މެސީ 700 ގޯލް ހަމަކޮށްފި، އެކަމަކު ބާސެލޯނާ އަށް ހާސްކަން

ބާސެލޯނާ (ޖުލައި 1) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ 2-2 އިން އެއްވަރުވި މެޗުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ ކެރިއަރުގެ 700 ވަނަ ގޯލް ޖެހި ނަމަވެސް މި މެޗުން ދެ ޕޮއިންޓް ގެއްލުމުން ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި ބާސެލޯނާ އަށް ހާސްކަމާ ކުރިމަތިލާންޖެހިއްޖެ އެވެ.


ރޭ ބާސެލޯނާ އަށް މޮޅުނުވެވުމުން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރަން ރެއާލް މެޑްރިޑަށް ވަނީ ފުރުސަތު ލިބިފަ އެވެ. ރެއާލް މި ވަގުތު އެއް ވަނައިގައި އޮތީ 32 މެޗުން 71 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 33 މެޗުން 70 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ އަށް 33 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ބާސެލޯނާ އިން ފަހަކާ ޖެހެންދެން އެއް ވަނައިގައި އޮތް ނަމަވެސް، ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަލުން ފަށައިގެން ކުޅެ ތިން މެޗަކުން އެއްވަރުވުމުން ލީޑު ގެއްލުނީ އެވެ.

ބާސެލޯނާ އަށް ރޭގެ މެޗުގައި ލީޑު ލިބުނީ އެތުލެޓިކޯގެ ޑިއޭގޯ ކޮސްޓާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މެޗުގެ 11 ވަަނަ މިނިޓްގައި މެސީ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކޮސްޓާ ފައިގައި ޖެހިފައި ބޯޅަ ބައިކޮޅަށް ވަނީ އެވެ. މެޗުގެ 19 ވަނަ މިނިޓްގައި އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން ސައުލް ނިގޭޒް އެވެ. މިއީ އެތުލެޓިކޯގެ ޔަނިކް ކަރަސްކޯ އަށް ބާސެލޯނާގެ އާޓޫރޯ ވިޑާލް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ފުރަތަމަ ކޮސްޓާ ޖެހި ޕެނަލްޓީ ބާސެލޯނާ ކީޕަރު ޓާ ސްޓެގެން މަތަކުރި ނަމަވެސް އޭނާ އެ ބޯޅަ ހުއްޓުވީ ކުރިއަށް ޖެހިގެން ހުރެ ކަމަށް ބަލައި އަލުން ޖަހަން ދިނުމުން ސައުލް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

އަލުން ލީޑުނަގަން ބާސެލޯނާގެ ލިއޮނަލް މެސީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. ބާސެލޯނާ އަށް އަލުން ކުރިހޯދައިދިން ލަނޑު ޖެހީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލިބުނު ޕެނަލްޓީ އަކުން މެސީ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި މެސީ ކާމިޔާބުކުރި މި ޕެނަންކާ ޕެނަލްޓީއާ އެކު ކެރިއަރުގައި 700 ވަނަ ގޯލް ހަމަކުރީ އެވެ. މި ޕެނަލްޓީ އަކީ އެތުލެޓިކޯގެ ފިލިއްޕޭ ބާސެލޯނާގެ ނެލްސަން ސެމޭޑޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މިހާތަނަށް 700 ގޯލު ހަމަކޮށްފައިވަނީ ހަތް ކުޅުންތެރިއެކެވެ. އޭގެތެރެއިން މިހާރު ކުޅެމުން އަންނަނީ މެސީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ 726 ގޯލު ޖަހައިފަ އެވެ. އެންމެ ގިނަ ގޯލު ޖެހި ލިސްޓުގެ ކުރީގައި އޮތީ ޗެކް-އޮސްޓްރިއަންގެ ކުރީގެ ތަރި ޖޯސެފް ބިކޭން އެވެ. އޭނާ ވަނީ ކެރިއަރުގައި 805 ގޯލު ޖަހައިފަ އެވެ.

އެތުލެޓިކޯ އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ ވެސް ޕެނަލްޓީ އަކުން ޖެހި ގޯލަކުންނެވެ. މެެޗުގެ 62 ވަނަ މިނިޓްގައި މި ޕެނަލްޓީ ކާމިޔާބުކުރީ ސައުލް އެވެ. މި ޕެނަލްޓީއާ މެދު ބާސެލޯނާ އިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. އެއީ ކަރަސްކޯ އަށް ސެމޭޑޯ ފައުލުނުކުރާ ކަމަށް ބުނެ އެވެ.

މެޗުން މޮޅުވާން ބާސެލޯނާ ކުޅުންތެރިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެންމެ ރަނގަޅު އެއް ހަމަލާ ފޮނުވާލީ ވިޑާލް އެވެ. އެ ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެންގެ މަގާމާ މެދު ސުވާލު އުފެދިފައިވާއިރު، ރޭގެ ނަތީޖާއާ އެކު އޭނާ އަށް އޮތް ޕްރެޝަރު ވެސް އިތުރުވާނެ އެވެ. މެޗަށް ފަހު ސެޓިއެން ބުނީ ކުޅުންތެރިން އަދިވެސް ތިބީ އެކުގައި މިކަން ކުރެވޭތޯ މަސައްކަތް ކުރަން ކަމަށެވެ.

"ކުޅުންތެރިންގެ ރޫހު އެބައޮތް މަސައްކަތްކުރަން. އެކަމަކު އަހަންނާ ބައްދަލުކޮށްފައި ބޯޑު މެމްބަރުން ދެއްކި ވާހަކަތަކަކީ އެންމެ ރަނގަޅު ވާހަކަތަކަކަށް ނުވެދާނެ. އެއީ މީޑިއާގައި ދައްކަން ޖެހޭ ވާހަކަތަކެއް ކަމުގައި ނުދެކެން،" ސެޓިއެން ބުންޏެވެ.

އެތުލެޓިކޯ ދޫކޮށް މި ސީޒަނުގައި ބާސެލޯނާ އަށް ބޮޑުއަގުގައި ގެނައި އެންޓޮއިން ގްރީޒްމަން ރޭގެ މެޗުގައި ކުޅެން އެރީ ފަހު ވަގުތުކޮޅުގަ އެވެ. ސެޓިއެން ބުނީ އެއީ ޓެކްޓިކަލް ނިންމުމެއް ކަމަށާއި ފުރުސަތު ލިބޭނީ އެ އިރެއްގައި އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިންނަށް ކަމަށެވެ.