މެންޗެސްޓާ (އޮކްޓޯބަރު 31) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ފާޑުކިޔަންވީ ސަބަބެއް އަދި ނުފެންނަ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އުމުރުން 24 އަހަރުގެ ލުކާކޫ މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވީ 75 މިލިއަން ޕައުންޑަށެވެ. ޔުނައިޓެޑަށް ލުކާކޫ ވަނީ މިހާތަަނަށް 11 ލަނޑު ޖަހައިފަ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ލުކާކޫ އަށް ޖެހުނީ އެންމެ ލަނޑެކެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބެންފީކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޮރީނިއޯ ބުނީ ސަޕޯޓަރުންގެ ފަރާތުން ލުކާކޫ އަށް ލިބެނީ ހައްގުނުވާ ފާޑުކިޔުންތަކެއް ކަމަށެވެ.
"ލުކާކޫ ޓީމަށް ކޮށްދޭ ކަންތައްތައް. ސްޓްރައިކަރެއްގެ ގޮތުގައި އޭނާ ދައްކާ ކުޅުން އަހަންނަށް ވަރަށް ފުރިހަމަ. އޭނާގެ މަސައްކަތަކީ ހަމައެކަނި ލަނޑު ޖެހުމެއް ނޫން،" ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.
ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު 1-0 އިން ޓޮޓެންހަމް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި އެ ޓީމުން ޖެހި ހަމަައެކަނި ލަނޑު އެންތަނީ މާޝިއަލް ކާމިޔާބުކުރީ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މޮރީނިއޯ އެ މެޗަށް ފަހު ބުނީ ޔުނައިޓެޑް ސަޕޯޓަރުންގެ ފަރާތުން އޭނާ އުއްމީދުކުރި ވަރުގެ ސަޕޯޓެއް ލުކާކޫ އަށް ނުލިބޭ ކަމަށެވެ.
މޮރީނިއޯގެ ކޯޗުކަމުގައި މިހާތަނަށް ޔުނައިޓެޑުގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ މާޝިއަލް އާއި މާކަސް ރެޝްފޯޑަށް އެއް ފަހަރާ ފުރުސަތު ނުލިބޭ ކަމަށް ބުނެ މީޑިއާގައި ދައްކާ ވާހަކަތަކަށް މޮރީނިއޯ ވަނީ ރައްދުދީފަ އެވެ.
"މީގެ އެއް ހަފްތާ ކުރިން އަހަރެން މާޝިއަލް އާއި ރެޝްފޯޑް އެކުގައި ކުޅުވިން (ސްވަންސީ މެޗުގައި). އެއްވެސް މައްސަލައެއް ނެތް ވަކި ކުޅުންތެރިންތަކެއް އެކުގައި ކުޅުވުމުގައެއް. ހަމައެކަނި ނުކުރެވޭނެ ކަމަކީ 12 ކުޅުންތެރިން އަރުވައިގެން ކުޅުން،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ޗެލްސީއާ ކުޅެން ޖެހޭ މެޗު އޮތަސް މިރޭ ބެންފީކާއާ ދެކޮޅަށް ދަށް ޓީމެއް ނެރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ކޮލިފައިވާން މި މެޗުން މޮޅެއް ބޭނުން ކަމަށް ބުންޏެވެ.
ޔުނައިޓެޑާއި ބެންފީކާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.