ލަންޑަން (މެއި 5) - ސްކޮޓްލޭންޑުގެ ރޭންޖާސްގެ ކޯޗަކަށް ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ހަމަޖައްސައިފި އެވެ.
ސްކޮޓްލޭންޑުގެ މަޝްހޫރު ކްލަބް ރޭންޖާސްއާ އުމުރުން 37 އަހަރުގެ ޖެރާޑް ހަވާލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިންގްލެންޑް ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ޖެރާޑް އޭނާގެ ކޯޗިން ކެރިއަރު ފެށީ މި ސީޒަނުގައި ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމުންނެވެ.
ޖެރާޑް ބުނީ ރޭންޖާސްގެ ހުށަހެޅުން ލިބުމުން ފުރުސަތުގެ ބޭނުން ހިފަން ބޭނުންވީ މިއީ އޭނާގެ ކޯޗިން ކެރިއަރު ފަށަން ރަނގަޅު ޕްރޮޖެކްޓަކަށްވާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"މިއީ ހުރިހާ ފަހަރަކު ލިބޭނެ ފުރުސަތެއް ނޫން. މި ވަރުގެ ސައިޒެއް އޮތް ޓީމެއް. މި ވަރުގެ ސަޕޯޓަރުންގެ ބޭސް އެއް އޮތް ޓީމެއް ކޯޗިން ކެރިއަރު ފަށަން ހިއެއް ނުވޭ އަވަހަށް ލިބޭނެހެން. އަހަންނަށް ޔަގީންކަން އެބައޮތް މި ކްލަބްގެ ސަޕޯޓަރުން އުފާކޮށްދެވޭނެ ކަމުގެ،" ޖެރާޑް ބުންޏެވެ.
އޭނާ ބުނީ މަތީ ފަންތީގެ ކްލަބެއްގެ ކޯޗެއްގެ މަގާމަށް އޭނާ އާ ވި ނަމަވެސް ލިބިފައިވާ ތަޖުރިބާ އަށް ބަލާއިރު ފުޓްބޯޅައިގައި ކޮންމެ ލެވެލެއްގައި ވެސް ކުރިޔަށް ދިއުމުގެ ހިތްވަރު އޭނާގެ ކިބައިގައި އެބަހުރި ކަމަށެވެ.
އަންނަ ސީޒަނުގައި ޓީމާ ހަވާލުވާއިރު، ޖެރާޑް އޭނާގެ އެސިސްޓަންޓަކަށް ހަމަޖައްސަން ނިންމާފައިވަނީ އޭނާއާ އެކު ލިވަޕޫލަށް ކުރިން ކުޅުނު ކުރީގެ ސްކޮޓްލޭންޑް ކެޕްޓަން ގެރީ މެކަލިސްޓާ އެވެ.
ޖެރާޑް ރޭންޖާސްއާ ހަވާލުވިއިރު، އެ ޓިމުގެ އެންމެ ބޮޑު ވާދަވެރިން ކަމަށްވާ މި ވަގުތު ސްކޮޓްލޭންޑުގެ އެންމެ ކާމިޔާބު ކްލަބް ސެލްޓިކްގައި ހުރީ ކުރިން ޖެރާޑަށް ލިވަޕޫލްގައި ކޯޗުކޮށްދިން ކޯޗު ބްރެންޑަން ރޮޖާސް އެވެ.
ރިޕޯޓްތައް ބުނާގޮތުން ޖެރާޑްގެ ކޯޗުކަމުގައި ރޭންޖާސް އިން ސޮއިކުރާނެ ފުރަތަމަ ކުޅުންތެރިއަކަށް ވެގެންދާނީ ޖެރާޑާ އެކު ލިވަޕޫލަށް ކުޅުުނު ސްލޮވާކިއާގެ މާޓިން ސްކާޓެލް އެވެ. އުމުރުން 33 އަހަރުގެ ސްކާޓެލް މިހާރު ހުރީ ތުރުކީ ފެނަބާޗޭގަ އެވެ.