މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާ މައްސަލަތަކާ ގުޅިގެން، އެ ކްލަބްގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެކަމަށް، އިނގިރޭސި ފުޓްބޯޅަ ރެގިއުލޭޓަރު ބޮޑީގެ ޗެއާމަން ޑޭވިޑް ކޯގަން ބުނެފި އެވެ.
ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ކުރެވުނު ތުހުމަތާ އެކު އެ ލީގުގެ މިނިވަން ކޮމިޝަނަކުން ވަނީ މައްސަލަ ބަލައި 115 މައްސަލަ ސިޓީގެ މައްޗަށް ސާބިތުވެފައިވާކަމަށް ސެޕްޓެމްބަރު މަހު ކަނޑައަޅާފަ އެވެ.
އެ ކޮމިޝަނުން ބުނީ ކްލަބަށް މާލީ ގޮތުން އިތުރަށް ފައިދާ ލިބިފައިވާކަން ދެއްކުމަށް އަދި މާލީ ގެއްލުންތައް ފޮރުވުމަށް ސައްހަ ނޫން އެއްބަސްވުންތަކެއް ހަދާފަ އެވެ.
އެކަމަކު ސިޓީން އެކަން ދޮގު ކުރެ އެވެ. އަދި އެ ކްލަބުން ވަނީ މިނިވަން ކޮމިޝަނުގެ ނިންމުން އިސްތިއުނާފް ކޮށްފަ އވެ. އިސްތިއުނާފް މަރުހަލާއިން އެ ކްލަބަށް ނާކާމިޔާބު ވެއްޖެނަމަ، ފިޔަވަޅު އެޅުމުގެ ބާރު އިނގިރޭސި ފުޓްބޯޅަ ރެގިއުލޭޓަރަށް ލިބޭނެ އެވެ.
މި މައްސަލައިގައި އެ ކްލަބްގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެ އެވެ. ސިޓީގެ އެންމެ އިސްވެރިންނަކީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ސާހީ އާއިލާއާ ގުޅުން އޮތް ބޭފުޅުންނެވެ. އެ ގައުމުގެ ނައިބު ރައީސް ޝައިހް މަންސޫރު ބިން ޒައިދު އަލް ނަހްޔާންއަކީ ސިޓީގެ ވެރިޔާ އެވެ.
އިނގިރޭސި ގާނޫނުހަދަ މަޖިލީހުގެ ޑިޖިޓަލް ކަލްޗާ އާއި މީޑީއާ އަދި ސްޕޯޓްސްއަށް ހާއްސަ ކޮމިޓީއަށް ހާޒިރުކޮށް ކުރިމތަތިކުރި ސުވާލަށް ޖަވާބު ދެމުން، ރެގިއުލޭޓަރު ބޮޑީގެ ޗެއާމަން ކޯގަން ބުނީ ފިޔަވަޅު އަޅަންޖެހޭ ކްލަބަކީ ކިހާ ބާރުގަދަ ކްލަބެއްތޯ ނުވަތަ އެ ކްލަބްގެ ވެރިންނަކީ ކޮންބައެއްތޯ ނުބަލައި، ފިޔަވަޅު އަޅާނެކަމަށެވެ.
"ކްލަބުގެ ނަން ހަނދާން ނައްތާލާ. ކްލަބުގެ ބޮޑުމިން ހަނދާން ނައްތާލާ. މައްސަލައިގެ ބޮޑުމިން ވެސް ހަނދާން ނައްތާލާ. ވަކި ސައިޒެއްގެ ކްލަބަކަށް ވީތީ އެ ކްލަބަކާ މެދު އަޅުގަނޑުމެން އަދާކުރަންޖެހޭ ގާނޫނީ ޒިންމާތަކަށް ފަސްޖެހެވޭކަށް ނެތް،" ކޯގަން ބުންޏެވެ.
އޭނާ ބުނީ އުފެއްދިތާ އަހަރެއް ވެސް ނުވާ ޒުވާން މުވައްޒަފަުންތަކެއް ގޮވައިގެން މަސައްކަތް ކުރާ އިދާރާއަކާ މެދު އޮންނަ އިތުބާރު ދެމެހެއްޓުމަށް ވެސް އެ އިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"އިހްތިޔާރެއް އޮތްނަމަ މިހާ އަވަހަށް މިފަދަ ބޮޑު މައްސަލައަކާ ކުރިމަތިލާން ބޭނުންވާނެތޯ؟ ނޫން، ފަހަރެއްގައި ބޭނުމެއް ނުވާނެ. އެކަމަކު ހަގީގަތަކީ އެފަދަ ހާލަތެއް މެދުވެރިވެގެން އަޅުގަނޑުމެން ފިޔަވަޅު ނާޅައިފިނަމަ ފުޓްބޯޅަ ރެގިއުލޭޓަރެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ؟،" ސުވާލު އުފައްދައި އޭނާ ބުންޏެވެ.
"ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ހައިސިއްޔަތުން ތިޔަބޭފުޅުން އަޅުގަނޑުމެންނާ ހަވާލުކުރެއްވި މަސައްކަތް އަޅުގަނޑުމެން ކުރާކަން ވަރަށް ސާފުކޮށް ދައްކަންޖެހޭ. އަދި ކޮންމެ ނަތީޖާއެއް ނުކުތަސް އަޅުގަނޑުމެން އެކަން ކުރާނަން."