މެސީގެ މޮޅު ކުޅުމާ އެކު ބާސެލޯނާ އިން ޔުވެންޓަސް ބަލިކޮށްފި

ބާސެލޯނާ (ސެޕްޓެމްބަރު 13) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު ބާސެލޯނާ އިން މިދިޔަ އަހަރުގެ ރަނަރަޕް ޔުވެންޓަސް 3-0 އިން ބަލިކޮށްފި އެވެ.


މިިދިޔަ އަހަރު މި މުބާރާތުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކެޓީ ޔުވެންޓަސް އަތުންނެވެ. އެ ފަހަރު ޔުވެންޓަސް ކުރި ހޯދީ 3-0 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ރޭގެ މެޗުން މޮޅުވުމާ އެކު ބާސެލޯނާ އަށް ވަނީ މިދިޔަ ސީޒަނުގައި ޔުވެންޓަސް އަތުން ބަލިވި ބަލިވުމުން އަރައިގަނެވިފަ އެވެ. ނޭމާ ދިއުމުން ނިކަމެތިވެފައިވާ ބާސެލޯނާ އިން މިވަނީ މި މޮޅާ އެކު އެ ޓީމުގެ ފެންވަރު ސާބިތުކޮށްދީފަ އެވެ.

ޔުވެންޓަސް ކޮޅަށް ރޭ ބާސެލޯނާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މެސީ އެވެ. އަނެއް ލަނޑު ޖެހީ އިވާން ރަކިޓިޗް އެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ބާސެލޯނާ އިން ތަނަވަސްކުރި އެވެ. އޭގެ ތެރެއިން މެސީ ފޮނުވާލި އެއް ހަމަލާ ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. ރޭގެ މެޗަކީ ދުނިޔެގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށްވާ ޔުވެންޓަސްގެ ޖިއަންލުއިޖީ ބުފޮން ކޮޅަށް މެސީ ލަނޑު ޖެހި ފުރަތަމަ މެޗެވެ.

ޔުވެންޓަސްގެ އާޖެންޓީނާ މިޑްފީލްޑަރު ޕައޮލޯ ޑީބަލާ ފޮނުވާލި ގިނަ ހަމަލާތަކެއް ބާސެލޯނާ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.

ބާސެލްގެ ރިވެރޯސް (ވ) ކައިރިން ޔުނައިޓެޑްގެ ލުކާކޫ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ މެސީގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

"އަހަރެން ކުރިން ކޯޗު ކޮށްދިން ޓީމުތައް ކުޅުނީ މެސީއާ ދެކޮޅަށް. ކުރިމަތިވި އުނދަގޫތައް މިހާރު ވެސް އަހަރެން ހަނދާން އެބަހުރި. އެކަމަކު މިހާރު އެބައޮތް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެއީ މެސީ މިހާރު ހުރީ އަހަރެންގެ ފަޅީގައި. މެސީ އަކީ އާދަޔާހިލާފު ކުޅުންތެރިއެއް،" ވަލްވޭޑޭ ބުންޏެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ސްޕޯޓިން ލިސްބަން އިން ވަނީ 3-2 އިން ރަށުންބޭރުގައި އޮލިމްޕިއާކޯސްގެ މައްޗަށް ކުރިހޯދައިފަ އެވެ.

މިދިޔަ އަހަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައި މި ފަހަރު ޗެމްޕިއަންސް ލީގުން ޖާގަހޯދި މެންޗެސްޓާ ޔުނައިޓެޑުން ވަނީ ރޭ ސްވިޒަލެންޑުގެ ބާސެލް އަތުން 3-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ޖަހައިދިނީ މަރުއާން ފެލައިނީ، ރޮމެލޫ ލުކާކޫ އަދި އުއްމީދީ ފޯވާޑް މާކަސް ރެޝްފޯޑް އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު ޕޯޗުގަލްގެ ބެންފީކާ ވަނީ 2-1 އިން ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން ބަލިވެފަ އެވެ.