11 ޖޫން 2021 - 14:40
ނަން: ކްރިސްޓިއާނޯ ރޮނާލްޑޯ ޑޮސް ސަންތޯސް އަވޭރޯ (ކްރިސްޓިއާނޯ ރޮނާލްޑޯ)
އުފަން ތާރީހް: 5 ފެބްރުއަރީ 1985 (36 އަހަރު)
ގައުމު: ޕޯޗުގަލް
ކްލަބް: ޔުވެންޓަސް (އިޓަލީ)
ކުޅޭ މަގާމު: ފޯވަޑް
ގައުމީ ޓީމަށް ކުޅެން ފެށީ: 2003 ވަނަ އަހަރު
ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. މިހާރު ޕޯޗުގަލް ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޕޯޗުގަލް އަކީ މޮޅު ކުޅުންތެރިންތަކެއް ނެރެފައިވާ ގައުމެކެވެ. ޔުސޭބިއޯ އާއި ލުއިސް ފީގޯ އާއި ރުއި ކޮސްޓާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނެވެ. އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، މި ކުޅުންތެރިންނަށް ވުރެ ރޮނާލްޑޯ އުޅޭނީ މާ ކުރީގަ އެވެ.
ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން ކެރިއަރު ފެށުމަށް ފަހު، މެންޗެސްޓާ ޔުނައިޓަޑާއި ރެއާލް މެޑްރިޑަށް ވެސް ކުޅެފައިވާ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޕޯޗުގަލްގެ ގަައުމީ ޓީމަށް 170 އަށް ވުރެ ގިނަ މެޗު ކުޅެ، 100 އަށްވުރެ ގިނަ ލަނޑު ޖަހައިފަ އެވެ. ރޮނާލްޑޯ އަކީ މިހާރު ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމާއި، އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ.
ޔޫރޯގައި ރޮނާލްޑޯ އެންމެ ފުރަތަމަ ކުޅުނީ 2004 ވަނަ އަހަރު އެވެ. ގައުމީ ޓީމަށް ރޮނާލްޑޯ އެންމެ ފުރަތަމަ ލަނޑެއް ވެސް ޖެހީ އެ މުބާރާތުގަ އެވެ. މިހާތަނަށް ރޮނާލްޑޯ ހަތަރު ފަހަރު ޔޫރޯގައި ކުޅެފައިވާއިރު، އޭނާ ވަނީ ޖުމްލަ ނުވަ ލަނޑު ޖަހައިފަ އެވެ. ނުވަ ލަނޑާ އެކު ރޮނާލްޑޯ ވަނީ ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. މި އަހަރުގެ ޔޫރޯގައި ލަނޑެއް ޖަހައިފި ނަމަ، ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯ އަށް ލިބޭނެ އެވެ.
ޕޯޗުގަލް އިން 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަންގެ ގޮތުން ރޮނާލްޑޯ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ. މިއީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އެ މުބާރާތުގައި ރޮނާލްޑޯ ވަނީ ތިން ލަނޑު ޖަހައި، ތިން އެސިސްޓްކޮށްފަ އެވެ.
މި އަހަރުގެ ޔޫރޯ އަކީ ރޮނާލްޑޯ މި މުބާރާތުގައި ކުޅޭ ފަހު ފަހަރަށްވެދާނެ އެވެ. ޕޯޗުގަލް ތަށި ދިފާއުކުރަން ނުކުންނައިރު، ރޮނާލްޑޯގެ މުހިންމުކަން އެ ޓީމަށް ބޮޑުވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލްސާ
27 July 2024
ރޮނާލްޑޯ ބިގް ފޭން.