ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގދ. ގައްދޫއާ ދެކޮޅަށް ކުޅުނު މެޗު، 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކާމިޔާބުކޮށްފި އެވެ.

ގައްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާގެ ޒުވާން ފޯވާޑް މުހައްމަދު އީލާން އިމްރާން ވަނީ މޮޅު ކުޅުމެއް ދައްކައި ހެޓްރިކް ހަދާފަ އެވެ. މީގެ އިތުރުން އެ ޓީމުގެ މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) ވެސް ދެ ގޯލު ޖަހައިދިނެވެ. 

މެޗު ފެށިގެން މާޒިޔާއިން ގައްދޫގެ ގޯލަށް ނުރައްކާ ކުރި އެވެ. މެޗުގެ 11 ވަނަ މިނެޓުގައި ބެނިންގެ ފޯވާޑް ކޮޖޯ ޗަބެލް ގޯމޭޒް ވަނީ ގޯލެއް ޖަހައި މާޒިޔާއަށް ލީޑު ނަގައިދީފަ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން، މެޗުގެ 15 ވަނަ މިނެޓުގައި އީލާން ވަނީ މާޒިޔާގެ ދެވަނަ ގޯލު ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްދީފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫގެ ދަނޑުގައި މާޒިޔާ އާއި ގައްދޫ ކުޅުނު މެޗުގެ ތެރެއިން  --- ފޮޓޯ: އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގުގައި ގައްދޫގެ ދަނޑުގައި މާޒިޔާ އާއި ގައްދޫ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ލީގުގެ ފުރަތަމަ ބުރު ނިމުމަކާ ގާތްވެފައިވާ އިރު ވެސް، ޕޮއިންޓެއް ވެސް ނުލިބި އޮތް ހަމައެކަނީ ޓީމަކީ ގައްދޫ އެވެ.

މާޒިޔާއިން ވަނީ ދެވަނަ ހާފުގައި އިތުރު ފަސް ގޯލު ޖަހައި މެޗުގެ ކޮންޓްރޯލް އެއްކޮށް ހޯދާފަ އެވެ. އެ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި އީލާން އޭނާގެ ދެވަނަ ގޯލު ޖެހި އެވެ. އަދި  54 ވަނަ މިނެޓުގައި އައިހަމް ވަނީ މާޒިޔާގެ ހަތަރުވަނަ ގޯލު ޖަހައި ދީފަ އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އީލާން ވަނީ އޭނާގެ ތިންވަނަ ގޯލު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ އަނިޔާއިން ރަނގަޅުވެގެން އެނބުރި އައި ފަހުން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ހަތަރުވަނަ ގޯލެވެ.

މާޒިޔާގެ ހަވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖެހީ އަބްދުﷲ ލޫތު އިބްރާހިމެވެ. ޓީމުގެ ހަތްވަނަ ގޯލު މެޗުގެ 84 ވަނަ މިނެޓުގައި ޖަހައިދިނީ އައިހަމް އެވެ. 

މާޒިޔާ ވަނީ ކުޅުނު އަށް މެޗުން 19 ޕޮއިންޓް ހޯދާފަ އެވެ.