ބާސެލޯނާ (ސެޕްޓެމްބަރު 13) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީގެ ނޭމާ އަލުން ބާސެލޯނާ އަށް ގެންނަން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަރަށް ބޭނުންވި ކަމަށް އޭނާ ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ ގެންނަން ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެކި ގޮތްގޮތުން މަސައްކަތްކޮށްފަ އެވެ. ބާސެލޯނާ ދޫކޮށް ނޭމާ ބޭނުންވީ މެސީގެ ހިޔަނިން ނުކުމެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާށެވެ. އެކަމަކު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގައި ނޭމާ ބޭނުންވާ ވަރުގެ ކާމިޔާބީތަކެއް ހާސިލްކުރެވޭނެ މަގެއް ނެތެވެ.
ބާސެލޯނާ އަށް އަލުން ނޭމާ ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރި ކުޅުންތެރިންނަކީ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އަދި ޖެރާޑް ޕީކޭ އެވެ. ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ ނޭމާ އެނބުރި އައިނަމަ ވަރަށް ބޮޑަށް އުފާވާނެ ކަމަށެވެ.
"ނޭމާ ހުރީ ވަރަށް އަންނަހިތުން. އަހަރެން ވެސް އޭނާ ގެންނަން ވަރަށް ބޭނުންވި. ނޭމާ މި ޓީމުން ދިޔައީ އެންމެ ރަނގަޅު ގޮތުގައި ނޫން ކަމަށް ވިޔަސް އަހަރެމެން އޭނަ އަށް ހުރިހާ ދޮރެއް ބަންދުކުރާކަށް ނެތިން،" މެސީ ބުންޏެވެ.
ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ތަފާތު ތިން ބިޑެއް ނޭމާ ހޯދަން ކޮށްފަ އެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ހަތަރު ކުޅުންތެރިއަކު ވެސް ހިމެނި އެވެ. އެއީ ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ޓޮޑީބޯ އާއި ވިންގް އޮސްމާން ޑެމްބެލޭގެ އިތުރުން ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް އަދި ބަޔާން މިއުނިކަށް މި ފަހަރު ބަދަލުވި ފިލިއްޕޭ ކުޓީނިއޯ އެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ނޭމާ ޑީލްގެ ތެރެއިން މި ހަތަރު ކުޅުންތެރިން ވެސް ޕީއެސްޖީ އަށް ދޫކޮށްލަން ނިންމިއިރު، އެކަން އެ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އޭޖެންޓުންނަށް ނާންގަ އެވެ. އޭގެ ސަބަބުން އެ ކުޅުންތެރިންނަށް މުސްތަގުބަލާ މެދު ސުވާލުއުފެދިފައި ތިބެން ޖެހުނު ކަމަށް އެ ކުޅުންތެރިންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ ސަބަބުން ބާސެލޯނާ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދުނު ކަމަށް މީޑިއާގައި އަޑުފެތުރުނެވެ.
މެސީ ބުނީ ބާސެލޯނާގެ އެއްވެސް ކުޅުންތެރިޔަކު ވަކި ކުޅުންތެރިޔަކު ދޫކޮށްލުމަށް ފަހު ނޭމާ ގެންނަން ލަފާނުދޭ ކަމަށާއި ކުޅުންތެރިންގެ ހިޔާލަކަށް އެދުމުން ގިނަ ކުޅުންތެރިން ވެސް ބޭނުންވީ ނޭމާ އަލުން ގެންނަން ކަމަށެވެ.
"ކަންތައްތައް ދިޔަ ގޮތް އެނގޭނީ ދެ ކްލަބަށް. ހާލަތަށް ބަދަލެއް ނާދޭ. ބާސެލޯނާ ޓީމު އޮތީ އެއް ރޫހެއްގައި،" މެސީ ބުންޏެވެ.
އުމުރުން 27 އަހަރުގެ ނޭމާ ވަނީ 2013 އިން 2017 އަށް ބާސެލޯނާ އަށް ކުޅެދިން 186 މެޗުން 105 ގޯލު ޖަހައިފަ އެވެ.
މެސީ ބޭނުންނަމަ އޭނާ އަށް މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލުމުގެ ހާއްސަ އިހުތިޔާރެއް ކޮންޓްރެކްޓްގެ ތެރެއިން ލިބެ އެވެ. އެކަމަކު މެސީ ބުނީ އޭނާ ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން ކަމަށާއި އެ ކްލަބަށް ވެސް އެ ޔަގީންކަން އޭނާއާ މެދު އޮންނާނެ ކަމަށެވެ.