މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް އެއްބަސްވުމަކާ ހަމައަށް ގޮސްފައި އޮތްނަމަވެސް ކޮންކާކަފް ނޭޝަންސް ލީގުގައި ހައިޓީއާ ދެކޮޅަށް އެމެރިކާ ކުޅޭ ދެ މެޗުގައި ވެސް އެ ޓީމަށް އިރުޝާދު ދޭނީ މައުރީސިއޯ ޕޮޗެޓީނޯ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި މައިކަލް ކެރިކް މަގާމުން ، މިހާރު ވަކިކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އޭނާގެ ބަދަލުގައި ޓޮޓްނަމް ހޮޓްސްޕާސް އާއި ޗެލްސީގެ ކުރީގެ ކޯޗު ޕޮޗެޓީނޯ ގެންދަން ވަނީ ހަމަޖައްސާފަ އެވެ.

އެމެރިކާގެ ގައުމީ ޓީމާ އެކު 2030 ގެ ވޯލްޑް ކަޕްގެ ނިޔަލަށް ޕޮޗެޓީނޯ ވަނީ އެއްބަސްވުން ހަދާފަ އެވެ. އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އަދި އެބައޮތެވެ. އެހެންވެ އޭނާ ގެންދާނަމަ، ޔުނައިޓެޑުން އެމެރިކާގެ ފުޓްބޯޅަ އިދާރާ އަށް ޓްރާންސްފާ ފީއެއް ދައްކަން ޖެހޭނެ އެވެ.

ޔުނައިޓެޑްގެ ވަޒީފާ ޕޮޗެޓީނޯއަށް ހުށަހެޅީ އިންޓަނޭޝަނަލް ބްރޭކް ކުރިމަތީގައި އޮއްވަ އެވެ. އޭރު އޭނާ ވެސް ދިޔައީ އުތުރު އެމެރިކާގެ ނޭޝަން ލީގުގެ ދެ މެޗަށް ގައުމީ ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. 

ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު ހެއިޓީއާ ދެކޮޅަށް ކުޅޭ ދެ މެޗުގައި އެ ޓީމާ އެކު ހުންނަން ޕޮޗެޓީނޯ ނިންމާފައިވާ ކަމަށް ދި އެތުލެޓީކް ނޫހުން ބުންޏެވެ. އޭނާ ޔުނައިޓެޑާ ހަވާލުވާނީ އެއަށް ފަހު ކަމަށް ވެސް ދި އެތުލެޓިކްގައި ބުނެފައިވެ އެވެ. 

ނޭޝަންސް ލީގުގެ އެ ދެ ލެގުން މޮޅުވާ ޓީމަކަށް އަންނަ މާޗު މަހު ކުޅޭ ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ. ހެއިޓީގެ ދަނޑުގެ ސަލާމަތީ ކަންކަން ހުރި ގޮތުން، އެ ޓީމުގެ ހޯމް މެޗު ވެސް ކުޅޭނީ އެމެރިކާގަ އެވެ. ހޮނިހިރު ދުވަހު އެ މެޗު ކުޅޭނީ މަޔާމީގަ އެވެ. ދެވަނަ ލެގު އަންގާރަ ދުވަހު ކުޅޭނީ ސިންސިނާޓީގަ އެވެ.

މި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ޖޯޖިއާގައި ހުންނަ ގައުމީ ޓްރެއިނިން ސެންޓަރުގައި އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި ވެސް ޕޮޗެޓީނޯ ބައިވެރިވި އެވެ.

އިންޓަނޭޝަނަލް ބްރޭކްގެ މެދުތެރެއިން ޕޮޗެޓީނޯ އެމެރިކާގެ ކޯޗުކަން ދޫކޮށްލާނަމަ، ވަގުތީ ކޯޗަކަށް ހަމަޖައްސާނެކަމަށް ބެލެވެނީ 23 އަހަރުންދަށުގެ ޓީމުގެ ކޯޗު ސްޓީވް ޗެރުންޑޯލޯ އެވެ. އޭނާ މިވަގުތު ހުރީ ޒުވާން ޓީމުގެ ކޭމްޕަކަށް ސްޕެއިންގަ އެވެ.

އިންޓަނޭޝަނަލް ބްރޭކްގެ މެދުތެރެއިން އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ސްޕެއިންގައި ތިބި އޭނާގެ އެސިސްޓެންޓުންނާ ޒުވާން ޓީމު ހަވާލުކުރުމަށް ފަހު، ސީނިއާ ޓީމާ ހަވާލުވުމަށް އޭނާ އެނބުރި އެމެރިކާއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ދި އެތުލެޓިކުން ބުންޏެވެ.