ނޭމާ އަލުން ގެންނަން މެސީ ބޭނުންވޭ

ބާސެލޯނާ (މާޗް 14) – ނޭމާ އެނބުރި ބާސެލޯނާ އަށް އައުމަށް ލިއޮނަލް މެސީ އާއި އެ ޓީމުގެ ބައެއް ކުޅުންތެރިން ބޭނުންވާ ކަމަށާއި އެކަމަކު އެކަމާ އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ދެކޮޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ބާސެލޯނާ ދޫކޮށް 222 މިލިއަން ޔޫރޯ އަށް މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަށް އެކަމުގެ މޮޔަ ހީވެފައިވާ ކަމަށާއި އޭނާ އެނބުރި ބާސެލޯނާ އަށް ދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ އިން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މެސީ ވަނީ ނޭމާ އެނބުރި ގެންނަން ބޭނުންވާކަމަށް އޭނާގެ އެކުވެރިންނާއި އެކުގައި ކުޅޭ ކުޅުންތެރިން ގާތު ބުނެފަ އެވެ. އެކަމަކު އެކަމާ ބާސެލޯނާގެ ރައީސް ރުޅިގަދަވެފައިވާ ކަމަށްވެ އެވެ.

ނޭމާ ބާސެލޯނާ ދޫކޮށްލި އެއް ސަބަބަކީ، ބެލެވޭ ގޮތުގައި މެސީގެ ހިޔަނިން ސަލާމަތްވުމެވެ. ބާސެލޯނާގައި މެސީ ހުރުމާ އެކު ނޭމާ އަށް ލިބެންވާ ސަމާލުކަން ނުލިބެ އެވެ. އެކަމަކު ޕީޢެސްޖީ އަށް ބަދަލުވީ ނަމަވެސް އެކަމަށް ހައްލެއް ލިބުނު ކަމަށް ނުބެލެވެ އެވެ. ފްރާންސް ލީގުގެ މަގުބޫލުކަން ނިސްބަތުން ކުޑަވުމާއި އަދި ވާދަވެރިކަން ވެސް ކުޑަވުމުން އޭގެ ސަބަބުން ނޭމާ އަށް އަސަރުކުރާނެ ކަމަށް ބެލެވެ އެވެ.

އަންނަ ސީޒަނުގައި ޕީއެސްޖީން ނޭމާ ފެންނާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް ޕީއެސްޖީގެ ޗީފް އެގްޒެކްޓިވް އެންޓެރޯ ހެންރީކޭ ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އޭނާ އެ ކްލަބް ދޫކޮށްލާ ނަމަ ފެނުން ގާތީ ރެއާލް މެޑްރިޑުންނެވެ. ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ނޭމާގެ ބައްޕަ ވަނީ ފާއިތުވި ހަފްތާގައި ޕެރިހުގައި ދެ ވަކީލުންނާ އެކު ރެއާލް މެޑްރިޑްގެ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ. އަދި ރެއާލުގެ އޮފިޝަލުން ވަނީ ނޭމާ އަށް އެ ކްލަބުން 400 މިލިއަން ޔޫރޯ ހުށަހަޅަށް ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.