މެޑްރިޑް (5 މެއި) - ސްޕެއިނާއި ޕޯޗްގަލް ކުޅުނު މެޗުގައި، ދަނޑުގައި ތިބި ސަޕޯޓަރުންގެ ފަރާތުން ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރައްސާރަކޮށްފި އެވެ.

އަންނަ ހަފުތާގައި ފަށާ، ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ކުޅުނު އެކުވެރި ކަމުގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޯޕޮލިޓަނާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ސަޕޯޓަރުން ވަނުމުގެ ހުއްދަ ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަނުން ދިނެވެ.

މެޗު ފެށުމުގެ ކުރިން ބޭއްވި ވާމްއަޕް ޓްރޭނިންގައި ރޮނާލްޑޯ ގެންނަ ކޮންމެ ހަރަކާތަކާ އެކު، ސަޕޯޓަރުންގެ ފަރާތުން ޖެއްސުން ކުރުމުގެ ނިޔަތުގައި ތުނބުން ފުމުމާއި އަޑުލެއްވުމުގެ އަމަލުތައް ފެނިގެން ދިޔަ އެވެ. މެޗުގައިވެސް ރޮނާލްޑޯ ފައިގައި ބޯޅަ ޖެހޭ ވަގުތު ވެސް އެގޮތަށް އެކަންތައް ތަކުރާރު ކުރި އެވެ.

ސަޕޯޓަރުންގެ މަލާމަތާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނު އަނެއް ކުޅުންތެރިޔަކީ، އެތުލެޓިކޯ މެޑްރިޑް ދޫކޮށް މިދިޔަ ސީޒަންގައި ޔުވެންޓަސްއަށް ކުޅުނު އަލްވާރޯ މޮރާޓާ އެވެ.

ރެއާލް މެޑްރިޑް ދޫކޮށް 2018 ވަނަ އަހަރު ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވުމުން، ރެއާލްގެ ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުންތައް ރޮނާލްޑޯއަށް އެބައޮތެވެ. ވަންޑާމެޓްރޯޕޮލިޓާނާ ސްޓޭޑިއަމްއަށް ރޭ ވަން ސަޕޯޓަރުންގެ ތެރޭގައި ގިނައީވެސް ރެއާލް އާއި އެތުލެޓިކޯގެ ސަޕޯޓަރުންނެވެ. ރޮނާލްޑޯ އާއި މޮރާޓާއަށް އެވަރު އަރުވާލީ އެ ދެ ކްލަބުގެ ސަޕޯޓަރުންގެ ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމުގެ ގޮތުންނެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިޔަކު ނުނަގައި ޔޫރޯ އާ ކުރިމަތިލާ، ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭއަށް ވެސް މެޗުގެ ކުރިން މާލާމާތްކޮށް ހިތްހަމަނުޖެހުން ފާޅު ކުރި އެވެ.

"އަހަރެން އެކަމާ ކުޑަކޮށްވެސް އަޅައެއް ނުލަން. އަހަންނާ ދިމާލަށް ތުނބުމުންވެސް ފުމެ މަލާމަތް ކުރިއަސް އަހަރެން އަޅައެއް ނުލަން. އެކަމަކު ކުޅުންތެރިންނާ ދިމާލަށް އެގޮތަށް ހެދުމަކީ އަހަރެން ގަބޫލު ކުރާނެ ކަމެއް ނޫން." މެޗަށް ފަހު ވާހަކަ ދައްކަމުން އެންރީކޭ ބުންޏެވެ.