްމަންޓްގެ މައްސަލަތަކަކީ މުޅިން ތަފާތު ދެކަމެކޭ،" އޭނާ ވިދާޅުވި އެވެ.
"މީހުން އެ ދެކަންތައް އެއްކޮށްލަން އުޅުނަސް އެއީ އެއްކޮށްލައިގެން ބަލަންޖެހޭ ކަންކަމެއް ނޫން. ފުޓްބޯޅައިގެ މައްސަލަތަކުގައި މިނިވަން ކޮމިޝަނުން ނެރުނު ނިންމުންތަކަކީ ވަރަށް ސީރިއަސް ނިންމުންތަކެއް."
އެކަމަކު މައްސަލައިގެ އިސްތިއުނާފު މަރުހަލާ ވެސް ކުރިއަށް އޮތުމުން، އެކަމާ މެދު ވަކި ކޮޅެއް އިހްތިޔާރުނުކޮށް ހުރުން ރަނގަޅު ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.