ޗެލްސީ އާއި ޕީއެސްޖީ އަށް ތަފާތު ބޮޑު މޮޅުތަކެއް

ލަންޑަން (ސެޕްޓެމްބަރު 13) – ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުތަކުން ރޭ އިނގިރޭސި ޗެމްޕިއަން ޗެލްސީ އާއި ފްރާންސުގެ ގަދަބާރު ޕީއެސްޖީން ތަފާތު ބޮޑު މޮޅުތަކެއް ހޯދައިފި އެވެ.


ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ އަޒަރުބައިޖާނުގެ ފުރަތަމަ ޓީމު ކަމަށްވާ ގަރާބަގް އަތުން ޗެލްސީ އަމިއްލަ ދަނޑުގައި މޮޅުވީ 6-0 އިންނެވެ. ދުނިޔޭގެ ރެކޯޑް ޓްރާންސްފާއެއްގައި ބްރެޒިލްގެ ތަރި ނޭމާ ގެނެސްފައިވާ ޕީއެސްޖީން ރަށުން ބޭރުގައި ސްކޮޓްލެންޑުގެ ސެލްޓިކް އަތުން މޮޅުވީ 5-0 އިންނެވެ.

ޗެލްސީން ވަނީ މެޗުގެ ފަސް ވަނަ މިނެޓުގައި ޕެޑްރޯގެ ގޯލުން ލީޑު ހޯދައިފަ އެވެ. އެ ޓީމަށް 30 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދާދި ފަހުން ޓީމާ ގުޅުނު އިޓަލީ ފުލްބެކް ޑޭވިޑް ޒައްޕަކޮސްޓާ އެވެ. އަރިމަތިން ބޯޅަ ހިފައިގެން ކުރިއަށް އަރާ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލްކީޕަރު ބޯމަތިން ގޮސް ވަނީ ގޯލުގެ ކަނަށެވެ.

ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި އަޒްޕިލިކުއެޓާ ލީޑު ފުޅާކޮށްދިން އިރު 71 ވަނަ މިނެޓުގައި ހަތަރު ވަނަ ގޯލް ކާމިޔާބުކޮށްދިނީ މޮނާކޯ އިން ގުޅުނު ފްރާންސް މިޑްފީލްޑަރު ބަކަޔޯކޯ އެވެ. އޭގެ ފަސް މިނެޓު ފަހުން ފަސް ވަނަ ލަނޑު ޖަހައިދިނީ މިޝީ ބަޓްޝުއާއީ އެވެ. އެ ޓީމުގެ ފަހު ލަނޑަކީ ގަރަބަގްގެ މަކްސިމް މެޑްވެޑެފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ފުރަތަމަ މެޗުން ރަނގަޅު ނަތީޖާއަކުން މޮޅުވެ، ގިނަ ލަނޑުތަކެއް ޖަހައި، ބައިކޮޅަށް ލަނޑެއް ވައްދާނުލައި ނިންމާލެވުމުން ހިތްހަމަޖެހޭ ކަމަށާއި މެޗުން ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތަކެއް ފެނުނު ކަމަށެވެ.

ގްރޫޕް ސީ ގެ އަނެއް މެޗުގައި ރޯމާ އާއި އެތުލެޓިކޯ މެޑްރިޑް ވަނީ 0-0 އިން އެއްވަރުވެފަ އެވެ.

ސެލްޓިކުގެ ކުޅުންތެރިއެއް ކައިރިން ޕީއެސްޖީގެ ނޭމާ (ވ) ދެމި ގަންނަނީ. --ފޮޓޯ: އޭއެފްޕީ

ގްރޫޕް ބީ ގައި ސެލްޓިކް އަތުން 5-0 އިން ޕީއެސްޖީ މޮޅުވިއިރު އެޑިންސަން ކަވާނީ ދެ ލަނޑު ޖެހި އެވެ. އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ނޭމާ އާއި ކީލިއަން އެމްބާޕޭ ޖެހިއިރު އެއް ލަނޑަކީ ސެލްޓިކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ މޮނާކޯ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ހުނަރުވެރި ފޯވާޑް އެމްބާޕޭ އެ ޓީމަށް ދެ މެޗުން ޖަހައިދިން ދެ ވަނަ ގޯލެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ޖަރުމަނުގެ ބަޔާން މިއުނިކް ވަނީ ބެލްޖިއަމްގެ އެންޑަލެކްޓް އަތުން 3-0 އިން މޮޅުވެފަ އެވެ. މި މެޗުގެ 11 ވަނަ މިނެޓުގައި އެންޑަލެކްޓުގެ ސްވެން ކުމްސް އަށް ރަތްކާޑެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ފުރިހަމަކުރީ އެކަކު މަދުކޮށެވެ. އެ ފައުލާ އެކު ލިބުނު ޕެނަލްޓީން 12 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ރޮބަޓް ލެވޮންޑޮސްކީ އެވެ. ދެ ވަނަ ލަނޑު 65 ވަނަ މިނެޓުގައި ތިއާގޯ އަލްސަންޓްރާ ޖެހިއިރު ފަހު ލަނޑު 90 ވަނަ މިނެޓުގައި ވައްދާލީ ޖޯޝުއާ ކިމިޗެވެ.