ގްލާސްގޯ (ނޮވެމްބަރު 2) - ސްކޮޓްލޭންޑް ލީގުގެ އެއް ވަނައިގައި ރޭންޖާސް މި ވަގުތު ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އޮތް ނަމަަވެސް އެއީ މާ ބޮޑު ކާމިޔާބެއް ކަމަށް ގަބޫލުކޮށް ލީގު ޓޭބަލަށް ނުބަލަން ރޭންޖާސް ކުޅުންތެރިން ގާތުގައި އެ ޓީމުގެ ކޯޗު ސްޓީވެން ޖެރާޑް އެދިއްޖެ އެވެ.
ހޮނިހިރު ދުވަހުގެރޭ ލީގުގައި ކިލްމަނޮކް އަތުން 1-0 އިން މޮޅުވެ ރޭންޖާސް ވަނީ 13 މެޗުން 35 ޕޮއިންޓް ހަަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތް ސެލްޓިކަށް 12 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.
މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ރޭންޖާސް ވަނީ މިހާތަނަށް ލީގުގައި ކުޅުނު 13 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޖެރާޑް ބުނީ މި ވަގުތު ކުޅުންތެރިންގެ ކޮންފިޑެންސް ލެވަލް ހިފަހައްޓަން އެންމެ ރަނގަޅު ގޮތަކީ ކޮންމެ މެޗަކީ ވެސް މޮޅުވުން މަޖުބޫރު މެޗެއް ކަމަށް ދުށުން ކަމަށެވެ.
"ކޮންމެ މެޗަކަށް ފަހު ވެސް މި އަންނަނީ މެޗު އެނަލައިޒްކުރަމުން. ރޭންޖާސް ސަޕޯޓަރުން ވަރަށް އުފާވާނެ ލީގުގެ އެއް ވަނައިގައި އަހަރެމެން އޮތީމަ. އެ އުފާ އެ މީހުންނަށް ދޫކޮށްލާފައި އަހަރެން ވިސްނާނީ މަސައްކަތަށް. އަހަރެން އެދެނީ ކުޅުންތެރިން ވެސް އަދި ޕޮއިންޓް ޓޭބަލަށް ބަލައިގެން މާ ބޮޑަށް އުފާނުވަން. އެއީ މިއީ ލީގުގެ ކުރީކޮޅު، އޯވަ ކޮންފިޑެންސްގެ ގޯސް އަސަރު ޓީމަށް ކުރަން އަހަރެން ނޭދެން،" ޖެރާޑް ބުންޏެވެ.
ލިވަޕޫލް ކުރީގެ ކެޕްޓަން ޖެރާޑް ބުނީ އެންމެ މުހިއްމުކަމަކީ ފަހަތުގައި އޮތް ޓީމަށް ނުވިސްނައި އަމިއްލަ ކޮންޓްރޯލްގައި ހުރި ޗެލެންޖްތަކާ ކުރިމަތިލުން ކަމަށެވެ.
އުމުރުން 40 އަހަރުގެ ޖެރާޑް މީގެ ހަތަރު އަހަރު ކުރިން ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ކޯޗިން ކެރިއަރު ފެށީ ލިވަޕޫލް ޔޫތު ޓީމުންނެވެ. ރޭންޖާސްއާ ހަވާލުވީ މީގެ ދެ އަހަރު ކުރިންނެވެ. ދުނިޔޭގެ ފުޓްބޯޅަ އަށް ބަލާއިރު ޓްރޮފީގެ ގޮތުން މުއްސަނދި ތާރީހެއް އޮތް ރޭންޖާސް އަލުން ގަދަބާރަކަށް ހެދުމަށް ޖެރާޑް ފަށާފައިވާ މަސައްކަތަށް އިނގިރޭސި ގިނަ ކޯޗުން އަންނަނީ ތައުރީފުކުރަމުންނެވެ.