ލަންޑަން (އޭޕްރީލް 17) - ކޮރޯނާވައިރަހާ ހެދި މެދުކަނޑާލާފައިވާ ސްކޮޓްލެންޑްގެ ފުޓްބޯޅަ ލީގުތަކާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅަން ސްކޮޓިޝް ޕްރޮފެޝަނަލް ފުޓްބޯލް ލީގު (އެސްޕީއެފްއެލް) އިން އިސްވެ، ނަގާ ވޯޓާ މެދު ރޭންޖާސްގެ ކޯޗު ސްޓީވެން ޖެރާޑް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ސްކޮޓްލެންޑްގެ ޕްރިމިއަޝިޕް (އެއް ވަނަ ޑިވިޝަން) ނޫން ދަށް ޑިވިޝަނުގެ ލީގުތަށް ނިންމާލަން ނަގާ ވޯޓު ފާސްވުމަށް ބޭނުންވާ އަދަދު އިއްޔެ ހަމަވީ ޑަންޑީ އިން ވޯޓު ބަދަލުކުރުމުންނެވެ. ޑަންޑީން ވަނީ އެސްޕީއެފްއެލް އިން ލީގު ކެންސަލްކުރަން ހުށަހެޅުމުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދައިފަ އެވެ. އެކަމަކު ކުއްލިއަކަށް ޑަންޑީން ނިންމުން ބަދަލުކުރުމުން މިހާރު ވަނީ ދަށް ޑިވިޝަނުގެ ލީގުތަށް ކެންސަލްކުރަން ނިންމަން ތައްޔާރުވެފަ އެވެ.
ސްކޮޓްލެންޑްގެ 42 ކްލަބްގެ ވޯޓުގެ 81 އިންސައްތަ ވަނީ ދަށް ޑިވިޝަންތަކުގެ ލީގު ނިންމާލަން ލިބިފަ އެވެ. މިއީ މެޖޯރިޓީ އަށް ވުރެން ވެސް ގިނަ ވޯޓުތަކެއް ކަމަށް ބަލައި، ޕްރިމިއަޝިޕް ވެސް ކެންސަލްކުރުމުގެ އިހުތިޔާރު އެސްޕީއެފްއެލް ބޯޑަށް ލިބެ އެވެ. އެސްޕީއެފްއެލްގެ ބޯޑުން އަންނަނީ ޕްރިމިއަޝިޕް ވެސް ނިންމާލަން މަޝްވަރާކުރަމުންނެވެ.
މިހާރު އޮތް ހިސާބުން ލީގު ނިންމާލަން އެސްޕީއެފްއެލް އިން ކަނޑައަޅައިފިނަމަ ޕްރިމިއަޝިޕްގެ ޗެމްޕިއަންކަން ލިބޭނީ ސެލްޓިކަށެވެ. ލީގުގެ އެއް ވަނައިގައި ސެލްޓިކް އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި ޖެރާޑްގެ ރޭންޖާސް އޮތްއިރު، ލީގު ކެންސަލްކުރާ ނިންމުމާ އޭނާ ވަރަށް ބޮޑަށް ދެކޮޅެވެ.
"ވަރަށް ގަބޫލުކުރަން އުނދަގޫ ގޮތަކަށް ކަންތައްތައް މިދަނީ. މިއީ އެސްޕީއެފްއެލް އިން ލީޑަރުންގެ ގޮތުގައި ގޮތް ނިންމަންވީ ވަގުތު. އެއްގޮތަކަށް ވެސް މިހާރު ކަންތައްތައް އެ ވަމުންދާ ގޮތް ބަލައެއް ނުގަނެވޭ. މިއީ ފުޓްބޯޅައިގެ ރަނގަޅު އުސޫލުން ބޭރުން ހިނގާ ކަމެއް،" މީގެ ދެ އަހަރު ކުރިން ރޭންޖާސްގެ ކޯޗުކަމާ ހަވާލުވި ޖެރާޑް ބުންޏެވެ.
ޖެރާޑްގެ ވިސްނުމަށް ތާއީދުކޮށް، ރޭންޖާސް އިން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ އެސްޕީއެފްއެލް އިން ނަގާ ވޯޓުގައި ކަންތައްތައް ކުރަމުންދާ ގޮތް ތަހުގީގުކުރަން ގޮވާލައިފަ އެވެ. އަދި ޔުއެފާ އާއި ޔޫރަޕިއަން ލީގުން ވެސް ފުޓްބޯޅަ ސީޒަން ފުރިހަމަކުރަން ގޮވާލާފައިވަނިކޮށް އެސްޕީއެފްއެލް އިން ވަކިގޮތެއް ނުނިންމޭނެ ކަމަށް ރޭންޖާސް އިން ބުނެ އެވެ.