މެންޗެސްޓާ ސިޓީން މާލީ ގަވާއިދުތަކާ ހިލާފުވި 115 މައްސަލައިގައި އެ ކްލަބުގެ ވެރިންނާއި ސީނިއާ އެގްޒެކެޓިވުންނަށް ފިޔަވަޅު ނޭޅުމަށް ސިޔާސީ އެއްވެސް ނުފޫޒެއް އައިސްފިނަމަ ވަގުތުން އިސްތިއުފާ ދޭނެ ކަމަށް އިންޑިޕެންޑެންޓް ފުޓްބޯޅަ ރެގިއުލޭޓަރު (އައިއެފްއާރު) ގެ ޗެއާމަން ޑޭވިޑް ކޯގަން ބުނެފި އެވެ. 

ސިޓީގެ މައްޗަށް ސާބިތުވެފައިވާ މައްސަލަތަކުގެ ނިންމުން އެކްލަބުން ވަނީ އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފުން ނާކާމިޔާބުވެއްޖެނަމަ ފުޓްބޯޅަ ގަވަނަންސް ގަވާއިދުގެދަށުން އައިއެފްއާރުން އެކަމުގެ ތެރެއަށް ވަންނަން ޖެހޭނެ އެވެ.

ކްލަބެއްގެ ވެރިންނަކީ އެކަށީގެންވާ އަދި އަބުރުވެރި ބައެއް ނޫން ކަމަށް ކަނޑައެޅިއްޖެނަމަ، އެ ކްލަބެއް ވިއްކާލަން މަޖުބޫރުކުރުމުގެ ގާނޫނީ ބާރުވެސް އައިއެފްއާރަށް ލިބެ އެވެ.

އިސްތިއުނާފުން އެ ކްލަބް ސަލާމަތް ނުވެއްޖެނަމަ، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ނައިބު ރައީސް ޝައިޚް މަންސޫރު ބިން ޒައިދު އަލް ނަހްޔާންގެ އަތުން ކްލަބު ވިއްކާލަން މަޖުބޫރުކުރުން ފަދަ ފިޔަވަޅަކަށް ވެގެންދާނެ އެވެ.   

އިނގިރޭސި ސަރުކާރުން ވަނީ ރެގިއުލޭޓަރުގެ ނިންމުންތަކުގައި ސަރުކާރުގެ ހާރިޖީ އަދި ވިޔަފާރީގެ ސިޔާސަތުތަކަށް ބަލަންޖެހޭ ގޮތަށް އޮތް މާއްދާ އުނިކޮށް، އައިއެފްއާރުގެ މިނިވަންކަން ކަށަވަރުކޮށް ދީފަ އެވެ. 

މެންޗެސްޓާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޯގަން ވިދާޅުވީ އޭނާ އޭނާ ޗެއާމަންކަން އަދާކުރާ ކޮމިޝަނުގެ މިނިވަންކަމާމެދު ސުވާލު އުފެއްދުމަށް ފުރުސަތު ނުދެއްވާނެކަމަށެވެ. 

"އަހަރެމެން މި މަގާމުގައި މިތިބީ އެންމެ ކަމަކަށް. އެއީ ފުޓްބޯޅަ ރެގިއުލޭޓް ކުރުން. އޭގެ ބޭރުގެ އެއްވެސް ކަމަކީ އަހަރެމެން ބަލާނެ ކަންކަމެއް ނޫން. އަދި އަހަރެމެން ނިންމާ އެއްވެސް ނިންމުމެއްގެ ބަޔަކަށް ވެސް އެ ނޫން އެހެންކަމެއް ނުވާނެ. އަހަރެމެންގެ މިނިވަންކަމަކީ ފުރިހަމަ މިނިވަންކަމެއް. އަދި އަހަރެންގެ މިނިވަންކަމަކީ ވެސް ސާފުކޮށް ކަނޑައެޅިފައި އޮތް މިނިވަންކަމެއް،" ކޯގަން ބުންޏެވެ.

"އަހަރެމެން މަސައްކަތަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ، އަހަރެން އިސްތިއުފާ ދޭނެކަން މިދިޔަ އަހަރު ވެސް ވާނީ ސާފުކޮށް ބުނެފައި. އަދިވެސް އަހަރެން ދެމިހުރީ އެގޮތުގައި. އަދި ސާފުކޮށް ބުނަން، މިއިން އެއްވެސް މައްސަލައަކާ ގުޅިގެން ސިޔާސީ އެއްވެސް ނުފޫޒެއް އަހަރެމެންނަށް އައިސްފައެއް ނެތް. އަދި ކުރިއަށް އޮތް ތަނުގައިވެސް އަންނާނެ ކަމަކަށް ނުބަލަން."

ކޯގަން ވިދާޅުވީ ކްލަބެއްގެ ވެރިންނަކީ އެކަށީގެންވާ އަބުރުވެރި ބައެއްތޯ ބެލުމުގެ ގާނޫނީ ބާރު އެބައޮތް ކަމަށެވެ. ކަމެއް ނިންމާނީ ގާނޫނީ ލަފައަށް ބެލުމަށް ފަހު ފުރިހަމަ ތަހުގީގެއް ހިންގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާނަމް ވަނީ ސިޓީގެ މެނޭޖްމަންޓާ އެކު ކުރިން ބޭއްވި ބައްދަލުވުންތަކާ ހެދި ހޫނުފެނަށް ވެއްޓިފަ އެވެ. އޭނާ އަށް ކުރިމަތިވި ޕްރެޝަރާ އެކު އެ ބަ ތަފްސީލު ވަނީ އާންމުކުރައްވާފަ އެވެ. އެއީ މެންޗެސްޓާގެ މޭޔަރުކަމުގައި އޭނާ ހުންނެވި އިރު ބޭއްވި ބައްދަލުވުންތަކެކެވެ.

ބާނަމް ވިދާޅުވީ މި މައްސަލައިގެ ތަހުގީގުތަކަކީ ސީރިއަސް ތަހުގީގުތަކެއް ކަމަށެވެ. ކުށެއް ސާބިތުވެއްޖެނަމަ އެކަމުގައި މަސްއޫލުވާ ފަރާތްތަކާ މެދު ހައްގު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.