ގްލާސްގޯ (މާޗް 8) - ބާކީ ހަ މެޗު އޮއްވައި ސްކޮޓްލެންޑް ލީގުގެ ޗެމްޕިއަންކަން ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ކުޅޭ ރޭންޖާސް އިން ހޯދައިފި އެވެ.
ރޭންޖާސް އަށް ޗެމްޕިއަންކަން ލިބުނީ ދެ ވަނައިގައި އޮތް ސެލްޓިކް ރޭ ޑަންޑީ ޔުނައިޓެޑާ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސްކޮޓްލެންޑްގެ ޗެމްޕިއަންކަން ހޯދަން ނުކުތް ސެލްޓިކަށް ހުރަސް އެޅީ ރޭންޖާސް އިންނެވެ. ރޭންޖާސް މި ލީގު ކަށަވަރުކުރިއިރު، މިއީ ފާއިތުވި 10 އަހަރު ތެރޭ އެ ޓީމުން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން ވެސް ބަލިވެފައިނުވާ ރޭންޖާސް އެއް ވަނައިގައި އޮތީ 20 ޕޮއިންޓުގެ ލީޑަކާ އެކީގަ އެވެ. ރޭންޖާސް އަށް 88 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސެލްޓިކުގެ އޮތީ 32 މެޗުން 68 ޕޮއިންޓެވެ.
މިއީ ޖެރާޑްގެ ކޯޗިން ކެރިއަރުގައި އޭނާ އަށް ލިބުނު ފުރަތަމަ ތަށްޓެވެ.
"މި ވަގުތު މި ކުރެވޭ އިހުސާސް ބުނެދޭން ވެސް އުނދަގޫ. އަހަރެން މި ޓީމާ ހަވާލުވިއިރު އަމާޒަކަށްވީ އެެއް ކަންތައް މި ހާސިލްވީ. މިއީ އަދިވެސް ކުރިއަށްގެންދެވޭނެ މަސައްކަތެއް. މި ޓީމަށް އިތުރު ކާމިޔާބީ ހޯދޭނެ. އަހަރެން ދެކޭގޮތުގައި މިއީ ފެށުމެއް،" މީގެ ތިން އަހަރު ކުރިން ރޭންޖާސްއާ ހަވާލުވި ޖެރާޑް ބުންޏެވެ.
ޗެމްޕިއަންކަން ކަށަވަރުވުމަށް ފަހު ރޭންޖާސް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 21 ވަނަ ދުވަހު ނުކުންނާނީ ސެލްޓިކާ ދެކޮޅަށެވެ.
މި ސީޒަނުގައި ރޭންޖާސް އަންނަނީ ޔޫރޮޕާ ލީގުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި ރޭންޖާސް ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގްއާ ދެކޮޅަށެވެ.