އިޓަލީގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ނޫނެކޭ ބުނަން ޖެހުމުން ވަރަށް ބޮޑަށް ލަދުވެތިވިކަމަށް، ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާގައި ކުރިން ގާޑިއޯލާއާ އެކު ކުޅުނު ބްރެޒިލްގެ ކުރީގެ ތަރި ރޮމާރިއޯގެ "ރޮމާރިއޯ ޓީވީ" ގައި ވާހަކަ ދައްކަމުން، ގާޑިއޯލާ ބުނީ އިޓަލީގެ ކުރިގެ ސްޕޯޓިން ޑިރެކްޓަރު ޕޮއޮލާ މަލްޑީނީ އާއި އޭނާގެ އެޑްވައިޒަރު ލިއޮނާޑޯއާ އެކު އިޓަލީގެ ގައުމީ ޓީމުގެ ވަޒީފާއާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ. 

ގާޑިއޯލާ ބުނިގޮތުގައި، އިޓަލ ިގެ ވަޒީފާ އޭނާއަށް ހުށަހެޅީ މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށް ފަހު، އެ މަގާމު ދޫކޮށްލައި އަރާމުކުރަން ވަގުތު ބޭނުންވި ހާލަތެއްގައި ކަމަށެވެ. 

"އިޓަލީ ފަދަ ގައުމަކަށް ނޫނެކޭ ބުނަން ޖެހުމުން އަހަރެން ވަރަށް ލަދުވެތިވި. އިޓަލީގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުމަކީ އަހަރެންގެ ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު އެއް ޝަރަފަށް ވީސް. އެކަމަކު އަހަންނަށް ވިސްނުނީ މަޑުޖައްސާލަން ޖެހިއްޖެކަން،" ގާޑިއޯލާ ބުންޏެވެ. 

"މީގެ ދެ އަހަރު ކުރިން އެ މީހުން ގުޅިނަމަ ފަހަރެއްގައި އަހަރެން އެކަން ގަބޫލުކުރީމުސް. އެކަމަކު އަހަރެން ވަރަށް ޝައުގުވެރިވާ މަލްޑީނީ އާއި ލިއޮނާޑޯ ގުޅިއިރު އަހަރެން ހުރީ ކޮންމެހެން ވެސް (މަސައްކަތް މެދުކަނޑާލައި އަރާމުކުރަން) ޖެހޭ ހާލަތެއްގައި."

ސިޓީގައި ކާމިޔާބު 10 އަަހަރު ހޭދަކުރުމަށް ފަހު، ގާޑިއޯލާ ވަކިވީ އެ ކްލަބްގެ އެންމެ ކާމިޔާބު ކޯޗުގެ ގޮތުގަ އެވެ. އޭނާ ވަނީ އެ މުއްދަތުގައި ހަ ފަހަރު ޕްރިމިއާ ލީގު އަދި ތިން ފަހަރު އެފްއޭ ކަޕް، ޗެމްޕިއަންސް ލީގު އެއްފަހަރު ކާމިޔާބުކޮށްފަ އެވެ. 

ގާޑިއޯލާ ބުނީ ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅޭ ގޮތަށް ކްލަބް ކޯޗިންގައި 18 އަހަރު ހޭދަކުރުމަށް ފަހު، އަރާމުކުރަން މަދުވެގެން އެއް އަހަރު އޭނާ ހޭދަކުރާނެ ކަމަށެވެ. 

އޭނާ ބުނީ އެނބުރި ކޯޗުކަމަށް އަންނާނީ ގައުމީ ޓީމެއްގެ ކޯޗުގެ ގޮތުގައި ކަމަށެވެ. 

ވިދިވިދިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ބޮޑު ނާކާމިޔާބާ އެކު، އަލުން ގައުމީ ޓީމު ބިނާކުރަން އިޓަލީން ބޭނުންވީ ގާޑިއޯލާ އެވެ. އެކަމަކު އޭނާ އެއްބަސްނުވުމުން އެ ގައުމުން ވަނީ 2021 ގައި ބޭއްވި 2020 ގެ ޔޫރޯ އެ ޓީމަށް ކާމިޔާބުކޮށްދިން، ރޮބާޓޯ މަންޗިނީއާ ގައުމީ ޓީމު އަލުން ހަވާލުކޮށްފަ އެވެ. 

މިހާރު މަގާމު ހުސްވެފައިވާ އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން، ގާޑިއޯލާއަށް ދޭން އެ ގައުމުން ބޭނުންވެ އެވެ.