25 ޑިސެމްބަރ 2020 - 10:55
ނިއުދިއްލީ (ޑިސެމްބަރު 25) - އިންޑިއަން ޕްރިމިއާ ލީގު ކްރިކެޓް މުބާރާތަށް މަހުޖަނުންގެ ޝައުގުވެރިކަން ބޮޑުވެ އެންމެ ފަހުން އެ މުބާރާތުގައި ކުޅޭ ޓީމުތަކުގެ އަދަދު 10 އަކަށް އިތުރުކުރަން ނިންމައިފި އެވެ.
ދަ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) އިން އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު އައިޕީއެލްގައި ޓީމު އިތުރުކުރަން ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފަ އެެވެ. އެކަމަކު އެއީ ކޮން އަހަރަކުން ފެށިގެން ކަމަށް ބުނެފައެއްނުވެ އެވެ. އެކަމަކު އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން 10 ޓީމާ އެކު ބޭއްވާ ފުރަތަމަ އައިޕީއެލް އޮންނާނީ 2022 ވަނަ އަހަރު އެވެ.
ދުނިޔޭގެ މަޝްހޫރު ޓީ20 އައިޕީއެލް މުބާރާތުގެ 14 ވަނަ އެޑިޝަން ފަށާނީ އަންނަ މާޗް މަހުގަ އެވެ. ބީސީސީއައި އިން 10 ޓީމާ އެކު އަންނަ އަހަރު ލީގު ރީބްރޭންޑް ކުރަން ވިސްނި ނަމަވެސް އެކަން ކުރަން ބޭނުންވާ ކަންކަން ފުރިހަމަކުރަން އެކަށީގެންވާ މުއްދަތެއް ނެތުމުން އެއް އަހަރަށް މަޑުޖައްސާލަން ނިންމީ އެވެ.
ބީސީސީ އައި އިން ބުނީ އައިޕީއެލް އަށް ގެންނަން މި ނިންމި ބަދަލުތަކާ ގުޅިގެން ދެން ހުރި ކަންކަން ފުރިހަމަކުރުމުގެ ޒިންމާ އޮތީ އައިޕީއެލްގެ ޖެނެރަލް ކައުންސިލް އަށް ކަމަށެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އައިޕީއެލްގެ ޓީމު އިތުރުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ މި ލީގަށް އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ މަހުޖަނުންގެ ޑިމާންޑް އިތުރުވާން ފެށުމެވެ. އެ ގޮތުން ޔޫރަޕްގެ ބައެއް އިންވެސްޓަރުންނާއި އިންޑިއާގެ ބައެއް ވިޔަފާރިތަކުން އަންނަނީ އަމިއްލަ ޓީމެއް އައިޕީއެލް އަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އައިޕީއެލް އަށް މި އަންނަ ބަދަލާ ގުޅިގެން ގިނަ ކަންތައްތަކެއް ކުރިއަށް ވުރެން ރަނގަޅުވާނެ އެވެ. އެ ގޮތުން ބޮޑު އަގު ދީފައި ޓީމުތަކަށް ގެންދާ ކުޅުންތެރިންގެ އިތުރުން ކޮންޓްރެކްޓް އާ ކުރާ ކުޅުންތެރިންނަށް ދޭ މުސާރަތައް ވެސް ބޮޑުވާނެ އެވެ. އިންޑިއާ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ނަގަނީ އިންޑިއާ ގައުމީ ޓީމުގެ ކެޕްޓަން ވިރާޓު ކޯލީ އެވެ. އޭނާ އަށް ސީޒަނަކަށް 2.3 މިލިއަން ޑޮލަރު ދެ އެވެ. ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ އަގުބޮޑީ 2.1 މިިލިއަން ޑޮލަރު ލިބޭ އޮސްޓްރޭލިއާގެ ޕެޓްރިކް ކަމިންސް އެވެ.
މި އަހަރުގެ އައިޕީއެލް ސީޒަން ކުރިއަށް ގެންދަން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19ގެ ސަބަބުން އައި ހުއްޓުމެވެ. އެކަމަކު ތަކުރާރުކޮށް ކުރެވުނު މަސައްކަތާ އެކީ އެންމެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި އައިޕީއެލް ސީޒަން ފުރިހަމަކުރި އެވެ. މުބާރާތް ކާމިޔާބުކުރީ މުމްބާއީ އިންޑިއަންސް އެވެ.
މީގެ ކުރިން ޓީވީ ރައިޓްސް އާއި އެ ނޫން އާމްދަނީ އަށް ބަލާއިރު އައިޕީއެލް އިން މަދުވެގެން ފަސް ބިލިއަން ޑޮލަރު ހޯދަ އެވެ. އެކަމަކު ކޮވިޑާ ހެދި މި ފަހަރު 22 ޕަސެންޓްގެ ވެއްޓުމެއް އައިއިރު ލިބުނީ 4.4 ބިލިއަން ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy