ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ފެށުމަށް އެފްއޭއެމުން ނިންމައިފި އެވެ.

ޒޯން އޮފީސްތައް ގާއިމްކުރާ ރަށްރަށަކީ ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، ބ. އޭފަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކުގަ އެވެ. ސ. ހިތަދޫގައި ކުރީއްސުރެ ކުރިއަށްގެންދާ ވައިޑީޕީ އާއި އެހެނިހެން ޑިވެލޮޕްމަންޓް މަސައްކަތް ވަކި ކުރިއަށް ގެންދާނެ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވީ މިއީ ފީފާ ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅައިގެ ތަމްރީންތަކާއި މުބާރާތްތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށްގެންދެވޭނެ ކަމަށް ވިދާޅުވި އެވެ

"ކޮންމެ ޒޯނަކަށް އަޅުގަނޑުމެން ހަ ކޯޗުން ހަމަޖައްސައިދޭނަން. އޮފީސް ކުރިއަށްދާނީ ޒޯން ޑިވެލޮޕްމަންޓް އޮފިސަރެއްގެ ބެލުމުގެ ދަށުން،" ސާންތީ ވިދާޅުވި އެވެ. "ހުރިހާ ހިސާބެއްގައި ވެސް އެއް ކަރިކިއުލަމަކަށް ގެންދާނީ."

"އަތޮޅު ފުޓްބޯޅަ" ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓާ އެކު، މާލެ އަށް ފުޓްބޯޅަ ބަރޯސާވެފައިވާވުން ކުޑަވެގެންދާނެ އެވެ. އަދި ޔޫތު ޑިވެލޮޕްމަންޓާއި އިންޓަ ސްކޫލް މުބާރާތްތައް އެކު ސަރަހައްދުތަކަށް ބެހިގެން ދިއުމުން، މިހާރު ވެސް އެ ސަރަހައްދުތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިން ތަރައްގީކުރުމުގެ މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.

ސާންތީ ވިދާޅުވީ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުގެ 98 ޕަސެންޓް ނިސްބަތްވަނީ އަތޮޅުތެރެއަށް ކަމަށާއި އޭގެން ވެސް އެގެނީ އަތޮޅުތަކުގައި ފުޓްބޯޅައިގެ ހުނަރު އޮތް މިންވަރު ކަމަށެވެ.

އެފްއޭއެމުން އަންނަނީ 20 ރަށެއްގައި ނެޗުރަލް ގްރާސް ދަނޑުތަކެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ފީފާގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ޓާގެޓަކީ ކޮންމެ އަހަރަކު 20 ރަށެއްގައި ނެޗުރަލް ގްރާސް ޕިޗްތަކެއް ތައްޔާރުކުރުމެވެ.